Feb 23, 2011

ރަސޫލުބޭކަލުންނާއި މަލާއިކަތުން

 *އަލްފާ*

މީސްތަކުންނަށް ތެދު މަގު ދެއްކެވުމަށް މާތްކަލާނގެ ނަބީބޭކަލުން ފޮނުއްވި ކަމަށް އީސާއީން ގަބޫލު ކުރެއެވެ. މީސްތަކުން އެމީހުންގެ ކިބައިގައިވާ ފާފަތަކުގެ ސަބަބުން ނުވަތަ އެމީހުން ރޫހާނީ ބަސްފުޅުތަކަށް ބީރު ވެފައި ވުމުގެ ސަބަބުން މާތްކަލާނގެ އަންގަވާ އެންގެވުންތަކުގެ އަޑު އަހާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު ތައުބާވެ އެކަލާނގެ ކިބަފުޅުން މައާފަށް އެދި ދެންނެވުމުން މާފު ދެއްވި ބައެއް މީހުނަށް މާތްކަލާނގެ ބަސްފުޅު ވަހީ ކުރައްވާފައި ވެއެވެ. އެގޮތުން އެފަދަ މީހުން ނަބީންގެ ތެރޭގައި ހިމެނުއްވާ ފައި ވެއެވެ. 


    ނަބީންނާ ބެހޭގޮތުން އަހަރެމެންނަށް އެނގޭ ކަންތައް އޮޅުންފިލަނީ ކީރިތި ބައިބަލްއިންނެވެ.  އެ ފޮތުގައި މާތްކަލާނގެ ފޮނުއްވި އެތައް ރަސޫލުންނަކާއި އެބޭކަލުންނަށް އެންގެވި އެންގެވުންތައް ލިޔެވިފައި ވެއެވެ. ބައިބަލްގައި ނަންގަނެވިފައިވާ ރަސޫލުންނާއި ނަބީންގެ ތެރޭގައި، އިބްރާހިމް، މޫސާ، ހާރޫން، މިރިއަމް (މޫސާގެފާނުގެ ކޮއްކޯފުޅު) ނޭތަން، ސާމިއުލް، ދާއޫދު، އަލީޔާސް، އެލީޝާ، އީސާއިއާ، ޔަރަމައިއާ، ޔޫނުސް، ޔާއުލް، ޑެނިއެލް، ޔަހުޔާ، ހިމެނެއެވެ. ޔަހުޔާއަކީ އީސާގެފާނު ވަޑައިގަތުމުގެ ކުރީގައި އެންމެ ފަހުން ފޮނުވުނު ނަބީއެވެ.


     މާތްކަލާނގެ މިތުރު ކަމަށްވާ އިބްރާހިމްގެފާނަކީ އީމާންވި މީސްތަކުންގެ ބަފައިކަލުންނެވެ. އެކަލޭގެފާނުގެ އަޖޫޒު އުމުރުފުޅުގައި ސާރާގެ ބަނޑުފުޅުން ދަރިކަލަކު ދެއްވިއެވެ. އެއީއިސްހާގުގެފާނެވެ. މާތްކަލާނގެ އަމުރުފުޅަށް ކިޔަމަންގަތުމަށްޓަކައި އިބްރާހިމްގެފާނު އިސްހާގުގެފާނު ގުރުބާން ކުރައްވަން ތައްޔާރު ކުރެއްވިއެވެ. އެވަގުތު މާތްކަލާނގެ އެ ދަރިފުޅުގެ ބަދަލުގައި ގުރުބާން ކުރާނެ ފުއްލާއެއް މަތި ކުރެއްވިއެވެ. 


     މާތްކަލާނގެ އިބްރާހިމްގެފާނަށް އެންގެވީ އެ ދަރިކަލުންގެ ދަރިކޮޅުން ދުނިޔޭގެ މީސްތަކުންނަށް ދިންނެވުމާއި ބަރަކާތް ދުނިޔެމައްޗަށް ފޮނުއްވާނެ ކަމުގައެވެ. އެ ވައުދުފުޅު ފުރިހަމަވީ އިސްހާގުގެފާނުގެ ދަރިކޮޅުން އީސާގެފާނު ވަޑައިގަތުމުންނެވެ.
     އީސާގެފާނުގެ ފަހުން ޔޫހަންނާ އާއި ބަދުރާއި އަދި ޕައުލް ނަބީންގެ ގޮތުގައި ފޮނުއްވާފައި ވެއެވެ. އެބޭކަލުން އުނގަންނައި ދެއްވީ މާތްކަލާނގެ ބަސްފުޅެވެ. އަދި އީސާގެފާނަށް އީމާންވުމަށެވެ.

