Oct 22, 2010

އީސާގެފާނު އެންގެވީ މަތިވެރި ކަލާނގެއަށް އަޅުކަން ކުރުމަށެވެ.

މުރާސިލްގެ ދީނީ ސަފްހާގައި އަލްއަޚުގެ ނަމުގައި ލިޔެފައިވަނީ މިހެންނެވެ.
ދިވެހި ކުރިސްޓިއަނުންނޭ.ކުރިސްޓިއަން ދީނަށް ވަދެވުނީމާ އެއީ މާ މޮޅު ކަމެއް ކަމަށް ނުދެކޭށެވެ.ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާ މި ސުވާލުތައް ކޮށްލާށެވެ. 1)ޢީސާގެފާނަކީ ކަލާނގެ ކަމަށް ގަބޫލް ކުރަން ހެއްޔެވެ؟އެހެން ކަމަށްވާނަމަ ޢީސާގެފާނުން ސޮލީބަށް އެރުވުނީ ކީވެތޯއެވެ؟ކަލާނގެ އެއް ސޮލީބަށް އެރުވޭނެތޯއެވެ؟އެހެންވީރު ޢީސާގެފާނަކީ ކަލާނގެ އެކޭ ބުނެވޭނެތޯއެވެ؟ 2)ކްރިސްޓިއަނުންގެ ޓްރިނިޓީ އގީދާ ގައި ވާގޮތުން،1 އަކީ 3 އެކެވެ.އަދި 3 އަކީ 1 އެވެ.މިކަން ތިޔަބައިމީހުންގެ ބުއްދި އަށް ގަބޫލް ކުރެވޭތޯއެވެ؟ 3)ކްރިސްޓިއަނުން ބުނާ ގޮތުގައި ޢީސާގެފާނުން ސޮލީބަށް އެރުވުނީ އިންސާނުންނަށް ރަޙްމަތެއްގެ ގޮތުގައެވެ.އެމީހުން ގަބޫލް ކުރާ ގޮތުގައި އެއީ އިންސާނުން ކުރާ ފާފަ ތަކުގެ ކައްފާރާއެކެވެ.ޢީސާގެފާނުންގެ ހަށިކޮޅުން އޮހޮރުނު ލޭފޮދުން މުޅި އިންސާނުން ކުރާ ފާފަތައް ފޮހެވޭނެ ކަމަށް އެބައިމީހުން ބުނެއެވެ.އެހެން ކަމަށް ވާއިރު،ކްރިސްޓިއަން ދީނަކީ ދީނެކޭ ބުނެވޭނެތޯއެވެ؟އެހެނީ ދީނަކީ އިންސާނުން އުޅެންވީގޮތް ބަޔާންކޮށްދޭ އެއްޗެކެވެ.ނަމަވެސް ކްރިސްޓިއަން ދީން މިޔާ އިދިކޮޅެވެ.އެދީނުގަ ކިތައްމެ ވަރަކަށް ފާފަ ކުރިޔަސް ގެއްލުމެއް ނެތެވެ.އެމީހުން ގަބޫލް ކުރާ ގޮތުގައި ޢީސާގެފާނުން އިންސާނުންގެ ފާފަތަށް ބޮލު އަޅުއްވާ އަމިއްލަފުޅަށް ސޮލީބަށް އަރައިވަޑައިގަތީއެވެ.ނަޢޫޒުބިﷲ.ފާފަ ކުރިޔަސް އެއްވެސް ގެއްލުމެއް ނުވާނަމަ މީ ދީނެކޭ ބުނެވޭނެތޯއެވެ؟ހަގީގަތުގައި މީ ޝައިތާނާ ޖަހައިން އުޅޭ މަޅިއެކެވެ،އެހެނީ އޭގެ ސަބަބުން އިންސާނާ ގިނަ ފާފަ ކުރާނެތީއެވެ. 