Dec 5, 2010

ބޮޑު ސުވާލު

ބޮޑު ސުވާލު

އަހަރެން އުޅެ ބޮޑުވީ އިސްލާމީ ގައުމެއްގައެވެ. އެހެން ކަމުން އެންމެ ކުޑައިރުން ފެށިގެންވެސް އަބަދު އިވެމުން އައީ އިސްލާމް ދީނާއި އެ ދީނުގެ ސާފު ސީދާ ކަމާއި ފުރިހަމަ ކަމާއި މާތް ކަމުގެ ވާހަކައެވެ. އަދި އެހެން ދީން ތަކުގައި ހުންނަ ދެކޮޅު ނުޖެހޭ ކަންކަމާއި ހެއްވާ ކަންކަމުގެ ވާހަކައާއި މިސާލު ތަކެވެ.
     އެތަކެއް އަހަރު މެދު ނުކެނޑި މިވާހަކަ  އިވެމުން  ދިއުމުން   އެ ވާހަކަތައްވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ހިތުގައި ބިންވަޅު ނެގިފައެވެ. އެހެން ދީންތަކުގެ މީހުނަކީ އާޚިރަތުގައި ގެއްލެނި ވެފައި ވާ ބައެއްކަމާއި  އެމީހުން ދާއިމަށް ދެމި ތިބޭނީ ނަރަކައިގަ ކަން ޝައްކަކާ ނުލާ ގަބޫލު ކުރެވިފައެވެ.
މިހެންކަމުން އަހަރުމެން އެންމެންވެސް ތިބެނީ މިކަމާ ފަޚުރުވެރިވެފައެވެ. އެހެނީ މި ދީނުގައި ސާބިތުވެ ތިބި ބަޔަކަށް ސުވަރުގެ ވަނުމުގެ ނަސީބު  ލިބޭނެކަން ޔަގީން ވާތީއެވެ.
ކަން މިހެން އޮތުމާއެކު، އެހެން ދީނެއްގެ ވާހަކައެއް މީހަކު ދެއްކިޔަސް އަހަރުމެން އަޑު އަހާކަށް ބޭނުމެއް ނުވެއެވެ. އަދި އެފަދަ ވާހަކައެއް ދައްކާ މީހަކީ މަގުފުރެދި ގެއްލި ހަލާކުވެފައިވާ މީހެއްކަމަށް  ގަބޫލު ކުރެވެއެވެ.  އަހަރެމެން އެފަދަ މީހުނާ ދުރުހެލިވަމެވެ. އަހަރުމެންގެ މުޖްތަމައިން އެމީހުން ބޭރު ކޮށްލަމެވެ. އެއީ އަހަރެމެންގެ އަދާވާތް ތެރީންނެެވެ. އެހެނީ އެމީހުންގެ ބޭނުމަކީ އަހަރެމެން މަގުފުރެއްދުން ނޫން އެހެން ކަމެއް ނޫނެވެ.
އަހަރެމެންގެ ރާއްޖޭގެ ކުޑަކަމާއި މީސް ކޮޅު މަދު ކަމާ އެކު އެކީގައި އަހަރުމެންނަކީ އެއްބަހަކުން ވާހަކަ ދައްކާ އެއް ދީނެއްގެ އަހުލުވެރިން ކަމަށްވާތީ އަހަރެމެން ޒަމާނުއްސުރެ އުޅެމުން އައީ ވަރަށް އަމާން  ސުލްހަ މަސަލަސް  ޖައްވެއް ގައެވެ.
ކޮންމެއަކަސް ދުނިޔެއަށް އައި މައުލޫމާތުގެ އިންގިލާބާ ގުޅިގެން އަހަރުމެންނަކީ ލޯމަރައިގެން ކަންފަތުގައި އަތް އަޅައިގެން ތިބި ބަޔަކަށް  ވެފައިވާ ދުވަސްތައް ފާއިތުވާން ފަށައިފިއެވެ. އެހެން މީހުން އުޅޭގޮތާއި ވަށައިގެން ހިނގާކަންތައް ފެނި އޮޅުން ފިލަން ފަށައިފިއެވެ.
 މާ ގިނަ ދުވަސްތަކެއް ނުވެ، ދެން ފެންނަން ފެށީ އަހަރުމެންގެ ތެރޭގައިވެސް ތަފާތު ގޮތްގޮތަށް މީހުން އުޅެން ފެށި ތަނެވެ. އިވެން ފެށީ ތަފާތު ގޮތް ގޮތަށް ވާހަކަ ދައްކާ އަޑެވެ. ނަމާދު ކުރުމުގައި ހަށަން ބަންނަ ގޮތް ތަފާތުވާން ފެށިތަނެވެ. ފަޓްލޫންތައް ކުރުވެ ތުނބުޅި ދިގުވާން ފެށިތަނެވެ. އަންހެނުންގެ އިސްތަށިގަނޑު ނިވާވެ ބޮޑު ބުރުގާގެ ތެރެއަށް ވަދެ ފޮރުވެން ފެށި ތަނެވެ. މި ނޫން ގޮތަކަށް އުޅޭ މީހުންނަކީ ނުދިންނަވާނެ ބައެއްކަމަށް އެމީހުން ބުނަމުން އައެވެ.