     އެނގިފައިވާގޮތުގައި މާތްކަލާނގެ ފޮނުއްވި އެންމެ ފަހުގެ ނަބީންނަކީ އެއީއެވެ. އެހެނަސް ފުޅާ މާނައެއްގައި ބަލާނަމަ، މާތްކަލާނގެ ބަސްފުޅު އޭގެ ތެދު ގޮތުގައި މީސްތަކުންނަށް އަންގައިދޭ މީހަކީ ނަބީއެއް ކަމަށް ބުނެވިދާނެއެވެ. 


     ނަބީންނާ ބެހޭގޮތުން އީސާއީން ދެކޭ ގޮތާ އެހެން ދީންތަކުގެ މީހުން ދެކޭގޮތާދެމެދު ފަރަގު ތަކެއް ހުރެދާނެއެވެ. 

1.   ހުރިހާ ރަސޫލުންނާއި ނަބީންގެ ނަންތައް އެނގިފައެއް ނުވެއެވެ.

2.   އެނގިފައިވާ ހުރިހާ ނަބީންނެއްވެސް އައިސްފައިވަނީ މާތްކަލާނގެ މިތުރު ކަމުގައިވާ އިބްރާހިމްގެފާނުގެ ދަރިކަލުން އިސްހާގުގެފާނުގެ ދަރިފަސްކޮޅުންނެވެ. 

3.   ރަސޫލުން ފޮނުއްވުނީ 2000 އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ. 

4.   ފޮނުއްވުނު ހުރިހާ ރަސޫލުންނެއް ފޮނުވިފައިވަނީ ޖަރޫސަލަމްގެ ބިމަށެވެ. އެ ގައުމަކީ މާތްކަލާނގެ ޚާއްސަ ކުރެއްވި މީހުން ކަމުގައި ވެއެވެ. އެހެންކަމުން އެކަލާނގެ ބަސްފުޅު އެމީހުންނަށް އޮޅުންފިލުއްވައި ދެއްވުމަށް އެ ބިމަށް ނަބީންނާ ރަސޫލުން ފޮނުއްވިއެވެ.

5.   ރަސޫލުންނާއި ނަބީންނަކީ ފާފައިން އެއްކިބާވެފައިވާ ބައެއް ނޫނެވެ. އެކަމަކު އެއީ އެބޭކަލުންގެ އީމާންތެރިކަމުގެ ސަބަބުން ސާލިހުންގެ ގޮތުގައި ލެއްވުނު ބޭކަލުންނެވެ.
6.   ރަސޫލުންނާއި ނަބީންނަކީ މީސްތަކުންގެ ތެރޭން އެކި ފަންތިއަށް ނިސްބަތް ވާ ބައެކެވެ. މުއްސަނދިންނާއި ފަގީރުންނާއި، އިލްމުވެރިންނާއި، ނުކިޔަވާ ތިބި މީހުންނާއި މުސްކުޅިންނާއި ޒުވާނުންނެވެ.

7.   ބައެއް ނަބީން/ރަސޫލުން ފޮތެއް ނުލިއުއްވައެވެ. ޔަހުޔާގެފާނާއި އަލްޔަސައު ފޮތެއް ނުލިއުއްވައެވެ. މޫސާގެފާނާއި ދާއޫދުގެފާނާއި އިސައިއާއާއި، ޔޫހަންނާއާއި ޕައުލް މާތްކަލާނގެ ބަސްފުޅުތައް ލިޔެ އަންނަން އޮތް ޖީލުތަކާ ހަމަޔަށް ގެނަސް ދިނެވެ. 

8.   މާތްކަލާނގެ ބަސްފުޅު މީސްތަކުންނާ ހަމަޔަށް ފޮނުއްވީ ތަފާތު ގޮތްގޮތުންނެވެ. ބައެއް މީހުނަށް އެކަލާނގެ ބަސްފުޅު ސީދާ ވަޙީ ކުރެއްވިއެވެ. އަނެއް ބަޔަކަށް އެ ބަސްފުޅުތައް އެންގެވީ މަލާއިކަތުން މެދުވެރި ކުރައްވައެވެ.  އަނެއް ބަޔަކަށް އިލްހާމު ކުރައްވައިގެންނެވެ. ނުވަތަ ހުވަފެނުންނެވެ. ޝައްކެއް ނެތްގޮތުގައި ބައެއްގެ ހިތްތަކަކަށް ސިކުނޑިތަކަށް ވެސް އެކަލާނގެ އެންގެވުންތައް އަންގަވާފައިވެއެވެ. އެފަދަ އެންގެވުންތައް އެންގެވުނު މީހުންނަށް އެއީ މާތްކަލާނގެ އެމީހުންނަށް އެންގެވި ކަމެއް ކަމާ މެދަކު ޝައްކެއް ނުކުރެވެއެވެ.