4)ކްރިސްޓިއަން ފާދިރީންނަށް ކައިވެނި ޙަރާމް ކުރެވިފައި ވަނީ ކީއްވެތޯއެވެ؟އެކަމުގެ ސަބަބުން ހަގީގަތުގައި މުޖްތަމަޢުގައި ފަސާދަ އިތުރު ވެއެވެ.ޕޯޕް ކުޑަކުދިންނާ ސިއްރުން ބެހުނު ވާހަކަ ހުޅަނގުގެ ދުވަހު ނޫސް ތަކުގައި ޖެހީ އިހަށްދުވަހު އެވެ.އަދި އެކަމާ ޕޯޕް އެކުދިންގެ ފަރާތުން މާފަށްވެސް އެދިފައިވެއެވެ.އަދި މި ކަންތައް މީގެ ކުރިން ސިއްރުން އެމެރިކާ ގައި ކުރި އެތައް ފާދިރީންނެއްގެ ވާހަކަ އޭގެ ފަހުން އެމެރިކާގެ ނޫސް ތަކަށް އެރިއެވެ.ރަސޫލް މުޙއްމަދް ސައްލައްﷲ ޢަލައިހި ވަސައްލަމް ގިނަ ކައިވެނިފުޅުތަކެއް ކުރެއްވީތީ އެކަމާ ހަޖޫ ޖަހާ އިރު ޕޯޕްމެން ކުރާ ކަންތައް މިހުރީއެވެ.މީވެސް ޝައިތާނާ ޖަހައިން އުޅޭ މަޅިއެކެވެ.އެހެނީ އިސްލާމްދީން ކިރިޔާވެސް ކައިވެނި ކުރެވެން އޮތްނަމަ ކައިވެނި ކުރުމަށް ބާރުއަޅައެވެ.ނަމަވެސް ކްރިސްޓިއަންދީނުގައި ފާދިރީންނަށް ކައިވެނި ކުރުން މަނާ ކުރެވިފައި ވަނީ މެޖްތަމައުގައި ފާފަތައް ފެތުރުމަށެވެ. 5)ކްރިސްޓިއަން ދީނަށް ވަނީ ބައިބްލް ކިހާވަރަކަށް ކިޔާފައިތޯއެވެ؟އަދި މިހާރު ކިހާވަރަކަށް އެބަކިޔަމުހެއްޔެވެ؟އެހެނީ،އެ އެއްކޮށް ކިޔައިފިމީހަކަށް އޭގެން ކުއްތައް ފެންނާނެއެވެ.އަދި އަދަށް ދާންދެންވެސް ބައިބްލް ހިތުދަސް ކްރިސްޓިއަން މީހަކު ދުނިޔޭން ފެނިފައި ނުވެއެވެ.އެހެނީ،އޮޅުން އަރާ ފޮތެއް ހިތުދަސްކުރާނީ ކިހިނެއްތޯއެވެ؟ޚުދު އެމީހުންވެސް އެ ފޮތް ވަރަށް މަދު ފަހަރަކު ނޫނީ މުރާޖަޢާ ކޮށް ނަހަދައެވެ.ނަމަވެސް ޤުރްޢާން ހިތުދަސް އެތައް ބަޔަކު ދުނިޔޭގައި އުޅެއެވެ.މީ ވިސްނާލަން ޖެހޭ ކަމެކެވެ. 6)ޓްރިނިޓީ އަޤީދާ ގެ ވާހަކަ ބައިބްލް ގައި އައިސްފައި ވޭތޯ އެވެ؟ނުވެއެވެ.އެއީ އަމިއްލައަށް ހަދާފައިވާ އެއްޗެކެވެ. މި ސުވާލުތައް އަމިއްލަ ނަފްސާ ކޮށްލާށެވެ.