މިހެން ކަންތައްވާން ފެށުމުން މީހުންގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ. މިހާތަނަށް އުޅެމުން މިއައި ގޮތް ކަމުނުދަނީނަމަ، ރަގަޅުގޮތަކީ ކޮބައިހެއްޔެވެ.
މީގެ ޖަވާބު އެކި މީހުން ދެނީ އެކި ގޮތަށެވެ. ކޮންމެ މީހަކުވެސް ބުނަނީ ރަނގަޅީ އެމީހުންގެ ގޮތް ކަމަށެވެ. ސަލާމަތް ކަން އޮތީ އެމީހުން އުޅޭ ގޮތަށް އުޅެގެން ކަމަށެވެ.
      މިއީ ހައިރާންވާ ވަރުގެ ކަމެމެވެ. ދުނިޔޭގެ އެންމެ ބޮޑު ދީން ކަމަށްވާ ކްރިސްޓިއަނުންވެސް ބުނަނީ މިހެންނެވެ. ދެވަނައަށް އެންމެ ބޮޑު އިސްލާމް ދީން ދެކޭގޮތުގައި އެހެން ހުރިހާ ދީންތަކުގެ މީހުންނަކީ ކާފަރުން ނެވެ. އެމީހުންނަކީ ނަރަކައިގެ އަހުލުވެރިންނެވެ.
ދުނިޔޭގެ ހުރިހާ ދީން ތަކުގެ ތެރޭގައި އެންމެ ގިނައީ ކްރިސްޓިއަނުންނެވެ. އެއީ 33% އެވެ. ދެވަނަައަށް އެންމެ ގިނައީ މުސްލިމުންނެވެ. އެއީ 22 % އެވެ.   ކޮންމެ ބަޔަކުވެސް ބުނަމުން ދަނީ ދިންނަވާނެ ބަޔަކީ އެމީހުން ކަމަށެވެ.
އިސްލާމުން ބުނަނީ އީސާގެ ފާނަކީ އެހެންވެސް ރަސޫލެކޭ އެއްފަދައިން ފޮނުއްވުނު  ބޭކަލެއް ކަމަށެވެ. އެެންމެ ފަހުން ފޮނުއްވި ރަސޫލަކީ މުހަންމަދުގެފާނެވެ. އެކަލޭގެފާނު ވަޑައިގަތީ ހުރިހާ ދީންތަކެއް ޚަތިމް ކުރެއްވުމަށެވެ. އެކަލޭގެފާނަށް ކީރިތި ގުރުއާން ބާވައިލެއްވުމުން އޭގެ ކުރިން ބާވައި ލެއްވި ހުރިހާ ފޮތްތަކެއް މަންސޯޚްވީ ކަމަށެވެ.
މިހެން މިކަން އޮތް އިރު ދުނިޔޭގެ އެހާގިނަ ބަޔަކު އެމީހުންގެ ދީން ރަނގަޅު ކަމަށް އެ ބުނަނީ ކީއްވެހެއްޔެވެ؟ ސުވަރުގެ ލިބޭނީ ހަމަ އެކަނި އީސާގެފާނަށް ތަބާވާ މީހުނޭ  އެ ބުނަނީ ކީއްވެހެއްޔެވެ؟ އަހަރެމެނެ ގަބޫލު ކުރާ ގޮތުގައި ޝިރުކަށް ވުރެ ބޮޑު ފާފައެއް ނެތެވެ. އެކަމަކު އެމީހުން އެ ބުނަނީ އީސާގެފާނަކީ އެކަލާނގެ ދަރިކަލެއް ކަމަށެވެ. ކިހާ ބޮޑު ހައިރާން ކަމެއް ހެއްޔެވެ. އަދި މިއަށް ވުރެންވެސް ބޮޑު ހައިރާންވާ ކަހަލަ ކަމެއް އެބައޮތެވެ. އެމީހުން އެ ބުނަނީ އާލަމް ތައް އުފެއްދެވި މާތްރަސްކަލާނގެ އަކީވެސް އީސާގެފާނު ކަމަށެވެ. މިއަށް ވުރެން ބޮޑު ސުވާލެއް އޮންނާނެ ހެއްޔެވެ؟ އިސްލާމަކަށް މިއަށް ވުރެން ބޮޑު ކުފުރެއް އޮންނާނެ ހެއްޔެވެ؟
މި ބޮޑު ސުވާލުގެ ޖަވާބެއް ހޯދުމަށް  އެމީހުންގެ ފޮތް ތަކުގައި ވަނީ ކީކޭތޯ ބަލައިލަން ޖެހެއެވެ.