9.   ބައެއް ނަބީ ރަސޫލުންނަށް މުއުޖިޒާތްތައް ދެއްވިއެވެ. އެއީ މާތްކަލާނގެ އެންގެވި އެންގެވުންތައް މީސްތަކުންނަށް ތެދުކަން ސާބިތު ކޮށް ދެއްވުމަށެވެ. މޫސާގެފާނަށާއި އެލިޔަޝައު އަށާއި ބަދުރަށް މުއުޖިޒާތް ދެއްވިއެވެ. ޔަހުޔާގެފާނަކަށް މުއުޖިޒާތެއް ނުދެއްވައެވެ.
އީސާގެފާނު ވަޑައިގަތުމުގެ ކުރީގައި އައި ނަބީން މީސްތަކުންނަށް މާތްކަލާނގެ އަކީ ކޮބައިކަން އަދި އެކަލާނގެއަށް ނުކިޔަމަންތެރިވާ ބަޔަކަށް ހުރި އަޒާބާއި ފާފަތަކާ ދުރުހެލިވެ އެކަލާނގެ ކިބަފުޅުން މައާފަށް އެދޭ މީހުންނަށް ދެއްވާނެ ނިއުމަތްތަކުގެ ވާހަކަ އަންގާފައި ވެއެވެ.
     މާތްކަލާނގެ އަމުރުތަކާއި ގަވާއިދުތަކެއް ދެއްވި ހަމަ އެކަނި ނަބީބޭކަލަކީ މޫސާގެފާނެވެ. އެކަލާނގެ އިސްރާއީލުގެ މީހުންނަށް ވަރަށް ގިނަ އަމުރުފުޅުތައް ކުރެއްވިއެވެ. މޫސާގެފާނު އެންގެވި އަމުރުތަކާ އެއްގޮތަށް ކަންތައް ކުރުމަށް މީސްތަކުންނަށް އެންގެވުނު ނަމަވެސް އެ އަމުރުފުޅުތަކާ އެއްގޮތަށް ކަންތައް ކުރުމަށް މީސްތަކުންނަކަށް ނުކުޅެދުނެވެ. އެހެނީ އެއީ މާތްކަލާނގެ ކީރިތި އަމުރުފުޅު ތަކެކެވެ. މި އަމުރުފުޅުތަކަށް ތަބާ ނުވެވުމުގެ ސަބަބުން އެމީހުންގެ ފާފައިގެ ބޮޑުކަން އެމީހުނަށް ފެނިގެން ދިޔައެވެ. އެހެންކަމުން ފާފައިން ސަލާމަތް ކޮށްދޭނެ ފަރާތަކަށް އެމީހުން ބޭނުން ޖެހުނެވެ.
     ނަބީން އެންގެވި އެންމެ މުހިންމު އެންގެވުމަކީ މީސްތަކުން ފާފައިން ސަލާމަތް ކޮށްދެއްވާނެ ބޭކަލަކު އެކަލާނގެ ފޮނުއްވާނެ ކަމެވެ. އީސާގެފާނުގެ ވާހަކަތައް ލިޔާއިރު އެކަލޭގެފާނާ ބެހޭގޮތުން ފަތްފުށްތަކުގައި ލިޔެވިފައިވާ ހައިރާން ކުރުވަނި އެތައް ވާހަކަތަކެއް ހުރި ކަމުގައި ލިޔަން އެބަ ޖެހެއެވެ.

