Jan 23, 2011

އިންސާނާއަކީ ކާކު؟

*އަލްފާ*
ރަހުމަތްތެރީންނޭވެ. ކުރުގޮތަކަށް މާތްކަލާނގެއަކީ ކޮބައިކަން އީސާއީން ގަބޫލު ކުރާގޮތް  ކުރީގައި ގެނަސްދީފައި ވާނެއެވެ. ހަމަ އެގޮތަށް އެމީހުން އިންސާނާ އާ ބެހޭ ގޮތުން ދެކޭ ގޮތް ވެސް ކުރު ގޮތަކަށް ގެނަސް ދޭނަމެވެ. އިންސާނާއަކީ ކާކު ކަން އެނގުމަކީ ވެސް ކަލާނގެއަކީ ކޮބައިކަން އެނގުންހާ މުހިންމު ކަމެއް ކަމަށް ދެކިގެންނެވެ.
     އިންސާނާ އަކީ ކާކުކަން އަންގައިދެނީ ކީރިތި ބައިބަލް އިންނެވެ. ބައިބަލްގެ އެންމެ ފުރަތަމަ ފޮތުގައި ލިޔެވިގެންވާ ގޮތުގައި މާތްކަލާނގެ އުޑާއި ބިން އުފައްދަވާފައި ގަސްގަހާ ގެއްސާއި ޖަނަވާރު އުފެއްދެވުމަށްފަހު ދެން އުފެއްދެވީ އިންސާނާއެވެ. އިންސާނާ އުފެއްދެވީ އެކަލާގެ ސޫރަ ފުޅާ ވައްތަރު ކޮށެވެ. އެކަލާނގެ އިންސާނާ އުފެއްދެވީ ވިސްނައި ދެނެގަތުމުގެ ބާރު ލިބިފައިވާ ސިކުނޑިއަކާ އެކުގައެވެ.  އެއީ އޭނާ ހެވާއި ނުބައި ވަކިކޮށް ދެނެގަތުމަށެވެ.  އަދި ހެޔޮ ކަންތައް ކުރުމަށް އިޚްތިޔާރު ލިބޭނެ ފަދައިންނެވެ. ހަމަ އެއާ އެކު ބަސް ބުނުމުގެ ކުޅަދާނަކަން ލިބިފައިވާ ދުލަކާއި،  އަނެކާ އާ   ގުޅުވައިދޭނެ ރޫހާނިއްޔަތެއް ދެއްވާފައެވެ.
     މިހެންކަމުން އިންސާނާ ވަނީ ހުރިހާ މަޚްލޫގުންގެ ތެރޭން އެންމެ މަތިވެރި މަޚްލޫގު ކަމުގައި ހިމެނިފައެވެ. އެހެނީ އޭނާއަށް  ވަނީ މާތްކަލާނގެއާ ގުޅުން އުފެއްދޭނެގޮތް މެދުވެރި ވެފައެވެ.
     އިންސާނާއަކީ ކަލެއް ނޫނެވެ. އެހެނެއް ކަމަކު އިންސާނާއަކީ ފުރިހަމަ އިޚްތިޔާރުގައި މާތްކަލާނގެ ޚިދުމަތުގައި ބިންމަތީގައި ލެއްވި އެކަލާނގެ ދަރީންނެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވި އިރަކު އެއްވެސް ކުށެއް ފާފައެއް ނެތެވެ. އެހެންނަމަވެސް ގިނަ ދުވަހެއް ނުވެ އޭނާ އެކަލާނގެ އެންގެވި އެންގެވުމަކާ އެއްގޮތަށް ކަންތަކެއް ނުކުރިއެވެ. އޭނާ ބަސް ނޭހި އެވެ. އެކަލާނގެއަށް އުރެދިއްޖެއެވެ. ދެއްވި އިޚްތިޔާރުގެ ބޭނުން ހެޔޮގޮތުގައި ހިފައި އެކަލާނގެ އަށް ކިޔަމަންތެރިވެ އަޅުކަން ކުރުން ދޫކޮށްލިއެވެ.
     ބައިބަލްގެ ޖެނެސިސްގެ ތިންވަނަ ޗެޕްޓަރގައި ވާ ގޮތުގައި އާދަމްގެފާނާއި ހައްވާގެފާނު ބަގީޗާގައި ހުރި ގަހަކުން މަނާ ކުރެވުނު މޭވާ ފަރީއްކުޅުއްވައިފި އެވެ. މާތްކަލާނގެ އަންގަވާފައިވަނީ އެ މޭވާ އެ ބޭކަލުން ފަރިއްކުޅުއްވައިފި ނަމަ މަރުވެދާނެ ކަމަށެވެ.