އިންޖީލުގެ 8 ވަނަ ފޮތް ޖޯން ގެ 58 ވަނަ އާޔަތުގައި ވެއެވެ. އީސާގެ ފާނު އެމީހުނަށް ވިދާޅުވިއެވެ.
ތެދަކީ މިއީ އެވެ. ތެދަކީ މިއީއެވެ. އިބްރާހިމްގެފާނުގެ ކުރިންވެސް އަހަރެން ވަމެވެ.
1 ޖޯންގެ 11 - 12  ވަނަ އާޔަތުގައި ވެއެވެ.
11  އަދި  މިއީ އަހަރުމެނަށް، ނިމުނެއްނެތް ދިރިހުރުމެއް، މާތްރަސްކަލާނގެ ދެއްވައިފި ކަމުގެ  ރެކޯޑެކެވެ. އަދި މި ދިރިހުރުންވަނީ އެކަލާނގެ ދަރިކަލުންގެ ތެރޭންނެވެ.
12  މި ދަރިކަލުން ލިބިގެންފި މީހަކަށް ދިރިހުރުން ލިބުނީއެވެ. އެ ކަލާނގެ ދަރިކަލުން ނުލިބޭ މީހަކަށް ދިރިހުރުމެއް ނުވެއެވެ.
މާނައަކީ މާތް ރަސްކަލާނގެ އަހަރުމެނަށް ދެއްވާ ދިރިހުރުމަކީ އެކަލާނގެ ދަރިކަލުންނެވެ. އެ ދަރިކަލުން ލިބިއްޖެ މީހާއަށް ދާއިމީ ދިރިހުރުން ލިބޭނެ ކަމެވެ. އަދި އެ ދަރިކަލުން ނުލިބޭ މީހަކަށް ދިރިހުރުމެއް ނުވާނެ ކަމެވެ.
ދެން އޮތް ސުވާލަކީ އީސާގެ ފާނަކީ އިންސާނެއް ހެއްޔެވެ؟ ނުވަތަ އެއީ މާތް ރަސްކަލާނގެ ހެއްޔެވެ؟
 ޖަވާބަކީ އީސާގެފާނަކީ   މާތްރަސްކަލާނގެ ކަމެވެ! ދުނިޔެއަށް ފޮނުއްވި ފުރަތަމަ އިންސާނާ ކަމަށްވާ އާދަމުގެފާނާއި ހައްވާގެފާނު އުފެއްދެވީވެސް އީސާގެފާނެވެ. އެކަލޭގެފާނުގެ ސޫރައިގައެވެ. މުޅި އާލަމް އުފެއްދެވީވެސް އީސާގެ ފާނެވެ.
     އިންޖީލުގައި ވާގޮތުގައި : ހުރިހާ އެއްޗެއް އުފެއްދެވީ އީސާގެފާނުގެ ތެރޭންނެވެ. އެކަލޭގެފާނު ނުވާނަމަ އެކައްޗެއްވެސް ނުވާނެއެވެ. މިއީ  ޖޯން 1  ގެ 3 ވަނަ އާޔަތުގައި ލިޔެވިގެން ވާގޮތެވެ.
މާނައަކީ، ތަރިތަކާއި، ޖަނަވާރުތަކުގެ އަސްލާއި، ގަސްގަހާގެއްސާއި، އަދި މަލާއިކަތުންވެސް އުފެއްދެވީ އީސާގެފާނެވެ.  މިހެން ތައުރާތުގެ 1 ކޮލޯސިއަމްގެ 15 – 17 ގައި ވެއެވެ.
މި ކަމުން އެނގެނީ  އީސާގެފާނު އުފެއްދެވީ މާތްރަސްކަލާނގެ ނޫން ކަމެވެ.  އީސާގެ ފާނަކީ ޚުދު މާތްރަސްކަލާނގެއެވެ. އެހެންކަމުން އީސާގެފާނު ފެށުނީއްސުރެވެސް ވޮޑިގެންވެއެވެ.
