Nov 22, 2010

އީސާގެފާނު__މާތްﷲގެ ރަހުމަތްފުޅު (2)

, ޖިންނި ޝައިތާނުންނަށް އަމުރު ކުރައްވައި އެއެއްޗެހީގެ ދުއްތުރާތަކުން ސަލާމަތް ކޮށްދެއްވުން
31 ދެން އެކަލޭގެފާނު ވަޑައިގެންނެވީ ގަލީލީގެ އެހެން އަވަށެއް ކަމަށް ވާ ކަޕަރުނައުމް އަށެވެ. އަދި ސަބަތުގެ ދުވަހުގައި އެތަނުގައި މީސްތަކުންނަށް އުގަންނަވާ ދެއްވުމަށް ފެއްޓެވިއެވެ. 32 މީސްތަކުން އެކަލޭގެފާނު އުގަންނާ ދެއްވެވި ގޮތާއި އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއިވި ހައިރާންވިއެވެ. އެއީ އެކަލޭގެފާނުގެ ބަސްފުޅުގައި ވާ މަތިވެރި ކަމާއި އާރާއިބާރުގެ ސަބަބުންނެވެ.
33 އެމަރުކަޒުގައި ވީ މީހުންގެ ތެރޭގައި ޖިންނި މޮޔަވެފައި ވީ ފިރިހެނަކު ވިއެވެ. އޭނާގެ ގައިގައި އަވަލާފައި ވީ ޖިންނި މިފަދައިން ކިޔާ ހަޅޭއްލަވާ ގޮވަންފެށިއެވެ. 34 އޭ ނާޒަރަތުގެ އަހުލުވެރި އީސާ. ކަލޭގެފާނު ތިޔައުޅެނީ އަހަރުމެންނަށް ކީއްކުރަން؟ ކަލޭގެފާނު މިތަނަށް ތިޔައައީ އަހަރުމެން ނައްތާލުމަށް ތަ؟ ކަލޭގެފާނު ތިޔައީ ކާކުކަން އަހަންނަށް އެނގޭ. ކަލޭގެފާނަކީ މާތްރަސްކަލާނގެ މަތިވެރި ކުރެއްވި މީހާ.“
35 އީސާގެފާނު އަމުރުވެރިކަމާއި އެކު ވިދާޅުވިއެވެ.އަނގަމަޑުކުރޭ! އޭނާގެ ހަށިގަނޑުގެ ތެރެއިން ނުކުމޭ.“ ދެން މިޖިންނި އެމީހާ ބިންމައްޗަށް ވައްޓާލިއެވެ. އަދި އެމީހާގެ ހަށިގަނޑަށް އެއްވެސް އަނިޔާއެއް ނުދީ އޭނާ ދޫކޮށް ހިނގައްޖެއެވެ.
36 މިތާ ތިބި އެންމެން މިމަންޒަރު ދެކި އަޖައިބުވެ ހައިރާންވިއެވެ. މިބައިމީހުން އެކަކު އަނެކަކަށް ބުނަން ފެށިއެވެ.މިއީ ކޮންފަދަ އަޖައިބު ކުރުވަނިވި ބަސްތަކެއްހޭ؟ މި ކަލޭގެފާނުގެ ބަސްފުޅުތަކުގައި މަތިވެރިކަމާއި އާރާއިބާރު ވާކަން ކަށަވަރު. މީހުންނާއި އަވަލާފައިވާ ނުބައި ޖިންނިތައްވެސް އެކަލޭގެފާނުގެ ބަސްފުޅަށް ކިޔަމަންވެ އެމީހުންދޫކޮށް އެދަނީ.“ 37 މިހުރިހާ ކަމެއްގެ ސަބަބުން އެ އަވަށުގެ ވަށަވަށައިގެންވާ ހިސާބުތަކުގެ ހުރިހާ ރަށަކަށް އެކަލޭގެފާނާއި ބެހޭ ޚަބަރު ފެތުރުނެވެ.
ލޫކާސް  4:31-36