އޮމެގާ/އަލްފާ މި ކަމާ ބެހޭގޮތުން ދެކޭގޮތެވެ.

އަޅުކަން ކުރުން ހައްގު ފަރާތަކީ މަތިވެރި މާތް ﷲ އެވެ. އެންމެ މަތިވެރި ކަލާނގެއެވެ. ނެތުމުގެ ތެރޭން އާލަމްތައް އުފެއްދެވި ކަލާނގެއެވެ. އީސާގެފާނަކީ ބައްޕައަކާ ނުލައި މާތްކަލާނގެ އަމުރުފުޅުން ދުނިޔެއަށް އިންސާނެއްގެ ގޮތުގައި ފޮނުއްވުނު ބޭކަލެކެވެ.  ތިންކައުވަންތަ ކަމޭ އެބުނާ ބުނުން އޮޅުންފި ލުވައިދޭކަށް އަދި އެއްވެސް މީހަކަށް އެނގޭހެނެއް ހިއެއް ނުވެއެވެ. އެހެނީ މާތްކަލާނގެއަކީ ރޫހާނީ ފަރާތެކެވެ. މާތް ރޫހުފުޅަކީ އެކަލާނގެ ކިބައިން ފޮނުވޭ ރޫހުފުޅެކެވެ. އިސްވެ ދެންނެވިހެން އީސާގެފާނު ދުނިޔެއަށް ވަޑައިގަތީ އިންސާނެއްގެ ބަލިކަށި ކަމުގައި ރޫހުފުޅުގެ ބާރެއް ނެތިއެވެ. އެހެންނަމަވެސް ފަހުން އެކަލޭގެފާނަށް އެއްވެސް އެހެން އިންސާނަކަށް ދެއްވާފައި ނުވާފަދަ ބާރުފުޅެއް ނުވަތަ ޖަލާލަތުކަން ދެއްވިއެވެ. މާތްކަލާނގެއާ ބެހޭ ގޮތުން ދެ ޑައިމެންޝަނުން ބަލައިގެން މާބޮޑު އެއްޗެއް އޮޅުމެއް ނުފިލާނެއެވެ. އެހެނީ އެކަލާނގެއަކީ އިންސާނީ ބުއްދިއަށް ވިސްނައި ނުގަނެވޭހާ މަތިވެރި ކަލެކެވެ. ފެށުމާއި ނިމުން ވަނީ އެކަލާނގެ ކުރިފުޅުމަތީގައެވެ. އެކަލާނގެ އަކަށް ގަޑި އެއް މަހެއް އަހަރެއް ދުރުކާރި މިނެއް ކަނޑައެޅިފައެއް ނުވެއެވެ. އެކަލާނގެ ވަނީ ވަގުތުގެ ދާއިރާއިންވެސް ބޭރުގައެވެ. އަޅުގަނޑުމެންގެ ތެރޭން 3 ޑައިމަންޝަން މަންޒަރެއް ދުށީ ކިތައް މީހުންތޯއެވެ؟  އެ މަންޒަރު  2 ޑައިމަނޝަނާ ކިހާ ތަފާތު ތޯއެވެ؟ އެކަހަލަ މޫވީއެއް ބަލާއިރު ހީވާނީ ކުޅުންތެރިންގެ ގައިގައި އަތްވެސް ލެވިދާނެހެން ނޫންތޯއެވެ؟ މަތިވެރި ކަލާނގެ ރަސްކަންފުޅުގައި ހިމެނެނީ ކިތައް ޑައިމެންޝަން ކަން އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ދުނިޔޭގައި ވެސް މިހާރު3 ޑައިމެންޝަނަށް ވުރެން ގިނަ ޑައިމަންޝަން ވާކަން ދަނީ ހޯދެމުންނެވެ. އެހެންކަމުން ހަމަ އެކަނި ބުއްދި ބޭނުން ކޮށްގެން އެކަލާނގެ ރަސްކަންފުޅާއި އީސާގެފާނާއި މާތް ރޫހުފުޅު ގުޅިފައިވާ ގޮތް ސާފުކޮށް ބުނެދޭކަށް ނޭނގެއެވެ. އެނގޭ ކަމަކީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވައިގެން މަރުވެފައިވާ މީހުން ދިރުއްވައި ލޯއަނދިރި މީހުންގެ ލޯ އަލި ކުރެއްވުން ފަދަ މުއުޖިޒާތް ތައް ދެއްކެވިކަމެވެ. ދެންވެސް އެނގޭ ކަމަކީ މަތިވެރި ކަލާނގެ ބާރު ދެއްވައިފިނަމަ ނުކުރެވޭނެ ކަމެއް ނޯންނާނެކަމެވެ. އީސާގެފާނު ސަލީބަށް އެރުވުނެވެ. އެހެންވެސް އިންސާނަކަށް ލިބޭނެފަދައިން ވޭން ލިބިވަޑައިގަތެވެ.  އެކަން ހިނގީ ކުރީއްސުރެން އެކަން އެގޮތަށް ހިނގާނެ ކަމަށް ފަތްފުށްތަކުގައި ލިޔެވިފައިވާ ފަދައިންނެވެ. އެއީ މަތިވެރި ގުރުބާނީއަކަށް ވާނެ ގޮތުގެ މަތީންނެވެ.