     އީސާގެފާނަކީ ކަލާނގެކަން ދެއްކެވުމަށް ކިތަންމެ ކަމެއް ކުރެއްވިއެވެ. ހަމައެކަނި މާތްކަލާނގެއަށް ނޫންފަރާތަކަށް ކުޅަދާނަވެގެންނުވާ ކިތަންމެ ކަމެކެވެ. މަރުވެފައިވާ މީހުން ދިރުއްވުމާއި، ބަލި މީހުން ގަދަ ކުރެއްވުން ފަދަ ކަންކަމެވެ.
     އެންމެ އަޖާއިބު ކަމަކީ އީސާގެފާނަކީ މިހާރު އިންސާނެއް ކަމުގައި ވާކަމެވެ. ދާއިމަށްވެސް އެކަން އޮންނާނީ ވެސް އެ ގޮތުގައެވެ. އެކަލާގެ އަމިއްލަ ޒާތުފުޅު ހިތްޕުޅު ތިރި ކަމާއެކު، އިންސާނެއްގެ ގޮތުގައި ވަޑައިގެންނެވީއެވެ. މީގެ 2000 އަހަރު ކުރީން ހިނގި މި ބޮޑު ހާދިސާއަކީ މުޅި ދުނިޔެ ބަދަލުވެގެން ދިޔަކަމަކަށް ވިއެވެ. އަދި މިއީ ދޮގެއްނަމަ ނުވަތަ އޮޅުވާލުމެއްނަމަ، މިއަށްވުރެން ބޮޑު ދޮގެއް ނުވަތަ އޮޅުވާލުމެއް ދުނިޔެއަކުން ނުފެންނާނެއެވެ.
     ދެންވެސް އެހެން ސުވާލެއް އުފެދެއެވެ.  އީސާގެފާނަކީ މާތްރަސްކަލާގެ ރަސްކަންފުޅުނަމަ، އިންސާނެއްގެ ރަހިމުން އެކަލާނގެ އުފަންވެ ވޮޑިގަންނަވާނެ ހެއްޔެވެ؟
     މިއީ ވެސް ބޮޑު ސުވާލެކެވެ. މީގެ ޖަވާބުވެސް ބަލާލަމާ ހިގާށެވެ. ފޮތްތަކުން ފެންނަން އޮތީ މިގޮތަށެވެ.
     މާތް ރަސްކަލާގެ ރޫހުފުޅު މަރިޔަމްގެފާނުގެ ބަނޑުފުޅުގައި ގަރުބަގެންނެވުނެވެ. އެކަމަނާގެ ބަނޑުފުޅު ތެރޭން  އިންސާނެއްގެ ގޮތުގައި އެކަލާނގެ ދުނިޔެއަށް ވަޑައިގަތެވެ.
     މެތިއު 1 : 20  ވަނަ އާޔަތުގައި ވެއެވެ. މާތްރަސްކަލާގެ  އިންސާނެއްގެ ހަށިގަނޑުގެ ތެރެއަށް ވެދެވަޑައިގެންނެވިއެވެ. އަދި މަރިޔަމްގެފާނުގެ ބަނޑުފުޅު ތެރޭގައި އުފެދިވޮޑިގެންނެވިއެވެ. އެ ކުއްޖާ އުފަންވެ ފިރިހެނެއްގެ ގޮތުގައި ބޮޑުފުޅުވިއެވެ.
     އެއްފަހަރަށް ވުރެން ގިނަފަހަރު މާތްރަސްކަލާނގެ އިންސާނެއްގެ ސިފައިގަި ދުނިޔޭން ފެނިވަޑައިގަތެވެ. އެއްފަހަރަކު އިބްރާހީމްގެފާނަށް ފެނ ވަޑައިގެންނެވިއެވެ. އަނެއްފަހަރަކު ސޮޑޮމް އާ ގުމްރާ ނައްތަވާލެއްވުމުގެ ކުރީން ވެސް ފެނިވަޑައިގެންނެވިއެވެ. އެކަމަކު ދުނިޔޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އެކަލާނގެ އިންސާނެއްގެ ގޮތުގައި ދުނިޔެއަށް ވަޑައިގެންނެވީ މީލާދީން އެއްވަނަ ގަރުނުގައެވެ.
     އެއީ މާތް ރަސްކަލާނގެ އެވެ. އަދި އެއީ އިންސާނެއް ވެސް މެއެވެ.
      
ދުނިޔޭގައި ވާ ކޮންމެ އަންހެނަކާއި ފިރިހެނަކީ، އަދި ކޮންމެ މުސްކުޅިއަކާއި ކުޑަކުއްޖަކީ ކޮންމެވެސް ފާފައެއް ކުރެވިފައިވާ  އަދި ފާފަ  ކުރެވޭނެ މީހެކެވެ. އެއާ ޚިލާފަށް އީސާގެފާނު އެއްވެސް އިރެއްގައި ފާފައެއް ނުކުރައްވައެވެ. ކިތަންމެ ގިނަ ވަސްވާސްތަކާ ކުރިމަތިވެ ވަޑައިގެންނެވި ނަމަވެސް ވެހެވެ. އެކަލޭގެފާނަކީ އަބަދުވެސް ސާފު ސީދާ ބޭކަލެކެވެ.