     މަލާއިކަތުން
     ކީރިތި ބައިބަލްގައި މަލާއިކަތުންނާ ބެހޭ އެތައް ވާހަކަތަކެއް ލިޔެވިފައިވެއެވެ. އެއީ މާތްކަލާނގެ އުފައްދަވާފައިވާ ޚާއްސަ މަޚުލޫގުން ތަކެއް ކަން އެނގެން އެބައޮތެވެ. އެއީ ނަބީންނާއި ރަސޫލުންނަށް މާތްކަލާނގެ އަންގަވާ އެންގެވުންތަކާއިގެން ފޮނުއްވޭ ބައެއް ވެސް މެއެވެ. މަލާއިކަތުން އިންސާނުންގެ ސިފައިގައި ވަޑައިގެން އިބްރާހިމްގެފާނާއި މޫސާގެފާނާއި އަދި އެނޫން ބައެއް ބޭކަލުންނާ ވެސް ބައްދަކުރެއްވިއެވެ. ކީރިތި ބައިބަލްގައި ނަންގަނެވިފައިވަނީ ދެ މަލާއިކަތުންގެ ނަންފުޅެވެ. އެއީ މީކާއިލް އާއި ޖިބްރީލް އެވެ. މަރިޔަމްގެފާނަށް އީސާއޭ ކިޔާ ދަރިކަލަކު ދެއްވާނެކަމުގެ ޚަބަރު ގެނަސް ދެއްވީ ޖިބްރީލް އެވެ.

މަލާއިކަތުންނާއި ޝައިތާނާ

މާތްކަލާނގެ އަށް ކިޔަމަންތެރިވި ކީރިތި މަލާއިކަތުންގެ ވާހަކަ ކީރިތި ބައިބަލްގައި ވެއެވެ. އަދި އެނޫން ރޫހާނީ ފަރާތްތަކެއްގެ ވާހަކަވެސް ވެއެވެ. އޭގެތެރޭގައި މާތްކަލާނގެއަށް ނުކިޔަމަންތެރިވި ފަރާތްތަކެއް ވެސް ހިމެނެއެވެ. މި ރޫހުތައް ހިމެނެނީ މާތްކަލާނގެ އަދުއްވުންގެ ގޮތުގައެވެ. މި ނުބައި ރޫހުތަކުގެ އިސް ފަރާތަކީ ޝައިތާނާ ނުވަތަ ލައުނަތް ލެއްވި އިބްލީސް އެވެ.

      ވަރަށް ގިނަ އީސާއީން ގަބޫލު ކުރަނީ ޝައިތާނާއަކީ ރަނގަޅު ރޫހެއްގެ ގޮތުގައި އުފެއްދެވި ފަރާތެއް ކަމުގައެވެ. އެހެންނަމަވެސް މާތްކަލާނގެއާ މެދު ބޮޑާވެ ދެކޮޅުވެރި ވެގަތުމުގެ ސަބަބުން އުޑުގެ ކީރިތި މަގާމުފުޅުން ވެއްޓުނީއެވެ. އެ ރޫހުތައް މިހާރު މަސައްކަތް ކުރަމުން ދަނީ މާތްކަލާނގެ ފުރިހަމ ގޮތުގައި ބިންމަތީގައި އުފެއްދެވި އުފެއްދެވުންތައް ހަލާކު ކޮށްލުމަށެވެ. އަދަނުގެ ބަގީޗާގައި އާދަމުގެފާނާއި ހައްވާގެފާނަށް ވަސްވާސް ދިނީ ޝައިތާނާ ނުވަތަ އިބިލީހެވެ. އޭރުން ފެށިގެން އޭގެ މަސައްކަތަކީ މީސްތަކުން މާތްކަލާނގެއާ ދެކޮޅުވެރި ވެރިކޮށް ނުކިޔަމަންތެރި ކުރުވުމެވެ. 

     އިބްލީސް އީސާގެފާނަށް ވަސްވާސްދީ މާތްކަލާނގެއާ ދެކޮޅުވެރި ކުރުވުމަށް  ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.
     ޝައިތާނާއަކީ ބާރުގަދަ ފަރާތެއް ނަމަވެސް އެއަކީ މާތްކަލާނގެއަށް ވުރެން ގަދަ ފަރާތެއް ނޫނެވެ. އޭތިވެސް ވަނީ މާތްކަލާނގެ ބާރުފުޅުގެ ދަށުގައެވެ.
      އީސާއީން ޝައިތާނާ ދެކެ ބިރުގަންނާކަށް ނުޖެހެއެވެ. އެހެނީ އީސާގެފާނު އަހަރުމެންނަށް ދެއްވި ބާރުފުޅުގެ އެހީގައި ޝައިތާނާގެ ބާރުގެ ދަށު ނުވެ އޭގެ ވަސްވާސްތަކާ ކުރިމަތި ލުމުގެ ކުޅަދާނަކަށް ލިބިގެންވެއެވެ. 

     އިސާހިތަކު މާތްކަލާނގެ ޝައިތާނާ މި ބިމުން ފައްސަވާލައްވައި ދާއިމަށް ނަރަކައަށް އެއްލަވާނެއެވެ.