އީސާގެފާނުގެ ހަށިކޮޅު އަވަހާރަވިއެވެ. އެހެންނަމަވެސް ތިން ދުވަސްފަހުން ބެލިއިރު އެ ހަށިކޮޅެއް ނެތެވެ. އޭގެފަހުން އެކަލޭގެފާނު އެތައް ބަޔަކަށް އެތައް ފަހަރަކު ފެނިދެނިވެފައިވެއެވެ. އީސާގެފާނު ފަހުން މާތްކަލާނގެ ހަޒްރަތަށް އުފުއްލެވުނެވެ. އަދި މަތިވެރިކަލާނގެ ކަނާތްޕުޅު ފަރާތުގައި ބޭންދެވުނެވެ. ދުނިޔޭގައި ހިނގާ ހުރިހާ ކަމެއްގެ ބާރުވެރިކަން އެކަލޭގެފާނަށް ދެއްވުނެވެ.
އެހެނަސް އެކަލޭގެފާނުގެ ރަސްކަން އޮތީ ދުނިޔެ މައްޗަކު ނޫނެވެ. އެކަލޭގެފާނުގެ ރަސްކަން ވަނީ ނިމުމެއް ނުވާ ދުނިޔޭގައެވެ. ދުނިޔޭގެ ބާރުވެރިޔަކީ ޝައިތާނާއެވެ. އޭގެ އުނދަގޫ ވަކި ހިސާބަކަށް ބޮޑުވެ ދިރިތިބީންނަށް ނުކުޅަދާނަ ވުމުން އަލުން އީސާގެފާނު ދުނިޔެއަށް ވަޑައިގަންނަވާނެއެވެ. ދުނިޔޭގެ ނިމުން ފެށެނީ އެހިސާބުންނެވެ.

އެކަލޭގެފާނުގެ ސޫރަފުޅަށް ބުދުތައް ހަދާފައި ހުރެއެވެ. ނިޝާނެއްގެ ގޮތުގައިސަލީބުވެސް ބޭނުން ކުރެވެއެވެ. އެއަކީ އަޅުކަމަކާ އެއްވެސް ގުޅުމެއް ހުރި އެއްޗެއްސެއް ނޫނެވެ. އެހެނީ މަތިވެރި ކަލާނގެއަށް އަޅުކަން ކުރާކަށް ތަނެއް ވަގުތެއް މިސްރާބެއް ބޭނުމެއް ނުވެއެވެ.

ބައިބްލްގައި އީސާގެފާނު އަމިއްލަ ފުޅަށް ސަންއޮފްމޭން ނުވަތަ އިންސާނާގެ ދަރިކަލުންނޭ ވިދާޅުވެފައިވެއެވެ. ސަންއޮފް ގޯޑް، ސަންއޮފްމޭން އަކީ ލަގަބެއްގެ ގޮތުގައި ބޭނުން ކުރެވޭ ލަފްޒެކެވެ.  