ހައިރާންވެ އަންތަރީސް ވާ ވަރުގެ ކަމެކެވެ. އަހަރުމެން އުފެއްދެވި ރަސްކަލާނގެ އަހަރުމެނެކޭ އެއްފަދައިން ދުނިޔޭގައި އުޅުއްވައި، މާމެލާމެލީން ވަސް ބައްލަވައި، ޖަނަވާރުތަކުގައި ބީހި ވަޑައިގަންނަވައި، ކުޑަކުދީންނަށް ލޯބި ދެއްވައި ހެއްދެވިއެވެ.
ތައުރާތުގެ ހީބްރޫ  2 : 18 ވަނަ އާޔަތުގައި ވެއެވެ. ފިރިހެނެއްގެ ގޮތުގައި ހުންނެވި އިރު ވަރަށްގިނަ ވަސްވާސް ތަކާ އެކަލާނގެ އާ ކުރިމަތިވިއެވެ. ޖޯން 1:35 ގައި ވެއެވެ. އެކަލާނގެ އަށް  އަހަރުމެން ފަދަިން ޖިސްމާނީ ރިހުންތައް އިހްސާސް ކުރެއްވުނެެވެ. އަދި އަސަރު ކުރުމުގެ ވޭން ވެސް ތަޖްރިބާ ކުރެއްވިއެވެ. އަދި ޖެރޫސަލަމްގެ ކަންތަކާމެދު  އެކަލާނގެ ކީރިތި ކުރައްވާވެސް ހެއްދެވިއެވެ.  1ޕީޓަރ 2:23 ގައިވެއެވެ.  އެއްވެސް ސަބަބަކާ ނުލައި  މީހުން އެެކަލާގެ ދެކެ ނުގަބޫލުވެ، ނުރުހުންވެ، މިސްއަންޑަރސްޓޭންޑްވެ، އަދި ނަފްރަތުކޮށްވެސް ހެދިއެވެ. އެހެންނަމަވެސް އެކަލާނގެ އަބަދުވެސްް އެމީހުން ދެކެ ލޯބިވެ ވޮޑިގެންނެވިއެވެ.
އީސާގެފާނަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ މަތިވެރި އިންސާނާ އެވެ. އަދި އެއީ ހުރިހާ އެއްޗެއް އުފެއްދެވި ކަލާނގެ ވެސް މެއެވެ. އެ ކަލާނގެއަށް ހުރިހާ މަތިވެރި ކަމަކާއި ޝަރަފެއް ހައްގެވެ.
     އެކަމަކު މީހުން ކަންތައް ކުރީ އެގޮތަކަށް ނޫނެވެ. އެކަލާނގެ އަށް މީހުން ދިނީ އަނިޔާއެވެ.
އެ ގަދަ ވޭނާއި އަނިޔާތަކުން އެކަލާގެއަށް ސަލާމަތްވެ ވޮޑިގަތުމުގެ ކުޅަދާނަކަން ނެތީއެއް ނޫނެވެ. އެކަލާގެ އަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ބޭނުންފުޅުވީ ކުށެއް ނެތް ކަންބަޅިއެއް ފަދައިން މީސްތަކުންގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުން ކަތިލެވޭށެވެ. މިއީ އަހަރުމެން ދެކެ ވާލޯބިން އެކަލާގެ ވެ ވޮޑިގަތް ގުރުބާނީއެކެވެ. އެއީ އަހަރުމެންގެ ފާފަތަކުން އަހަރުމެން ސަލާމަތް ކޮށް ދެވޭނީ  ހަމައެކަނި އެކަލާނގެއަށް ކަމަށް ވާތީއެވެ.
ތައުރާތުގައިވާ ގޮތުން އެކަލާނގެ އަލުން މި ބިމަށް ވަޑައިގަންނަވާނެއެވެ. މި ބިންމަތީގައި ރަސްކަން ކުރެއްވުމަށެވެ. އެ ދުވަހަކުން  މި ދުނިޔޭގައި މިވާ ނަފްރަތުކަމާއި އަނިޔާވެރިކަމާއި ނޭއްގާނި ކަމެއް ނޯންނާނެއެވެ. ހުރިހާކަމެއްވެސް ވާނީ ފުރިހަމަ ވެފައެވެ.