     އެކަމަކު ޝައިތާނާ ހަރުފައެއްގެ ގޮތުގައި ބަގީޗާއަށް ވަދެ ހައްވާގެފާނަށް ވަސްވާސް ދީގެން އެ މޭވާ އެ ކަމަނާ ލައްވައި ފަރިއްކުޅުއްވައިފި އެވެ. ދެން ހައްވާގެފާނު އާދަމްގެފާނަށް ވެސް އެމޭވާ ދެއްވައިގެން އެ ކަލޭގެފާނުވެސް ފަރިއްކުޅުއްވައިފިއެވެ.
     އެއީ އިންސާނާ ކުރި ފުރަތަމަ ކުށެވެ. އެކަން ހިމެނުނީ އިންސާނާ މާތްކަލާނގެއާ ވެގަތް ދެކޮޅުވެރި ކަމަކަށެވެ. މިހެން ކަމުން އިންސާނާ ވެގަތީ މާތްކަލާނގެއަށް ދޫ ނުކުރާ މަޚްލޫގަކަށެވެ. ނަތީޖާއަކަށްވީ އިންސާނާ ދެކެ މާތްކަލާނގެ ކޯފާވެ ވޮޑިގަންނަވައި ސުވަރުގޭގެ ބަގީޗާއިން ބޭރު ކުރައްވައި ދުނިޔޭގެ އުނދަގުލާއި ވޭން ތަހައްމަލު ކުރަން ފޮނުއްވާ ލެއްވުމެވެ.
     އެއަށްވުރެން ވެސް ދެރަ ކަމަކީ އިންސާނާއާ މާތްކަލާނގެއާ ދެމެދުގައި އޮތް ގުޅުން ކެނޑިގެން ދިއުމެވެ.
     ކުރީގައި އިންސާނާއަކީ ކުށެއްނެތް ސާފު ސީދާ މީހެކެވެ. އޭރު އެކަލާނގެއާ ގުޅުން އުފެދިފައި އޮތީ އެހެންވީމައެވެ. ފަހުން އޭނާ ބަދަލުވެ އެހެން މަޚްލޫގަކަށްވީ އެވެ. ނުތާހިރު ވީއެވެ. އެހެންވުމުގެ ސަބަބުން އޭނާ އާ މާތްކަލާނގެއާ ދެމެދު އޮތް ގުޅުން ކެނޑިގެން ދިޔައީއެވެ.
     އިންސާނާ ކުރި ފުރަތަމަ ފާފައާ މެދު އަހަރުމެން އެހާ ބޮޑު އަހައްމިއްޔަތެއް ދޭންވީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ މިއެވެ. އިންސާނާގެ ތަބީއަތް ބަދަލު ވުމުގެ ސަބަބުން އޭނާގެ ކިބައިގައިވާ ހެޔޮކަންތައް ކުރުމުގެ ތަބީއަތް ބަދަލުވެގެން ދިޔައީއެވެ. އިންސާނާއަށް ހެވާއި ނުބައި އެނގޭ އިރުވެެސް ނުބައިކަންތަކާ ދިމާއަށް ދެވެނީ އެހެންވީމައެވެ. ނުލަފާ ކަމަކީ ނުރަނގަޅު ކަމެއްކަން އެނގޭއިރުވެސް އިންސާނާ އެ ކުރަނީ ނުބައި ކަންތަކެވެ. ޖެހިލުމެއްވެސް ނެތިއެވެ. ދޮގު ހެދުމަކީ ގޯހެއްކަން ވެސް އިންސާނާ ދަނެއެވެ. އެކަމަކު އިޚްތިޔާރެއް ނެތި ވެސް ހަދާލެވެނީ ދޮގެކެވެ. މިގޮތުގެ މަތީން އިންސާނާ ވަނީ މާތްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންކަމުގެ އަޅަކަށް ވެފައެވެ.
     ކުއްޖާ އުފަންވާއިރު އެއީ އެއްވެސް ކުށެއް ފާފައެއް ނެތް ކުއްޖެއް ކަމުގައި ބެލެވިފައި ވެއެވެ. އެހެންނަމަވެސް މާ ގިނަ ދުވަހެއް ނުވެ ނުބައި ނުލަފާކަން އެކުއްޖާގެ ކިބައިން ފާޅުވާން ފަށައެވެ.
     ދާއޫދުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދުނިޔެއަށް އައިސްފައި ވަނީ ނިކަމެތި ގޮތުގައެވެ. މަންމަގެ ބަނޑުން ތިމަންކަލޭގެފާނު އުފަންވީ ފާފައިގެ ތެރެއަށެވެ.
     އިންސާނާއަކީ ފާފަވެރިއެއްގެ ގޮތުގައި ޚުދު އިންސާނާވެސް މިވަނީ އެއްބަސް ވާން ޖެހިފައެވެ.
     އިންސާނާގެ ހިތުގައިވަނީ އޮޅުވާލުންތަކާއި މަކަރުވެރިކަމެވެ. ނުސާފު ކަމެވެ. އެ ހިތުގެ އެންމެ ފުނަށް ވަނީ ނުސާފުކަން ފެތުރިފައެވެ.
     އީސާގެފާނު ވިދާޅުވެފައި ވަނީ ނުލަފާ ޚިޔާލުތަކާއި ފާހިޝްކަންތައް ކުރުމާއި ވައްކަން ކުރުމާއި މީހުން މެރުމާއި ޒިނޭކުރުމާއި މަކަރު ހެދުމާއިި ވިޔާނުދާކަންތައް ކުރުމާއި އޮޅުވާލުމާއި ލަދުހުތުރުކަންތައް ކުރުމާއި ހަސަދަ ވެރިވުމާއި ލަނޑު ދިނުމާއި ބޮޑާވެގަތުމާއި މޮޔަކަންތައް ކުރުން އަންނަނީ އިންސާނާގެ އެތެރޭން ކަމަށެވެ. ނުވަތަ އިންސާނާގެ ނަފުސުގައި އެކުލެވިފައިވާ ކަމެއް ކަމުގައެވެ.  މިބަސްފުޅު މާރކް 7:21 ގައި ތަފުސީލުކޮށް ލިޔެވިފައި ވެއެވެ.
     އިންސާނާގެ ހިތް ރަނގަޅަށް ދެނެވޮޑިގަންނަވާ ކަލާނގެ ވަހީކުރައްވާފައި ވަނީ  އެއްވެސް އިންސާނަކީ ސާފު ސީދާ މީހެއް ނޫން ކަމަށެވެ. އެފަދަ އެކަކުވެސް ނެތްކަމަށެވެ.   ރޯމަން 3:10 ބައްލަވާށެވެ.
     އެހެންނަމަވެސް އިންސާނާއަށް ވުރެން މަތިވެރި އެކަކު ވެއެވެ. އެވާހަކަ ފަހުން ލިޔާނަމެވެ.
     ނިކަން ބައްލަވާށެވެ! އިންސާނާ މިވަނީ ކޮންފަދަ ހިތާމަވެރި ހާލަތަކަށް ވެއްޓިފައި ތޯއެވެ؟
އޭނާގެ ނުކިޔަމަންތެރި ކަމުގެ ސަބަބުން މާތްކަލާނގެއާ ދެމެދު އޮތް ގުޅުން ކެނޑިގެން ގޮަސްފައެވެ. އޭނާ މިވަނީ ބަލަހަށްޓާނެ ފަރާތެއް ނެތް ކަންބަޅި ބަކަރިއެއް ހަނަފަސް ސަހަރާއެއްގެ ތެރެއަށް ގެއްލިފައިވާ ފަދައިން ހަތަރު އުދަރެސް ފެނުޖެހިފައެވެ. މާތްކަލާނގެ ދަރިއެއް ފަދައިން އުފެއްދެވި އިންސާނާ މިވަނީ އެކަލާނގެއާ އަދާވާތްތެރި ވެފައެވެ. އެހެންކަމުން އޭނާ މިވަނީ ޝައިތާނާގެ އަޅަކަށް ވެފައެވެ.
     މާތްކަލާނގެ މަގުގައި ހިނގައި ނުގަނެވޭ ނަމަ އޭނާ އެވަނީ ފާފައިގެ ތެރޭގައި މަރުވެފައެވެ.  މާތްކަލާނގެ އާދަމުގެފާނަށް ވަހީ ކުރެއްވި ފަދައިން އޭނާގެ ރޫހާއި ނަފްސު އެ ވަނީ މަރުވެފައެވެ.