Oct 20, 2010

އާނއެކެވެ. އިންސާނާއަކީ ކުށްވެރިއެކެވެ.


     *އަލްފާ*
މާތްކަލާނގެ ކުރެއްވި އަމުރުފުޅާ ދެބަސްވެގަތީ ދުނިޔޭގައި ތިބި ހުރިހާ އިންސާނުންނެވެ. އޭރު ތިބި އެންމެންގެ ދަރިފަސްކޮޅާ ހަމަޔަށް އެކަމުގެ އަސަރު ފޯރައިގެން ދިޔައެވެ. ދުނިޔޭގެ ސަތޭކަ% މީހުން ފާފަވެރިވިއެވެ. 

އާނއެކެވެ. އޭރު ތިބި އެންމެނެވެ. އެއީ ދެމީހުންނެވެ. ދެން އެ ދެމީހުންގެ ދަރީންނާ ހަމަޔަށް އެ ފާފަ ފޯރިއެވެ. ބައްލަވާށެވެ. ހާބިލްއާއި ކާއިން އަށް ލަދުވެތިކަން ވާރުތަވިއެވެ. އާދަމުގެފާނާއި ހައްވާގެފާނު މޭވާ ފަރީއްކުޅުއްވުގެ ކުރީން އޮރިޔާން އެއީ ކޯޗެއްކަމެއް ދެނެވަޑައެއް ނުގަންނަވައެވެ. ހިތަށް ބިރުވެރިކަމެއް ނުވަދެއެވެ. ލަދުވެތިކަން ހަމަ ވަގުތުން އެބޭކަލުންނަށް އިހްސާސްވެއްޖެއެވެ. މާތްކަލާނގެ ފައިބާވަޑައިގަތުމުން އެބޭކަލުން ފިއްލެވީއެވެ.

އޭގެ ކުރީގައި ބަގީޗާގެ ތެރޭގައި މާތްކަލާނގެ އާދަމްގެފާނާއެކު ސީދާ ވޮޑިގެން އުޅުއްވިއެވެ. މިއަދު އެފިލީ ކީއްވެހެއްޔެވެ؟ ބިރުންނެވެ. މާތްކަލާނގެ އެއްސެވިއެވެ. ކަލޭމެން ވަދެ ތިޔަ ތިބީ ކޮންތާނކަށް ހޭއެވެ. ކަލޭމެން މޭވާ ކެއީ ދޯއެވެ؟ މިހެން އެއްސެވީ މާތްކަލާނގެއަށް އެބޭކަލުން ވީތަނެއް އެނގިވަޑައި ނުގަންނަވާތީ އެއް ނޫނެވެ. ބައްޕަޔަކު ބުނި ބަސް ނާހައި ދަރިޔަކު ކަންތައް ކުރީމާ ބައްޕަ އަހާނީ މި ކަހަލަ ގޮތަކަށެވެ. އިންސާނާ ދެކެ މާތކަލާނގެ ބައްލަވަނީ ދަރީން ފަދައިން ލޯތްބާއެކު ކަން މިކަމުން ދައްކައިދެއެވެ. 