   މާތްކަލާނގެއަކީ ތިންކައުވަންތައް އެއްކައުވަންތަ ކަލާނގެ ކަމަށް ލިއުންތަކުން އެނގި ފެންނަން ހުރެއެވެ. އެއްކައުވަންތަ ސިފަފުޅަކީ އަޅުކަމެއް ކުުރުމަށް ހައްގުވެގެންވާ އެންމެ މަތިވެރި ކަލާނގެއަކީ މާތް ﷲ ކަމެވެ.
ތިންކައުވަންތަ ސިފަފުޅަކީ ބައްޕާފުޅާއި ދަރިކަލުންނާއި މާތްރޫހުފުޅެވެ. މި ތިން ސިފަފުޅު އެކުއެކީގައިވާއިރު އެކަލާނގެއަކީ އެއްކައުވަންތަ ރަސްކަލާނގެއެވެ.

އީސާގެފާނަކީ ކަލާނގެ ކަމަށް ބުނެވެނީ މި މާނައިގައެވެ. އެކަލޭގެފާނު ކަންތައް ކުރެއްވީ ބައްޕާފުޅު އެންގެވި ގޮތަށެވެ. އެކަލޭގެފާނާއި ބައްޕާފުޅާއި އެއީ އެކައްޗެކެވެ. އެހެންކަމުން ފަތްފުށްތަކުގައި އެކަލޭގެފާނަކީ މާތްކަލާނގެ ދަރިކަލުންނޭ، ނުވަތަ އިންސާނާގެ ދަރިކަލުންނޭ، މިހެން ލިޔެވިފައިވެއެވެ. އަދި ދުނިޔެ އުފައްދަވައި ދުނިޔޭގައިވާހައި ތަކެތި ހެއްދެވި ކަލާނގެ ކަމަށް ނިސްބަތް ވަނީ މިގޮތުންނެވެ.
    ހަގީގަތަކީ ޓްރިނިޓީއަކީ ކޮބައިކަން ދެނެގަތުމަށް އިންނާނުންގެ ސިކުނޑިއަށް ކުޅަދާނަ ވެގެން ނުވާކަމެވެ. އެހެން ކަމުން މި ހުރިހާ ގޮތް ގޮތަށް ލިޔެވިފައިވެއެވެ.

މި ލިއުންތަކުން ލިބިގަންނަން ޖެހޭ ފިލާވަޅަކީ މާތްކަލާނގެއަކީ އީސާގެފާނު ވިޔަސް މަތިވެރި ކަލާނގެއާއި އީސާގެފާނާއި މާތް ރޫހުފުޅު ކަމުގައިވިޔަސް ނުވަތަ އީސާގެފާނަކީ މާތްކަލާނގެ ދަރިކަލެއް ކަމުގައި ވިޔަސް މިކަންތަކަކީ ބޮޑު ސުވާލެއް ކަމަށެވެ. މި ސުވާލުގެ ފުރިހަމަ ޖަވާބެއް ދެވެން ނެތް ކަމެވެ.
  މާތްކަލާނގެ އީސާގެފާނު މެދުވެރި ކުރައްވައި އަންގަވަނީ އެކަލާނގެ އަށް އަޅުކަން ކުރުމަށެވެ. އީސާގެފާނު އަންގަވަނީ ތިމަން ކަލާނގެއަށް ތަބާވުމަށެވެ. އެކަލޭގެފާނު އަންގަވަނީ މާތްކަލާނގެއަށް އަޅުކަން ކުރުމާއެކު އެކަލާނގެ ދެކެ ހިތާ ރޫހުން ލޯބި ވުމަށެވެ. އަނެއް އިންސާނާ ދެކެ ލޯބިވުމަށެވެ. އެކަލާނގެ މަތިވެރި ލޯބިފުޅު އިންސާނުންނާ ހިއްސާ ކުރަމުން ގެންދިއުމަށެވެ
.
މި ކަންތައް މި މަގުން ކުރާ މީހާ އަށް އީސާގެފާނު ވައުދުފުޅު ވަނީ އެމީހަކަށް ދިންނެވުން ދެއްވާނެ ކަމަށެވެ. ނިމުމެއް ނުވާ ދުނިޔެ ދެއްވާނެ ކަމަށެވެ. 
ޝައްކެއް ނެތް ގޮތުގައި މިއީ އަހަރުމެނަށް އާ ވާހަކަތަކެކެވެ. އެހެންނަމަވެސް މިއީ މާތްރަސްކަލާނގެ ބާވައި ލެއްވި ފޮތް ތަކުގައި ހުރި ވާހަކަ ތަކެކެވެ.

ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވަނީ މާތް ﷲ އެވެ.

ބައްޕަގެ ސިޓީ

ބައްޕަގެ ސިޓީ

ދަރިފުޅާއެވެ!
