Oct 30, 2010

އީސާގެފާނު ދެއްކެވި ރީތި ނަމޫނާ (3)

ކިޔަމަންވާ މީހުން
އެބައިމީހުން އެކަލޭގެފާނަށްޓަކާ ގުރުބާން ކުރާނެ
o       އާއިލާ
o       ފުރާނާ
o       މުދާ
o       ގަދަރާ އިއްޒަތް
ﷲއައް ބިރުވެތިވެ އީސާގެފާނަށް ތަބާވާނެވެ

އެބައިމީހުން އެކަމުގެ އަގުވަޒަން ކުރާނެ
މިސާލަކަށް ކަލޭމެންގެ ތެރެއިން މީހަކު ބޮޑު އިމާރާތެއް ބިނާކުރަން ބޭނުން ވެއްޖިއްޔާ އެމީހަކު ފުރަތަމަ ރަނގަޅަށް ބަލާނީ އެކަން ކުރާ ވަރަށް އެމީހާގެ އަތުގައި ފައިސާ ހުރިތޯ އެއް ނު؟ އެއީ އޭނާ އެ ބޮޑު އިމާރާތް ބިނާ ކުރުމަށްޓަކާ ބިންގާ އަޅާ ހެދުމަށްފަހު އެ އިމާރާތް ނުނިންމައިފި ނަމަ އެ އިމާރާތް ފެންނަ ކޮންމެ މީހަކުމެ އޭނާއަށް މަލާމަތް ކުރާނެތީ. އެމީހުން ބުނާނެ އެއްނު. ’މީނަ މިތަން ހަދަން ފަށައިފައި ނުވެސް ނިންމުނު.‘ ދިހަ ހާސް ސިފައިން ވާ ރަސްކަލަކު އޭނާ އާއި އިދިކޮޅަށް ވިހި ހާސް ސިފައިން ގޮވައިގެން ހަނގުރާމައަށް އަންނަ ރަސްގެފާނު ބަލިކުރެވިދާނޭ ތޯ ފުރަތަމަ ނުވިސްނާ ފިޔަވަޅެއް އަޅާނެ ތަ؟ އޭނާއަށް އެކަން ނުވާނެކަން އެނގުމުން އޭނާ އާއި ހަނގުރާމަ ކުރުމަށް އަންނަ ރަސްގެފާނު އެރަށާއި އެތައް ދުރުމިނެއްގައި ވަނިކޮށް ވަފުދެއް ފޮނުވާ ސުލްޙަ ވުމަށް އެދޭނެއެއް ނު؟
  ލޫކާސް 14:28-32

ދޮރުވަރަށް ހަންޏެވެ
މީހަކު އެކަލޭގެފާނު ކުރެން ސުވާލު ކުރެއްވިއެވެ. ”މާތްސާހިބާ. ދިންނެވުން ލިބޭނީ ވަރަށް މަދު މީހަކަށް ތޯ؟“
އީސާގެފާނު ވިދާޅުވިއެވެ. ސުވަރުގެއަށް ވަނުމަށް ވާ ދޮރު ވަރަށް ހަނި. އެ ހަނި ދޮރުން ވަދެވޭތޯ ބެލުމަށް ވީހާވެސް މަސައްކަތެއް ކުރޭ. އެއީ އެތައް ބަޔަކުވެސް އެހަނިދޮރުން ވަންނަން އުޅޭނެ، ނަމަވެސް ނުވަދެވޭނެ.
 ލޫކާސް 13:23-24