ކުޑަކުދީންނަށް ބަރަކާތް ދެއްވުން
އީސާގެފާނާއި ކުޑަ ކުދިން
15 ބައެއް މީހުން އެބައިމީހުންގެ ޅަފަތު ކިރުބޯ ކުދިން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެއީ އެކުދިންގެ ބޮލުގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާ އެކުދިންނަށް ބަރަކާތްލެއްވުމަށް އެދިގެންނެވެ. ނަމަވެސް އީސާގެފާނުގެ އަސްހާބީން އެމީހުން މިހެން ކަންތައް ކުރުމުން އެމީހުންނަށް ނުރުހުނެވެ. އަދި އެމީހުންގެ ކިބައިން އީސާގެފާނަށް އުނދަގޫ ނުކުރުމަށް އެދުނެވެ. 16 އެހިނދު އީސާގެފާނު ވިދާޅުވިއެވެ.ކުޑަ ކުދިން އަހަރެންގެ ކައިރިއަށް އަޔަ ދީ. އެމީހުންނަށް މަނާ ނުކުރޭ. މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިގެން ވަނީ މިކުދިން ފަދަ މީހުންނަށް. 17 ހަމަކަށަވަރުން، ކުޑަކުދިން ފަދައިން ހިތުގައި ތެދުވެރިކަމާއެކު އީމާންކަން ނުވާ މީހަކަށް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބަރަކާތެއް ނުލިބޭނެ.“
ލޫކާސް  18:15-17