ކަލޭ ފަހަރުގައި އަހަރެން ނުދަނެފާނެއެވެ. އެކަމަކު ކަލެއާ ބެހޭ ހުރިހާ އެއްޗެއް އަހަންނަށް އެނގެއެވެ.
ކަލޭ އިށީންނަ ވަގުތާއި ތެދުވާ ވަގުތުތައް އަހަރެންނަށް އެނގެއެވެ. ކަލޭގެ ހުރިހާ ކަމެއް އަހަރެން ރަނގަޅަށް ދަންނަމެއެވެ. ކަލޭގެ ބޮލުގައި ހުރި އިސްތަށީގެ އަދަދުވެސް އަހަންނަށް އެނގެއެވެ. އެހެނީ ކަލޭ އުފައްދާފައިވަނީ  އަހަރެންގެ ސޫރައިގަކަމުންނެވެ. ކަލޭ ދިރިއުޅެނީ އަހަރެންގެ އެތެރެހަށީގައިއެވެ. އެހެނީ ކަލެއަކީ އަހަރެންގެ އުފަން ދަރިއެކެވެ.
      އަހަރެން ކަލޭ ދަންނަނީ ކަލޭ އުފަންވުމުގެވެސް ކުރިންނެވެ. ކާއިނާތުގައި ދިރުން އުފެއްދި ޕުލޭނުގައިވެސް ކަލޭ ހިމެނީމެވެ. ކަލޭ އުފަންވީ އޮޅުމަކުން ނޫނެވެ. އެހެނީ ކަލޭގެ ހަޔާތުގެ ހުރިހާ ދުވަހެއް ވަނީ އަހަރެންގެ ފޮތުގައި ލިޔެވިފައެވެ. ކަލޭ އުފަންވާނެ ވަގުތާއި ކަލޭ އުޅޭނެތަން އަހަރެންނަށް އެނގެއެވެ. ކަލޭ އުފަންވީ ބިރުގަންނަހާ ފުރިހަމަ ގޮތެއްގައެވެ. ކަލޭގެ މަންމަގެ ބަނޑުތެރޭގައި ކަލޭ ގަރުބަ ގެންނެވީ އަހަރެންނެވެ.
އަހަރެން ނުދަންނަ މީހުން އަހަރެންނާ ބެހޭގޮތުން ދައްކާ ވާހަކަ ތަކަކީ ހަގީގަތެއް ނޫނެވެ. އަހަރެން ރުޅިއައިސްގެން ދުރަކަށް ނުދަމެވެ. އަހަރެންގެ ފަރާތުން ފެންނާނީ ލޯބީގެ އެންމެ ފުރިހަމަ ސިފަތަކެވެ. ހިތް އެދެނީ ހިތްފުރެންދެން ލޯބި ދިނުމަށެވެ. އެހެނީ ކަލެއަކީ އަހަރެންގެ ދަރިފުޅުވީމައެވެ. އަހަރެން މިއީ ކަލޭގެ ބައްޕަ ވީމައެވެ.
ބިމުގައިވާ ކަލޭގެ ބައްޕައަށް ނުކޮށްދެވޭނެ ކަންތައް އަހަރެން ކަލެއަށް ހުށަހަޅަމެވެ.  އެހެނީ އަހަރެން މިއީ އެންމެ ފުރިހަމަ ބައްޕަ ވީމައެވެ.
ކަލެއަށް ލިބޭ އެންމެ ރަނގަޅު ހަދިޔާ ދެނީ އަހަރެންގެ އަތުންނެވެ. އެހެނީ ކަލެއަށް ރިޒްގު ދީ ބޭނުންކަންތައް ކޮށްދެނީ އަހަރެން ވީމައެވެ. ކަލޭގެ މުސްތަގްބަލް އަހަރެން ރާވައިފައި ވަނީ އުންމީދުން ފުރިގެންނެވެ. އެހެނީ އަހަރެން ކަލޭ ދެކެވަނީ ދާއިމީ ލޯބި ކަމުންނެވެ. އަހަރެން ކަލެއާ މެދު ކުރާ ފިކުރުތައް ގޮނޑުދޮށުގައިވާ ދޮންވެލި ފުއްތައްފަދައިން ގުނާ އަދަދު ނުކުރެވޭނެއެވެ. އަހަރެން އުފަލުން ލަވަ ކިޔާ ހަދަމެވެ. ކަލެއަށް ރަނގަޅުގޮތް މެދުވެރި ކޮށް ދިނުން ހުއްޓައެއްނުލާނަމެވެ. އެހެނީ ކަލެއަކީ އަހަރެންގެ ޚަޒާނާއެއްފަދަ އަގުބޮޑު މިލްކެކެވެ. ބޭނުންވަނީ ހިތާ ފުރާނައިގައި ކަލޭ ހިމެނުމަށެވެ.