އެމީހުން އެކުރީ ކުޑަ ފާފައެއް ނޫނެވެ. އަމުރުފުޅަކާ ޚިލާފުވީއެވެ. އޭގެ އަދަބެއް އަންނަން ޖެހެވެ. އެކަލާނގެ އިންސާފުވެރި ކަން ބޮޑުކަމުންނެވެ. ދަރިޔަކަސް އަދަބު ދޭން ޖެހުނީމާ އަދަބު ދޭން ޖެހޭނެތާއެވެ. އެއާއެކު އިންސާނިއްޔަތު އެކުގައި ބަދަލުވީއެވެ. ޖަނަވާރުންނެއް އޮރިޔާން ފެނިދާނެތީ ލަދަކުން ނޫޅެއެވެ. ޖަނަވާރުންނަށް ބިރު ދެއްވާފައިވަނީ އެއެއްޗެހީގެ ސަލާމަތަށެވެ. އެކަމަކު އޭގެ ކުރިއަކުން އިންސާނާއަށް ބިރެއް ނުދެއްވައެވެ. އިންސާނާއަކަށް ދިފާއުވެގަތުމުގެ ކުޅަދާނަ ކަމެއް ނުދެއްވައެވެ. ނުރައްކަލެއް އައީމާ ބޮޑުވަރަކަށް ވެސް ކުރެވެން އޮންނާނެކަމަކީ ދުވެފައި ގޮސް ތަނަކަށް ވަދެ ފިލުމެވެ. ބޮޑު ފޭރާދަތަކާއި ވަކިއަޅާނެ ވަކިތަކެއް ނެތެވެ. ހަމަލަދީ ޝިކާރަ ކުރުމުގެ ކުޅަދާނަކަމެއް ރެކިގަތުމުގެ އިންސްޓިންކްޓެއް ނެތެވެ. އެންމެ ކުޑަމިނުން ކުކުޅަކަށް ލިބިފައިވާ ވަރަށް ވެސް ހަމަލައަކުން ސަލާމަތްވެގަނެވޭނެ ހުޝިޔާރުކަމެއް ނުވެއެވެ.

އޭގެފަހުން އިންސާނާއަށް ޖެހުނީ އަމިއްލަ ނަފްސު އަމިއްލައަށް ދިފާއު ކުރާށެވެ. އިންސާނާގެ ވިސްނުން ނުސާފުވެއްޖެއެވެ. އަމިއްލަ އެދުން ބޮޑުވެއްޖެއެވެ. މަކަރުވެރިކަން އެކުލެވިއްޖެއެވެ.
އިންސާނާގެ ދަރިންނަށް އެކަން ވާރުތަ ކުރަމުން އައީއެވެ. ހާބީލުން / ކާއިން އިން ފެށިގެންނެވެ. ދެބޭންގެ ދެމެދުގައި ހަސަދައާއި ރުޅިވެރިކަން އުފެދިއްޖެއެވެ. އެއްކުއްޖަކު އަނެއްކުއްޖާއާ ހަމަލަ ދީ މަރައި ހަދައިފިއެވެ.
ނިކަން ތިޔަބޭފުޅާގެ އަމިއްލަ ނަފްސާ މެދު ބައްލަވާށެވެ. ތިޔަ ބޭފުޅާ ދުނިޔެއަށް އައީ ކިތަންމެ ސާފު ކަމާއެކު ނަމަވެސް އައުމާއެކު ބިރުން ރޮއިގަތީމެއް ނޫންހެއްޔެވެ؟ ބިރުގަތީ ކީއްވެތޯއެވެ؟ އެއޮތް ދިގު ބިރުވެރި ދަތުރު ނިންމާލެވުނީމާ ވާންވީ އުފާ ނޫންހެއްޔެވެ؟ ހީނނުގަތީ ކީއްވެތޯއެވެ؟ ފުރަތަމަ ދުވަހުވެސް އޮތީ އަމިއްލަ އެދުމުން ފުރިފައެވެ. އަތުޖެހޭ ކޮންމެ އެއްޗެއް ގެނައީ އަމިއްލަ އަނގަޔާ ދިމާލަށް ނޫންހެއްޔެވެ؟ އެހެން މީހެއްގެ އަނގަޔަށް އެއްޗެއް ލަވައިދިންހެއްޔެވެ؟ ބޮޑުވަމުން އައިވަރަކަށް އައީ އަމިއްލައަށް އެއްޗެހި ބައްކުރަމުން ނޫންހެއްޔެވެ؟ ބައްޕަ މަންމަ ގާތު ރޮއިގަނެގެން އަތުނުލަނީ ކޮންއެއްޗެއްހެއްޔެވެ؟ ކޮއްކޮ އަތުގައި ބޭބެ އަތުގައި އޮންނަ އެއްޗެއްނަމަ އުޅުނީ އަމިއްލަ ކުރާކަށް ނޫންހެއްޔެވެ؟ އަމިއްލަ އަތުގައި އޮތް އެއްޗެއް ހިތުން ރުހުމުން ބޭބެއަށް ކޮއްކޮއަށް މަންމަ ބައްޕައަށް ނުވަތަ އެނޫން މީހަކަށް ދިނިން ހެއްޔެވެ؟ ނުދެން ދޯއެވެ. ކޮއްކޮ/ބޭބެ/ދައްތައަށް އެއްޗެއް ދޭށޭ މަންމަ ބުންޏަސް ދެނީ ހިތާ ދެކޮޅަށް ނޫންހެއްޔެވެ؟ ބޮޑުވާވަރަކަށް މަކަރު ހެދުން ހީލަތް ހެދުން އައީ ގިނަވަމުން ނޫންހެއްޔެވެ؟ 