އީސަގެފާނު މާތްކަލާނގެއަށް ބައްޕާފުޅޭ ވިދާޅުވެފައިވެއެވެ. އޭގެ މާނައަކީ އެކަލޭގެފާނަކީ މަރިޔަންގެފާއެކު މާތްކަލާނގެ ޖިންސީގުޅުން ހިންގަވައިގެން ލިބިވަޑައިގެންފައިވާ ދަރިކަލެއްކަމަށް ގަބޫލު ކުރައްވާތީ ވިދާޅުވާ ބަސްފުޅެއް ނޫނެވެ. އެކަލޭގެފާނުގެ ފުރާނަފުޅަކީ ދުނިޔެ އުފެއްދެވުމުގެ ކުރީގައިވެސް ވީ ފުރާނަފުޅެއް ކަމަށް ވެއެވެ. އަދި އޭރު މާތްކަލާނގެއާއެކު ވޮޑިގެންވީ ކަމަށްވެސް ވެއެވެ. އީސާގެފާނަކީ މާތްކަލާނގެ ބަސްފުޅެވެ. ދުނިޔޭގެ ފެށުމަކީ ވާށޭ.. މިހެން އެންގެވި ބަސްފުޅެވެ. އާލަމްތައް އުފެދިގެން އައީ މާތްކަލާނގެ ބަސްފުޅުންނެވެ.

އެހެން ކޮމެންޓެއްގައިވެސް ލިޔެވުނު ފަދައިން މާތްކަލާނގެއަކީ ރޫހާނީ ފަރާތެކެވެ. އެހެންކަމުން އެކަލޭގެފާނުގެ ރޫހުފުޅާއި މާތްކަލާނގެ ރޫހުފުޅާ ގުޅިފައިވަނީ ކިހިނެއްކަން ކޮން ނިސްބަތަކުން ބުނެދޭކަށް ނޭނގެއެވެ. އެގެނީ މާތްކަލާނގެ ނޫން ފަރާތަކަށް ކުރެއްވުން އެކަށީގެން ނުވާ ކަންތައް އީސާގެފާނު މާތްކަލާނގެ ދެއްވި ބާރުފުޅާއެކު ކުރައްވާފައި ވާކަމެވެ. 

އަޅުގަނޑުމެންނަށް ދުނިޔެވީ ކަންކަމުގައިވެސް މިވެނި މީހަކީ މިވެނި ކަމެއްގެ ބައްޕައޭ މިވެނި މީހެއްގެ ދަރިއެކޭ މިހެން ބުނާ އަޑުއިވެއެވެ. ތިމާވެށީގެ ބައްޕައަކީ ތިމާވެށީގެ މަންމަގެ ފިރިމީހާ ކަމަށް ވާކަށް ވެސް ނުޖެހެއެވެ. ހުރިހާ ހަނގުރާމައެއްގެ މަންމައަކީ ސައްދާމު ކުރެއްވި ހަނގުރާމައޭ ބުންޏަކަސް ހަނގުރާމައަކީ ސައްދާމުގެ ދަރިއަކަށް ވެސް ނުވާނެއެވެ. މި ސުވާލަކީ ހަގީގަތުގައި ކުރަން ރަނގޅުވެސް ސުވާލެކެވެ. އެކަމަކު އީސާއީ ދީނާ މެދު ސީރިއަސް ކަމެއް ނެތި މި ސުވާލު ކުރުމަކުން އަދި އޭގެ ޖަވާބު ލިބުމަކުން ވާނެ ފައިދާއެއް ނެތެވެ. އެހެނީ އީސާގެފާނުގެ ދީނުގައި ހުންނަ މީހަކީ މަތިވެރި ކަލާނގެ އެންގެވި އެންގެވުމާ އެއްގޮތަށް އެކަލާނގެއަށް ބޯލަނބައި ކިޔަމަންވެ ސާލިހު އަމަލު ކުރުން މަތީ ހުންނަ މީހާއެވެ. ކޮންމެހެން ދަރިއަކަށް ބައްޕައަކަށް މަންމައަކަށް ވާކަން މުހިންމެއް ނޫނެވެ.

