Oct 20, 2010

ބައިބަލްއަކީ އިންސާނުން ލިޔެފައިއޮތް ފޮތެއް


--އޮމެގާ
ބައިބަލްއަކީ ޕްރިންޓްރެޑީ ވެގެން ޗާޕްކުރަން ޕްލޭޓް ހެދިގެން މަތިން އައިސްފައި އޮތް ފޮތެއް ނޫނެވެ. އެއީ އިންސާނުން ލިޔެފައި އޮތް ފޮތެކެވެ. އެ ފޮތް ލިޔަމުން ދަނީ އިންސާނުންނެވެ. އެފޮތުގައި ލިޔަމުން ދަނީ މާތްކަލާނގެއާ ބެހޭގޮތުންނާއި މާތްކަލާނގެ އެންގެވި އެންގެވުން ތަކާ ބެހޭގޮތުން އެކި ގޮތްގޮތުން އިވި އަޑު އިވި އިލްހާމު ލިބިފައި ހުރި ވާހަކަތަކެވެ. ބައިބަލްއަކީ ޖާދޫގެ ފޮތެއް ނޫނެވެ. ސިހުރުހާހޫރުގެ ފޮތެއް ނޫނެވެ. ތާރީޚީ ފޮތެއް ނޫނެވެ. ސައެންސް ފޮތެއް ނޫނެވެ. އަދި ރޫހާނީ ފޮތެއްވެސް ނޫނެވެ. އެހެން ނަމަވެސް މި ހުރިހާ ކަންތަކެއް ބައިބަލްގައި އެކު ލެވިގެންވެއެވެ.

ބައިބަލްގައި ކޮންމެ ބަޔަކު ކޮންމެ ދުވަސްވަރެއްގައި ލިޔުނަސް ލިޔެފައިވާ މައިގަނޑު ވާހަކަ އަކީ، މާތްކަލާނގެއަކީ އެއްކައުވަންތަ ކަލެއް ކަމެވެ. އެކަލާނގެއާ އެއްފަދަ ދެވަނަ ފަރާތެއް ނުވާކަމެވެ. އެކަލާނގެއީ ކުޅަދުންވަންތަ ކަލެއް ކަމެވެ. އެކަލާނގެއަކީ ފެށުމެއް ނިމުމެއް ނުވާ ކަލެއް ކަމެވެ. އެކަލާނގެ ހުރިހާ ތަނެއްގައި ހުރިހާ އިރެއްގައި ވޮޑިގެންވާ ކަމެވެ. އަދި މީގެ އިތުރުން އެކަލާނގެއަކީ ރަނގަޅު ކަލެއް ކަމެވެ. ތެދުވެރި ކަލެއްކަމެވެ. އަމާނާތްތެރި ކަލެއް ކަމެވެ. މި ހުރިހާ ކަމަކާއެކު އެކަލާނގެއީ އިންސާފު ވެރި ކަލެއް ކަމެވެ.

މާތްކަލާނގެ އިންސާނާ ހެއްދެވީ ލޯތްބާއެކުގައެވެ. އިންސާނާއަށް ވަނީ އިޚްތިޔާރު ދެއްވާފައެވެ. އިންސާނާ ބޭނުންނަމަ އޭނާއަށް ބަސް ނާހާ މީހަކަށް ވެވިދާނެކަން އާދަމްގެފާނު ގެ އަމަލުތަކުން އެނގިގެން ދިޔައެވެ. އަދި ކުށެއް ކުރުމުން އޭގެ ސަޒާ ލިބެން ޖެހޭނެކަން މާތްކަލާނގެ ދެއްކެވިއެވެ. އަދި ކުށަށް އިއުތިރާފުވެ މައާފަށް އެދުމުން އެކަލާނގެ މައާފު ދެއްވާނެ ކަން އެކަލާނގެ ދެއްކެވިއެވެ.

ބައިބަލްގައި ކޮންމެ ބަދަލު ކުރުމެއް ހުއްޓަސް ކޮންމެ ފުލޯކެއް ހުއްޓަސް ދައްކައިދެނީ މި ކަންކަމެވެ. ބައިބަލްގައި ހުރި ވާހަކަތައް ބަލައި ދިރާސާ ކުރުން އަދިވެސް ދަނީ ކުރިޔަށެވެ. ބައިބަލް އަކީ ދިރި ހުރި ފޮތެކެވެ. އެއީ ދިރޭ ބަސްފުޅުތަކެކެވެ.

No comments:

Post a Comment