އެކަލޭގެފާނަށް ތަބާނުވާ މީހުން - ނަރަކާގައި ގަދަފަދަ އަޒާބު ވާކަން ނޭގެނީއެވެ
ގޭގެ ވެރިޔާ ދޮރު ލެއްޕުމުން ކަލޭމެން ތިބެން ޖެހޭނީ ބޭރުގަ. އޭރުން ކަލޭމެން ދޮރުގައި ޓަކިދީ ގޮވާނެ.ވެރިމީހާއޭ. އަޅުގަނޑުމެން ވަންނަން ދޮރުހުޅުވާ ދެއްވާށޭ.‘ ނަމަވެސް އޭނާ ޖަވާބުދޭނެ. ’އަހަރެންނަކަށް ކަލޭމެން ތިޔައީ ކޮންތާކުން އައި ކޮންބައެއް ކަމެއް ނޭނގެއޭ.‘ ދެން ކަލޭމެން ބުނާނެ. ’އަޅުގަނޑުމެން ކަލޭގެފާނާއި އެކު ކައި ބޮއި ހެދީމެއް ނޫންތޯއޭ؟ ކަލޭގެފާނު އަޅުގަނޑުމެންގެ ރަށުގެ މަގުތަކުގައި ކިޔަވާ ވެސް ދެއްވީމެއް ނޫންތޯއޭ؟‘ އޭނާ ޖަވާބުގައި ބުނާނެ. ’އަހަރެންނަކަށް ކަލޭމެން ތިޔައީ ކޮންތާކުން އައި ކޮންބަޔަކު ކަމެއްވެސް ނޭނގެއޭ. އޭ ނުބައި ވެގެންވާ ކަންތައްތައް ކުރާ މީހުންނޭ. އަހަރެންގެ ކައިރިން ދުރަށް ދާށޭ.‘ އެތަނުގައި ހިތާމަ އާއި ރުއިމާ ކުކުރުން ވާނެ. އިބުރާހީމުގެފާނާއި އިސްހާގުގެފާނާއި ޔައުގޫބުގެފާނާއި އަދި ހުރިހާ ރަސޫލުންނެއް ވެސް މާތްރަސްކަލާނގެ ޙަޒުރަތުގައި ވާތަން ކަލޭމެންނަށް ފެންނާނެ. ނަމަވެސް ކަލޭމެން އެތަނުން ބޭރު ކުރެވޭނެ. މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކުން މީސްތަކުން އައިސް *މާތްރަސްކަލާނގެ ރަސްކަންފުޅުގެ ޙަޒުރަތުގައިވާ ބޮޑު ކެއުމުގައި އެމީހުންނަށްޓަކާ ޚާއްސަ ކުރެވިފައިވާ މަޤާމުތަކުގައި އިށީންނާނެ. ހަމަކަށަވަރުން މިހާރު އެންމެ މަތިވެރި މީހުންގެ ތެރެއިން ބައެއްމީހުން އެންމެ ދަށް މީހުން ކަމުގައި ވާނެ. އަދި މިހާރު އެންމެ ދަށް މީހުންގެ ތެރެއިން ބައެއްމީހުން އެންމެ މަތިވެރި މީހުން ކަމުގައި ވާނެ.“
ލޯކާސް 13:24-30
އެކަލޭގެފާނަށް ތަބާނުވާ މީހުން އެކަލޭގެފާނުގާތުން ޖާގައެއްނެތެވެ
އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން، އަހަރެންގެ ބައްޕާފުޅު، މާތްރަސްކަލާނގެ ދެއްވާ މަތިވެރި ބާރާއި އެކަލާނގެ *މަލާއިކަތުންނާއިއެކު އަލުން އެނބުރި މިދުނިޔެއަށް އަންނާނަން. އެދުވަހުން އަހަރެންގެ ނަންގަނެ އަހަރެންގެ ބަސްތަކުގެ ވާހަކަދައްކާ އުޅެން ލަދު ގަތް މީހުންނަށް އަހަރެންގެ ގާތުގައި އެއްވެސް ޖާގައެއް ނުލިބޭނެ. 
ލޫކާސް 9:26

އެކަލޭގެފާނަށް ތަބާނުވާ މީހުން ބިންގަލެއްނެންނަމަ ފުނޑުފުނޑު ވެވީރާނާވެއެވެ
ނަމަވެސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުނުކޮށް އުޅޭ މީހަކީ ބިންގަލަކާ ނުލާ މަޑު ފަސްގަނޑެއްގެ މަތީގައި ގެއެއް އެޅި މީހަކާއި އެއްފަދަ މީހެއް. ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް ލިބުމާއިއެކު މުޅި ގެ ފުނޑުފުނޑުވެ ވީރާނާވެ ނެތި ހިނގައްޖެ.“
ލޫކާސް 6:49

އީސާގެފާނު އެނގެވި ގޮތް ނަހީކޮއްފި މީހަކަށް (އެކަލޭގެފާނަށް ތަބާނުވާ މީހުން  މާތްﷲގެ ރުއްސުން ލެއްވުމެއްނުވެއެވެ.
އެހެންމީހަކު ވެސް އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ! އަޅުގަނޑު ކަލޭގެފާނާއި އެކު ދާނަން. ނަމަވެސް ފުރަތަމަ އަޅުގަނޑު ގޮސް އަޅުގަނޑުގެ އާއިލާގެ މީހުންނާއި ހިތްހެޔޮކޮށް ސަލާމް ކޮށްފައި އަންނާނަން.“ އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ބިންކޮނުމަށް އުދަލީގައި ހިފުމަށްފަހު ފަހަތަށް ޖެހިއްޖެ މީހަކީ މާތްރަސްކަލާނގެ ރަސްކަންފުޅަށް ޚިދުމަތްކުރުމަށް އެކަށީގެންވާ މީހެއް ނޫން.
ލޫކާސް 9:61-62