 މަތިވެރި ކަލާނގެއަށް އަޅުކަން ޚާލިސްކޮށް އެކަލާނގެއަށް އަޅުކަން ކުރާ ބަޔަކަށް ކްރިސްޓިއަން ނުވަތަ ނަސާރާ ނުވަތަ ސަލީބީ ނުވަތަ މަސީހީ ދީނޭ ކިއުމަކުން އެ ދީން އެއީ ކަމު ނުދާ ދީނެއް ކަމަކަށް ހެދޭކަށް ނެތެވެ. އެހެނީ އެއީ އިބްރާހިމްގެފާނުގެ ވެސް ދީނެވެ. އަދި ކީތް؟ އެއީ ފުރިހަމަ އިސްލާމް ދީންވެސް މެއެވެ.

އިންޖީލަކީ ބަދަލު ކުރެވިފައިވާ ފޮތްކޮޅެއް ނޫނެވެ..


*އަލްފާ*

 އިންޖީލުގެ މާނައަކީ ހެޔޮ ޚަބަރުފުޅެވެ. އެއީ އީސާގެފާނު ވިދާޅުވި ބަސްފުޅުތަކެވެ. ބައިބަލްގައިހިމެނޭ އިންޖީލުގެ ފޮތްތަކުގައި ވަނީ އީސާގެފާނު އުޅުއްވި ގޮތާއި ވިދާޅުވި ބަސްފުޅުތަކާއި ދެއްކެވި މުޢުޖިޒާތްތަކެވެ. އަދި އެދުވަސްވަރު އީސާގެފާނުގެ ވަށައިގެން ހިނގަމުން ދިޔަ ކަންތަކެވެ.

މި ލިއުންތައް ލިޔަން ފެށުނީ އެކަލޭގެފާނު އަވަހާރަވީފަހުން 70 ވަރަކަށް އަހަރުގެ ފަހުންނެވެ. އޭރު އެކަލޭގެފާނުގެ އަސްހާބުންގެ ތެރޭގައި އުޅުއްވި ޔޫހަންނާ ފަދަ ބޭފުޅުން އެކަން ހިނގިގޮތް ލިއުއްވިއެވެ. އަދި އެނޫން ތިންބޭފުޅަކުވެސް އެބޭފުޅުންނަށް ފެނިވަޑައިގެން އަދި ލިބިވަޑައިގެންނެވި އެންމެ އިތުބާރު ހިފޭ މައުލޫމާތު އެއްކުރެއްވިއެވެ. 

މި ބޭފުޅުން މި ލިއުންތައް ލިއުއްވީ އެއްތަނެއްގައި ތިއްބަވައި އެއްބަސް ވިދާޅުވެފައެއް ނޫނެވެ. އެހެން ކަމުން ލިއުންތަކުގެ ބަހުރުވައާއި ހާދިސާތަކުގައި ފުށު އެރުމާއި ފުށު ނޭރުން އެކުލެވިފައިވެއެވެ. މާނައަކީ އެއް ފޮތެއްގައި ހުރި ވާހަކަ އަނެއް ފޮތެއްގައި އެހެން އިބާރާތަކުން ހުރެ އެއްފޮތެއްގައި ނެތް ވާހަކަ އަނެއްފޮތެއްގައި ހުރުމެވެ. 