ހުރިހާ ކަމެއް އެކުރަނީ އަމިއްލަ އެދުމަށެވެ. އަމިއްލަ އެދުމަށްޓަކައި އަނެކާއަށް އޭރުދެވެން އޮތް ފެންވަރުން އައީ ލަނޑު ދެމުންނެވެ. އަމިއްލަ ހިތް ނޭދޭގޮތަކަށް ކަމެއް ވެއްޖެނަމަ އިންތިހާއަށް ރުޅިގަދަވެ ބޮޑާހާކައި ރޮއިހޭރި ތިބީންނަށް ދުއްތުރާ ކުރިން ނޫންހެއްޔެވެ؟ ތިބޭފުޅާއަކީ އަކީ އިސްލާން ދެމަފިރިއަކަށް ލިބުނު ކުއްޖެއް ނޫންހެއްޔެވެ؟ މި ސިފަހުރީ ކީއްވެހެއްޔެވެ؟  ކަންތައް ހުރީ މިހެން ނޫންހެއްޔެވެ؟ ބޮޑުވެގެން ސްކޫލަށް ދާން ފެށިފަހުންވެސް މި ކަންތައް ދިޔައީ ހަމަ މިހެން ނޫންހެއްޔެވެ؟ އަދި މިހާރު ހަމަ ބުއްދި ޖެހި ދުނިޔެއަށް ލޯ ހުޅުވުނު ފަހުންވެސް ކަންތައް ހުރީ މިހެން ނޫންހެއްޔެވެ؟ މަންމަ ބައްޕަ ދެކެ ލޯބިވާނެ ކަމަށް ހީކުރަމެވެ. އެކަމަކު އެދެމަފރިން ނުރުހޭ ކިތަންމެ ގޮތަކަށް ކަންތައް ކުރަމެއް ނޫންހެއްޔެވެ؟ އެދެމަފިރިންނަށް ވުރެން މާ ބޮޑަށް ތިބޭފުޅާ މި ދުނިޔެއަށް ފޮނުވުމަށް މެދުވެރިވީ ފަރާތަށް މާ ބޮޑު ލޯތްބެއް ގަދަރެއް ނުކުރެވޭ ނޫންހެއްޔެވެ؟
ކުޑަ ކުޑަ ސެލްއެއް އަނދިރި ހޮހަޅައެއްގައި 9 މަސް ވަންދެން ކާން ދީ އޮކްސިޖަންދީބޮޑު ކޮށް ދުނިޔެއަށް ނެރެ އާ ގޮތަކަށް އޮކްސީޖަން ބޭނުން ކުރެވޭގޮތް ހަދައި އާގޮތަކަށް ކާން ދެވޭގޮތް ހަދައި ކާއެއްޗެހިން އުކާލަންޖެހޭބައި ބޭރުކުރެވޭނެގޮތް ހަދައި   ދުނިޔޭގައިވާ ރީތިކަން ފެންނާނެ ގޮތް ހަދައި އަޑުއިވޭނެގޮތް ހަދައި އެ ބަލިކަށި ލޮލާއި ކަންފަތްރައްކާތެރި ކޮށްދީ މައިންބަފައިން ލޯބިން ގެންގުޅޭނެފަދަ ރީތި ކަމާއި ލޯބިކަން އެކުލަވައި ތައްޔާރު ކުރީ ކާކުހެއްޔެވެ؟ މަންމަޔާއި ބައްޕަ ހެއްޔެވެ؟ ނޫނެކެވެ. އެއީ ތިބޭފުޅާ ދެކެ މާ ބޮޑަށް ލޯބިވާ ފަރާތެކެވެ.  އެކަމަކު އެފަރާތުން ކޮށްދީފައިވާ ކަންތައް ތިބޭފުޅާ ފާހަކަކޮށް އެފަރާތަށް ދޭން ޖެހޭ ހައްގު އިހްތިރާމާއި ލޯބި ދެވޭ ހެއްޔެވެ؟ ނުދެވެއެވެ. ކާރިއަކަށް ވެސް ނުދެވެއެވެ.