އަހަރެންގެ ހިތް އެދެނީ ކަލެއަށް  މަތިވެރި އަދި އަންތަރީސް ވާވަރުގެ ތަންތަންދެއްކުމަށެވެ. ކަލޭގެ ހިތުގެ އަޑީން އަހަރެން ހޯދަން އުޅެފިނަމަ އަހަރެން ފެންނާނެއެވެ. އަހަރެންގެ ކިބައިން އުފާހޯދާށެވެ. އަހަރެން ކަލޭގެ ހިތުގެ އެދުން ފުރިހަމަ ކޮށް ދޭނަމެވެ. އެހެނީ ކަލޭގެ ބޭނުންތައް އުފެއްދީވެސް އަހަރެން ވީމައެވެ. ކަލޭ ހިތަށްވެސް ނުގެނެވޭހާ ގިނަ ކަންތައް ކޮށް ދިނުމުގެ ކުޅަދާނަކަން އަހަރެންގެ ކިބައިގައި ވެއެވެ. ކަލެއަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެއް ލިބޭނީ ވެސް އަހަރެންގެ ކިބައިންނެވެ. އެހެނީ ކަލޭގެ ހިތް ހަލާކުވާއިރު އަހަރެން ކަލޭގެ ގާތުގައި ވާތީއެވެ.
ބަކަރި ބަލަހަށްޓާ މީހާ ކުޑަ ކަންބަޅިއެއް އުރާލާހެން އަހަރެންގެ މެއާ ގާތްކޮށް ކަލޭ ބޮޑިކޮށް އުރާނަމެވެ. އެއްދުވަހަކުން ކަލޭގެ ހުރިހާ ކަރުނައެއް އަހަރެން ފުހެލަ ދޭނަމެވެ. އަދި ކަލެއަށް  މި ދުނިޔެ މަތީގައި އުފުލަން ޖެހުނު ހުރިހާ ވޭނެއް ފިލުވައި ދޭނަމެވެ.
އަހަރެން ދަރިއެއްގެ ލަގަބުދީފައިވާ އީސާ އާ އެއް ފަދައިން އަހަރެން ކަލޭ ދެކެ ލޯބި ވަމެވެ. އެހެނީ އީސާ އަކީ އަހަރެންގެ ފަރާތުން ފޮނުވި ލޯބީގެހަދިޔާއެކެވެ.  އޭނާ ވަނީ އަހަރެން ސިފައާއި ސޫރައިގައެވެ. އޭނާ އެއައީ، ކަލެއާއެކު އަހަރެން ވާ ކަމާއި އަހަރެންނަކީ  ކަލެއާ ދެކޮޅުވެރިއެއް ނޫން ކަން  ބުނެ ދިނުމަށެވެ. އަދި ކަލޭގެ ފާފަތައް އަހަރެން ގުނަމުން ނުދާ ވާހަކަ ވެސް ބުނެ ދިނުމަށެވެ.
އީސާ މަރުވީ އަހަރެންގެ ގާތަށް ކަލެއަށް އާދެވޭނެ ގޮތް މެދުވެރި ކުރުމަށެވެ. އޭނާ މަރުވުން އެއީ ކަލޭ ދެކެ އަހަރެން ލޯބިވާ މިންވަރު ދައްކާދޭ އެންމެ މަތިވެރި ހެއްކެވެ. އަހަރެން ލޯބިވާ ހުރިހާ އެއްޗެއް ގުރުބާން ކޮށްލީ ކަލޭގެ ލޯތްބަށް ޓަކައެވެ.
ކަލެއަށް  އަހަރެންގެ ދަރިފުޅު އީސާގެނަސްދިން ހަދިޔާ ލިބިއްޖެ ނަމަ ކަލެއަށް އެ ލިބުނީ އަހަރެންގެ ލޯތްބެވެ. އަހަރެންގެ ލޯބި ކަލެއާ ވަކިކުރެވޭ އެއްވެސް ބާރެއް ނުވާނެއެވެ.
ދަރިފުޅާއެވެ! ގެއަށް އަންނާށެވެ. ކަލޭ ދުވަހަކުވެސް ދެކެފައި ނުވާ ވަރުގެ ބޮޑު ޖާފަތެއް އުޑުގައި ބާއްވައި ދޭނަމެވެ. އަހަރެންގެ ސުވާލަކީ ކަލޭ އަހަރެންގެ ދަރިއަކަށް ވާނަންހޭ އެވެ.
އަހަރެން އިންތިޒާރު ކުރާނަމެވެ.
ދަރިފުޅުދެކެ ލޯބިވާ ބައްޕަ.