ހިތްތިރިކަމާއެކު ދުޢާދެންނެވުން
ދުޢާކުރަން އައި ދެމީހަކު
9 އެމީހުންގެ ދީންވެރިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެމީހުންނާ ދޭތެރޭ އެހެން އެންމެންގެ މައްޗަށް ރުހިވޮޑިގެންވާ ވަރަށް ވުރެ ބޮޑަށް ރުހިވޮޑިގެންވާ ކަމުގައި ހީކޮށް އަދި އެމީހުންނަކީ އެހެން މީހުންނަށް ވުރެން މާ ރަނގަޅު ބަޔަކު ކަމުގައި ދެކިގެން ތިބި ބަޔަކަށް އީސާގެފާނު މި މާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ. 10 އެއްދުވަހަކު ދެމީހަކު މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރުމަށްޓަކާ ބައިތުލް މަޤްދިސްއަށް ދިޔަ. އޭގެތެރެއިން އެކަކީ ފަރީސީނުންގެ ދީންވެރިޔެއް. އަނެކަކަކީ މީހުން އަތުން ވާރުގެފައިސާ ނަގާ އުޅުނު މީހެއް. 11 މިދީންވެރިޔާ ކުރިއަށް ގޮސް އެންމެންނާ ވަކިން ހުރެ އޭނާ ކުރާ ރަނގަޅު ކަންތަކާއި ބެހޭގޮތުން ދުޢާކުރަން ފެށި.މާތްރަސްކަލާކޯއޭ. މިއަޅާއަކީ އެހެން މީހުން ކަހަލަ މީހަކަށް ނުވީތީ ޝުކުރު ވެރިވަމޭ. އެއީ މިއަޅާއަކީ ވައްކަން ކުރާ މީހަކީމެއް ނޫނޭ. ނުބައި ކަންތައްތައްކޮށް އުޅޭ މީހަކީމެއް ނޫނޭ. ހިލޭ އަންހެނަކާއެކު ގުޅުމެއް ހިންގާ މީހެއް ވެސް ނޫނޭ. އަދި އެހެރަ ވާރުފައިސާ ނަގާ މީހާ ކަހަލަ މީހަކީމެއް ވެސް ނޫނޭ. 12 މިއަޅާ ހަފްތާއަކު ދެދުވަހު ރޯދަ ހިފަމޭ. އަދި މިއަޅާއަށް ލިބޭ އާމްދަނީގެ ދިހަ ބައިކުޅަ އެއްބައިން ސަދަޤާތް ވެސް ދެމޭ.‘
13 މި ވާރުފައިސާ ނަގާ މީހާ ވެސް ދުޢާކުރި. ނަމަވެސް އޭނާ އެއްކައިރިއެއްގައި އިސް އުފުލާލަން ވެސް ނުކެރި ހުރެ ވަރަށް އަސަރާއިއެކު ދުޢާކުރި.މާތްރަސްކަލާކޯއޭ. އިބަސުވާމީންގެ މިފާފަވެރިޔާގެ މައްޗަށް ރަހުމް ކުރައްވާފާނދޭވެ.‘ ”
14 އީސާގެފާނު ވިދާޅުވިއެވެ.މިދެމީހުން ދުޢާކޮށް ނިމިގެން ގެއަށް ދިޔައިރު މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެން ވަނީ މި ވާރުފައިސާ ނަގާ މީހާއަށް. ދީންވެރިޔާއަކަށް ނޫން. އެއީ ތިމާ ކުރާ ރަނގަޅު ކަންތަކުގެ މައްޗަށް ބޮޑާވެ އަދި އެކަންތައްތަކުގެ ސަބަބުން ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ދެކޭ މީހުންގެ ހިތް މާތްރަސްކަލާނގެ ތިރި ކުރައްވާނެ. އަދި އަމިއްލަ ނަފުސަށާއި ކުރާ ކަންތަކުގެ މައްޗަށް ބޮޑާ ނުވެ ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ނުދެކޭ މީހުން މާތްރަސްކަލާނގެ މަތި ކުރައްވާނެ.“
ލޫކާސް  18:9-14
ފާފަތައް އަފޫކުރެއްވުން
36 ފަރީސީނުންގެ މީހަކު އީސާގެފާނަށް ކެއުމަށް ދަޢުވަތު ދިނެވެ. އެހެންކަމުން އީސާގެފާނު އެގެއަށް ވަޑައިގަތް މޭޒުދޮށުގައި އިށީނދެ ވަޑައިގެންނެވިއެވެ. 37 އެ އަވަށުގައި އުޅުނު ފާފަވެރި ދިރިއުޅުމެއް އުޅެފައިވާ އަންހެނަކަށް އީސާގެފާނު އެ ފަރީސީނުންގެ ގެއަށް ކެއުމަށް ވަޑައިގެންނެވި ޚަބަރު ލިބިގެން ވަރަށް އަގުބޮޑު އަތަރެއް އަޅާފައިވާ ކުރިކީލަ ފުޅިއެއް ހިފައިގެން އެގެއަށް ދިޔައެވެ. 