އީސާގެފާނު އެންގެވި ގޮތްތަކަށް ޢަމަލުކޮށްފި މީހުންނަށް  ހެޔޮރަޙްމަތާއި، ދާޢިމި މަންޒިލެއް ލިބޭނެއެވެ
ބަދުރު އީސާގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑުމެން ކަލޭގެފާނާއިއެކު ދިޔުމަށްޓަކާ އަޅުގަނޑުމެންގެ އަތުގައި ވާ ހުރިހާ އެއްޗެއް ދޫކޮށްލީން.“ އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”އަހަރެން މިބުނާ ވާހަކަ ޤަބޫލުކުރޭ. އެއްވެސް މީހަކު އަމިއްލަ ރަށާއި، އަނބިމީހާ ނޫނީ ތިމާގެމީހުން ނުވަތަ މައިންބަފައިން ނޫނީ ތިމާގެ އަމިއްލަ ދަރިން މާތްރަސްކަލާނގެ ރަސްކަންފުޅުގެ ހައްޤުގައި ދޫކޮށްލަން ޖެހިއްޖެ ހިނދަކު ދޫކޮށްލައިފި ނަމަ އެމީހަކަށް އެއަށްވުރެ އެތައް ގުނައެއް އިތުރަށް މިދުނިޔޭގައި ދެއްވާނެ. އަދި އެމީހަކަށް އަންނަން އޮތް ދުނިޔޭގައި ނިމުމެއްނުވާ ދެމިހުރި ހަޔާތެއް ވެސް ލިބޭނެ.
ލޫކާސް 18:28-30

އީސާގެފާނު އެންގެވި ގޮތްތަކަށް ޢަމަލުކޮށްފި މީހުންނަށް އެކަލޭގެފާނަށް ތަބާވާމީހުންގެ ފުރާނަ ސަލާމަތްވާނެ
އަމިއްލަ ފުރާނަ ސަލާމަތް ކުރަން އުޅޭ ކޮންމެ މީހަކަށް ހަޤީޤީ ދިރިއުޅުން ގެއްލޭނެ. ނަމަވެސް އަހަރެންނަށްޓަކާ އެމީހެއްގެ ފުރާނަ ދޭ މީހަކަށް ހަޤީޤީ ދިރިއުޅުން ލިބޭނެ.
ލޫކާސް   9:24
އީސާގެފާނު އެންގެވި ގޮތްތަކަށް ޢަމަލުކޮށްފި މީހުންނަށް ބިނާކު ރެވިފައިވަނީ ރަނގަޅަށް ކަމުންއެއައް ގުޑުމެއްނެރި
އަހަރެން ކައިރިއަށް އައިސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުކޮށް އުޅޭ މީހެއްގެ މިސާލު ބުނަން ތަ؟ އޭނާއަކީ ބިން ފުންކޮށް ކޮނެ ވަރުގަދަ ބިންގަލެއް އަޅާ އޭގެމަތީ ގެއެއް ބިނާކުރި މީހާގެ މިސާލު. ކަނޑު ގަދަވެ ރާޅު އަރައި ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް އައި. ނަމަވެސް އެގެ ބިނާ ކުރެވިފައި ވަނީ ރަނގަޅަށް ކަމުން އެގެއަކަށް ގުޑުމެއް ނޭރި. 
ލޫކާސް 6:47-48
ތިޔަބައިމީހުން ބޭނުންވާ ގޮތް
އީސާގެފާނަށް ތަބާވާށެވެ
އަމިއްލަޔަށް އުޅޭނެވެ
އެކަމު އެކަލޭގެފާނުގެ ބަސް ހަނދާންކުރާށެވެ:
އަމިއްލަ ފުރާނަ ސަލާމަތް ކުރަން އުޅޭ ކޮންމެ މީހަކަށް ހަޤީޤީ ދިރިއުޅުން ގެއްލޭނެ. ނަމަވެސް އަހަރެންނަށްޓަކާ އެމީހެއްގެ ފުރާނަ ދޭ މީހަކަށް ހަޤީޤީ ދިރިއުޅުން ލިބޭނެ.

No comments:

Post a Comment