އެ ދުވަސްވަރަކީ ކާރީގައި ރިޕޯޓަރުން ތިބެގެން ހުރިހާ އިވެންޓެއް ކަވަރ ކުރެވެމުން ރިކޯޑް ކުރެވެމުން ދިޔަ ދުވަސްވަރެއް ނޫނެވެ. އެހެނަސް އެ ހިނގި ހާދިސާތައް ލިޔެފައި ވާ ލިއުންތަކުގައި ފުށު އަރާފައެއް ނުވެއެވެ. ދެ ބަސްވުމެއް އުފެދޭނެ ތަނެއް ނެތެވެ. އޭގެފަހުން އީސާގެފާނަށް ތަބާވީ ޕޯލްމެން ޓިމޮތީމެން އަދި އެނޫންވެސް ބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ފޮނުއްވި ސިޓީތަކާއި ލިއުއްވި ނަސޭހަތުގެ ލިއުއްވުންތައް އެ ފޮތުގައި ހިމެނިފައިވެއެވެ. އެހެންކަމުން އިންޖީލުގެ ނަމުގައި ބައިބަލްގައި ހުރި މި ބާވަތުގެ ލިއުންތައްވަނީ ނިއު ޓެސްޓެމަންޓްގެ ތެރޭގައެވެ. 

އެހެނަސް ތައުރާތް ކަމަށް އީސާއީންގެ ދަންނަ ބޭކަލުން ބަލަމުން އައިސްފައިވަނީ މާރކް، މެތިއުސް، ލޫކް، ޖޯން  މި ހަތަރު ފޮތްކޮޅެވެ. ބައިބަލްގައި ދެން ހުރީ އޯލްޑްޓެސްޓަމަންޓް ނުވަތަ މޫސާގެފާނުގެ ފޮތްކޮޅު ތައުރާތާއި ޒަބޫރާއި އެހެނިހެން ދީނީ ތާރީޚީ ލިއުއްވުންތަކެވެ. 

އެފޮތްތަކުގައި މޫސާގެފާނަށް ބާވައި ލެއްވި ގަވާއިދުތަކަށް އީސާއީން ތަބާވާން ނުޖެހުނު ކަމުގައިވިޔަސް އެ ފޮތްތަކަށްވެސް އީސާއީން ހުރުމަތްތެރިކޮށް ހިތައެވެ. އެހެނީ އޭގައިވެސް ވަނީ ފެށުނީއްސުރެން މާތްކަލާނގެ އިންސާނުންނަށް އަންގަވަމުން ދިޔަ ކަންތަކުގެ މައުލޫމާތެވެ.
 
އީސާގެފާނު ވާހަކަފުޅު ދެއްކެވީ ހީބްރޫ ބަހުންނާއި އަރަމިކް ބަހުން ކަމަށްވިޔަސް އިންޖީލު މައިގަނޑު ގޮތެއްގައި ލިޔެވިފައި ވަނީ ގްރީކް ބަހުންނެވެ. އެ ފޮތް ކޮޅު ލިއުނުގޮތަށް ރައްކާތެރި ކުރެވިފައިވަނީ އޭރު ތިބި މީހުންގެ ވަރަށް ބުރަ މަސައްކަތުން ވަރަށް ފަރުވާތެރިކަމާއެކުގައެވެ.
ބައިބަލްއާއި ތައުރާތަކީ އަދި ޒަބޫރަކީ ތަފާތު ފޮތްތަކެއް ނަމަވެސް ހުރިހާ ފޮތްތަކެއްގައި ވެސް ވަނީ މަތިވެރި ކަލާނގެއާއި އިންސާނުންނާ ދެމެދުގައި ހިނގާފައި ހުރި މުއާމަލާތް ތަކުގެ ވާހަކައެވެ. މިއިން އެއްވެސް ލިއުމަކުން އެކަލާނގެ ޚަސީލަތްފުޅާއި ޝަޚުސިއްޔަތު ފުޅަށް އުނިކަމެއް އަންނާނެ ލިއުމެއް ނުވެއެވެ. 