38 މި އަންހެންމީހާ އެކަލޭގެފާނުގެ ފުރަގަހުގައި ހުރެ ގިސްލަ ގިސްލާފައި ރޯން ފަށައިފިއެވެ. އަދި އެކަލޭގެފާނުގެ ފައިތިލަފުޅު އޭނާގެ ކަރުނައިން ތެތްމާލިއެވެ. ދެން އޭނާ އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިތިލަފުޅު ފޮހެދިނެވެ. ދެން އެކަލޭގެފާނުގެ ފައިތިލަފުޅުގައި ބޮސް ދީ އޭނާ ގެނައި އަގުބޮޑު އަތަރުފުޅި އެކަލޭގެފާނުގެ ފައިތިލަފުޅު މައްޗަށް އޮއްސާލިއެވެ.
39 އީސާގެފާނަށް ދަޢުވަތު ދިން ފަރީސީނުންގެ މީހާއަށް މިތަން ފެނުމުން އޭނާ ހިތާހިތާ ކިޔެވެ.މިމީހާއަކީ ރަސޫލަކު ނަމަ އޭނާގެ ގައިގައި އެއަތްލަނީ ކޮންކަހަލަ މީހެއްކަން އަދި މި އަންހެންމީހާއަކީ ކޮންކަހަލަ މީހެއްކަން އެނގުނީހެއް ނޫން ހޭ؟ މި އަންހެން މީހާއަކީ ފާފަވެރިއަކުކަން އެނގުނީހެއް ނޫން ހޭ؟“
40 އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ.ޝަމްއޫނު، އަހަރެން ކަލޭ ކައިރީގައި ބުނަން އޮތް ވާހަކައެއް އެބައޮތް.“ ޝަމްއޫނު ޖަވާބުގައި ބުންޏެވެ.އެދުރުކަލޭގެފާނު އަވަހަށް ވިދާޅުވެ ދެއްވާ.“
41 ދެން އީސާގެފާނު ވިދާޅުވިއެވެ.ލޯނު ދޫކުރާ މީހަކަށް ދަރާފައިވާ ދެމީހަކު ވި. އެކަކު އޭނާއަށް ދަރައިފައި ވަނީ ފަސް ސަތޭކަ ދީނާރަށް، އަނެކަކު ފަންސާސް ދީނާރަށް. 42 މީގެން އެކަކަށް ވެސް މި ލާރި އަނބުރާ ދެވޭކަށް ނެތް. އެހެންވެ މި ލޯނުދޫކުރާ މީހާ މިދެމީހުންގެ ދަރަނި ކަނޑާލަ ދިން. މިހެން ކަންތައް ވީހިނދު މީގެތެރެއިން ލޯނުދޫކުރާ މީހާ ދެކެ ބޮޑަށް ލޯބިވެ ޝުކުރުވެރިވާނީ ކާކު؟“
43 ޝަމްއޫނު ޖަވާބުދިނެވެ.އަޅުގަނޑަށް ހީވަނީ އޭގެތެރެއިން ބޮޑަށް ދަރާ އޮތް މީހާ ހެން.“
އީސާގެފާނު ވިދާޅުވިއެވެ.ކަލޭތިޔަ އިންސާފުކުރީ ރަނގަޅަށް.“
44 ދެން އެކަލޭގެފާނު އެ އަންހެންމީހާ އާއި ދިމާލަށް އެނބުރިވަޑައިގަތް ޝަމްއޫނަށް ވިދާޅުވިއެވެ.މި އަންހެން މީހާ މިކަންތައް ކުރިގޮތް ދެކިބަލަ. އަހަރެން ކަލޭގެ ގެއަށް އައީ ކަލޭ ދަޢުވަތު ދިނީމަ. އެކަމަކު ކަލޭ އަހަރެންގެ ފައި ދޮވެލުމަށް ފެންފޮދެއްވެސް ނުދޭ. ނަމަވެސް މި އަންހެން މީހާ އޭނާގެ ކަރުނައިން އަހަރެންގެ ފައި ދޮވެ އޭނާގެ އިސްތަށިގަނޑުން ފޮހެދިން. 45 ކަލޭ އަހަރެންނާއި ސަލާންކުރުމުގެ ގޮތުން ސަލާމުގެ ބޮހެއް ވެސް ނުދޭ. ނަމަވެސް އަހަރެން މިގެއަށް ވަނީއްސުރެ މިއަންހެން މީހާ އަހަރެންގެ ފައިގައި ބޮސްދިނުން ހުއްޓާނުލާ. 46 ކަލޭ އަހަރެންގެ ބޮލުގައި ލުމަށް ތެޔޮފޮދެއް ވެސް ނުދޭ. އެކަމަކު މީނާ އަހަރެންގެ ފަޔަށް އަތަރު އަޅައިދިން. 47 އަހަރެން ބުނަން ތަ؟ އޭނާގެ ކިބައިގައި ވީ ފާފަތަކަކީ ގިނަފާފަތަކެއް ނަމަވެސް އޭނާގެ ފާފަތައް ފުއްސަވައިފި. އޭނާގެ ކިބައިން އެފެނުނު މަތިވެރި ލޯތްބަކީ އެކަމުގެ ނިޝާން. ނަމަވެސް މަދު ފާފަތައް ފުއްސަވައި ދެއްވޭ މީހަކު ލޯބި ވާނީ ވެސް މަދުން.“
ލޫކާސް 7:36-47