އާނއެކެވެ. މާތްކަލާނގެ ތިބޭފުޅާގެ ގާތު މޭވާ ނުކާށެކޭ ނުބުނެއެވެ. އެހެން ކަމުން މާތްކަލާނގެ އެކަމަކަށް ތިބޭފުޅާއަކަށް އަދަބެއް ނުދެއްވައެވެ. އެކަމަކު ތިބޭފުޅާގެ ގައިގައި އެކުލެވިފައި ހުރި ފާފަ ކުރުމުގެ ތަބީއަތުގެ ސަބަބުން ކުރެވޭ ފާފަތަކަށް އަދަބު ދެއްވައެވެ. މާތްކަލާނގެ ބަސްފުޅު އަމުރުފުޅު ތިބޭފުޅާއާ ހަމަޔަށް އައިސް ހެކި ފެނި އޭގެ ފަހުން އީމާން ނުވެ މާތްކަލާނގެ އަކީ ތިބޭފުޅާއާބެހޭ ފަރާތެއް ނޫންކަމަށް ހީކޮށް އަންގަވާފައިވާގޮތާ ޚިލާފަށް ފާފަކުރަން ކުރިމަތިލައިފިނަމަ ތިބޭފުޅާ ކުށްވެރިވެއެވެ. ތިބޭފުޅާ އެވީ ފާފަވެރި އާދަމުގެ ދަރިޔަކަށެވެ. ތިބޭފުޅާ އެންމެ ދޮގެއް ހެދިޔަސް އެންމެ އޮޅުވާލުމެއް މީހަކަށް ކުރިމަތި ކުރިޔަސް އެންމެ އަންހެނަކަށް ފާހިޝްކަމުގެ ނަޒަރުން ބަލާލިޔަސް އެއޮތީ ކުށްވެރިވެފައެވެ. އާދަމުގެދަރިޔަކަށް އެއޮތީ ވެފައެވެ. މައިންބަފައިންނަށް ވުރެން ބޮޑަށް ހެއްދެވި ފަރާތަށް ލޯބި ނުވެވޭނަމަ އެހެރީ އަދި އާދަމުގެ ދަރިޔަކަށް ވުރެން ވެސް ދަށު ދަރަޖައިގައެވެ. ތިމާ އަށް މި ފަދަ ނިއުމަތެއް ދެއްވި ކަމަށްޓަކައި ޝުކުރުކޮށް ނުލާ މީހަކަށް ވުރެން ދަށުދަރަޖައިގެ ވިޔާނުދާ މީހަކު ދުނިޔެމަތީގައި ކޮބައިތޯއެވެ؟ އެއީ ޖަނަވާރަކަށް ވުރެންވެސް ދަށުދަރަޖައިގެ މަޚުލޫގެއް ނޫންހެއްޔެވެ؟2 comments:

  1. Dhiislam ga liyumuge furusathu vanee hulhuvaalevifaa.

    ReplyDelete
  2. dhislam gai liyevenee kon kahala liumeh thoa?
    mi blog ga hurihaa liyumeh vas jehey thoa mi ulhenee.

    ReplyDelete