މި ހުރިހާ ފޮތްތަކުގައިވާ ލިއުންތަކުންވެސް ދައްކައިދެނީ މާތްކަލާނގެއަކީ ރަނގަޅު ކަލެއް ކަމާއި އެކަލާނގެއީ އިންސާނުން ދެކެ ލޯބިވެ ވޮޑިގަންނަވާ އޯގާވެރި ކެތްތެރި ކުޅަދުންވަންތަ ހުރިހާ ތަނެއްގައި އަބަދަށް ދިރި ދެމިވޮޑިގެންވާ އިންސާފު ވެރި ކަލެއްކަމެވެ.

ހާސް އަހަރުގެ ދިގު ރާސްތާ ކަޑައްތު ކޮށްފައިވާ މި ފޮތަށް ވުރެން ފުންކޮށް ގިނަ ބަޔަކު ދިރާސާ ކުރި އަދި ކުރަމުންދާ އެއްވެސް ފޮތެއް ދުނިޔެ މައްޗަކު ނުވެއެވެ. އެހެންކަމުން މި ފޮތްތަކުގައި އޮޅުވާލުމެއް ކުށެއް އަދި މާތްކަލާނގެ އެންގެވި އެންގެވުމަކާ ޚިލާފު ވާހަކަތަކެއް ހުރި ނަމަ އެކަން ސިއްރު ކުރެވުމަކީ ނުވާނެ ކަމެކެވެ.

އެހެނިހެންވެސް ތާރީޚީ ދުވަސްވީ ވާހަކަ ލިޔެވިފައިވަނީ އެކި މީހުންގެ ލިއުންތަކުން ކަމަށްވާތީ އެކި ދެތިން މީހުންގެ ލިއުން ތަކުގައި އެއް
ހާދިސާއެއްގައި ކަންތައް ހިނގި ގޮތުގެ ތަފާތު ބުނުންތަކެއް ހުރެދާނެއެވެ. އެހެނަސް އެހާދިސާގެ މައިގަނޑަށް ބަދަލު އައިސްފައެއް ނުވެއެވެ. މިސާލަކަށް ނޫހުގެފާނުގެ ތޫފާންގެ ދިގުމިން ދެމީހަކު ދެމުއްދަތެއް ކަމަށް ބުނެފައި އޮވެދާނެއެވެ. އެ ދެގޮތްވެސް ބައިބަލްގެ ދެފޮތަކު އޮވެދާނެއެވެ. އެހެންނަމަވެސް ތޫފާނެއް ނުފޮނުއްވާ ކަމަކަށް އެކަކުވެސް ބުނެފައެއް ނުވެއެވެ.

އެގޮތަށް އަދަދު ތަކުގެ ތެރޭގައި ހުންނަ ތަފާތު ތަކެއް ފަހުން ލިއުނު މީހުން  ބޭނުން ގޮތަކަށް ލިޔެ ބަދަލު ކޮށްފައެއް ނުވެއެވެ. އެހެނީ މާތްކަލާނގެ ބަސްފުޅު ބަދަލު ކޮށްލަން ކެރޭނެ ބަޔަކު ދީންވެރިންގެ ތެރެއަކު ނުހިމެނެއެވެ. 

މިސާލަކަށް އެކަކު އެއިން ލިއުމެއް އޭނާ ބޭނުން ގޮތަކަށް ބަދަލު ކުރަން އުޅުނަސް ދެން ތިބި އެންމެނެއް އެކަމަކާ އެއްބަހެއް ނުވާނެއެވެ. އެއްބަހެއް ނުވެސް ކުރުވޭނެއެވެ. އެއީ އެމީހުންނަށް ކުރަން ކެރޭނެ ކަމެއް ނޫނެވެ. އޭރަކުވެސް މިހާރަކުވެސް އެގޮތަކަށް އެކަމެއް ނުކުރެވޭނެއެވެ.

ބައިބަލް އަކީ ބަދަލުކޮށްފައިވާ ފޮތެއް ކަމަށް އެކި ލިއުންތަކުން ފެންނާތީ މި ވާހަކަ ކޮޅު ވެސް  ހިމަނާލީއެވެ.