އަމިއްލަ ދިރިއުޅުމުގެ ކަންތައް ބެލެހެއްޓުން. ކެއުމާއި ބުއިން.


ކަންތައްތަކާ ހާސްވެ ކަންބޮޑުނުވޭ

22 ދެން އީސާގެފާނު އެކަލޭގެފާނުގެ *އަސްހާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެންގެ ދިރިއުޅުމާއި މެދު ނޫނީ ކަލޭމެން ކާނެ އެއްޗަކާއި މެދު ނުވަތަ ކަލޭމެންގެ ހަށިގަނޑާއި މެދު ނުވަތަ ލާނެ އަންނައުނާ މެދު ވިސްނާ ކަންބޮޑު ނުވޭ. 23 ދިރިއުޅުމަށް ބޭނުންވަނީ ހަމަ އެކަނި ކާނާއެއް ނޫން. އަދި ހަށިގަނޑަށް ބޭނުން ވަނީކީ ހަމަ އެކަނި އަންނައުނެއް ވެސް ނޫން. 24 ކާޅުތަކަށް ބަލާލަ ބަލަ. އެ އެއްޗެތި ގޮވާން އިންދާ އެގޮވާން ކަނޑައެއް ނަހަދާ. އަދި އެއެއްޗެތީގެ ބޮޑެތި ގުދަންތަކެއް ވެސް ނުވޭ. ނަމަވެސް މާތްރަސްކަލާނގެ އެތަކެއްޗަށް ކާނާ ދެއްވާ. އެކަލާނގެ ކިބަފުޅަށް ދޫނިސޫފާސޫތްޕަށް ވުރެ ކަލޭމެންގެ އަގު މާބޮޑު. 25 ކަލޭމެންގެ ތެރެއިން އެކަކަށް ވެސް ހާސްވެ ފިކުރުކޮށް ކަންބޮޑުވުމުގެ ސަބަބުން އެންމެ ދުވަހެއް ވެސް އެމީހެއްގެ ދިރިއުޅުމަށް އިތުރު ކުރެވިދާނެ ތަ؟ 26 ކަލޭމެންނަށް މިވަރުގެ ކުޑަކަމެއް ނުކުރެވޭ ހިނދު ދެން އިތުރު އެހެން ކަންތަކާއި މެދު ހާސްވުމުގެ ބޭނުމަކީ ކޮބާ؟

27 ވަލުތެރޭގައި މާތައް ހެދޭ ގޮތާއި މެދު ވިސްނާލަ ބަލަ. އެ މާތައް ބުރަ މަސައްކަތެއް ނުކުރޭ. އަދި ފޮތި ވިޔެއެއް ނަހަދާ. ނަމަވެސް އަހަރެން ބުނަން. ސުލެއިމާނުގެފާނު އެކަލޭގެފާނުގެ އެންމެ އަގުބޮޑު ހެދުންކޮޅު ތުރުކުރެއްވިއަސް އޭގެން އެންމެ މަލެއްގެ ރީތި ކަމާއި ވެސް އެއްވަރު ނުވާނެ. 28 އޭ އީމާން ކަން ކުޑަ މީހުންނޭ. ކުޑަވަގުތު ކޮޅަކަށް ފަރިވެފޮޅޭ އަދި ގިނަ ދުވަހެއް ނުވެ މިލާގެންދާ ވަލުތެރޭގެ މާމެލާމެލި މާތްރަސްކަލާނގެ އެފަދަ ފަރި ރީތި ކަމާއި އެކު ހައްދަވާއިރު އެކަލާނގެ ކަލޭމެން އަދި ކިހާ ރަނގަޅަކަށް ހެދުން އަޅުއްވާނެ ތަ؟ 29 ވީއިރު ކަލޭމެންގެ ހިތްތައް ކަލޭމެން ކާނެ ބޯނެ އެއްޗަކާއި މެދު ވިސްނުމަށް ދޫނުކޮށްލާށޭ. އެކަމާއި ހާސް ނުވޭ. 30 އެއީ މާތްރަސްކަލާނގެއަށް އީމާންނުވާ މީހުން ދަހިވެތިވެ ދުވަނީ އެތަކެތީގެ ފަހަތުން. ކަލޭމެންނަށް އެތަކެތި ބޭނުންވާ ކަން ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ދެނެވޮޑިގެން ވޭ. 31 ފުރަތަމަ މާތްރަސްކަލާނގެ ކަލޭމެންގެ ކިބައިން އެދިވޮޑިގެންވާ ކަންތައްތަކަކީ ކޮބައިކަން ހޯދާ ބަލާ. އޭރުން މިހުރިހާ އެއްޗެއްވެސް ކަލޭމެންނަށް ލިބޭނެ.

ލޫކާސް 12:22-31C

No comments:

Post a Comment