Oct 29, 2010

އީސާއީން އުފާވެރިވާންވީ ކީއްވެ ހެއްޔެވެ؟


*އަލްފާ*     

      އީސާއީންގެ އުފަލަކީ އެހެން އެއްވެސް އުފަލަކަށް ވުރެން މަތިވެރި އުފަލެއް އިހްސާސް ވެދޭނެ އުފަލެކެވެ. އެހެނީ އީސާއީން އުފާވެރިވަނީ މައިގަނޑު ތިން ސަބަބަކާ ހެދިއެވެ.


1.   އަހަރުމެން މަރުވުމަށް ފަހު ގެއްލެނިވެ ނުދާނެކަމުގެ ޔަގީންކަން ލިބިފައި އޮތުމެވެ. އަހަރުމެންގެ ފާފަތައް އީސާގެފާނު މެދުވެރިވެގެން ފުއްސަވާފައިވާ ކަމުންނެވެ. އެއްވެސް ބުރަމަސައްކަތަކާއި ނުލައި ދިންނެވުން ލިބުމުގެ ނަސީބު ލިބިފައި ވާތީއެވެ. މާތްކަލާނގެ ދީލަތި މަޢާފުގައި ނުހިމެނޭ ވަރުގެ ފާފައެއް ކުރެވިފައި ނުވާނެކަން އެނގޭތީއެވެ. އެހެންކަމުން އަހަރުމެނަށް ހައްގު ނޫން މިވަރުގެ ބޮޑު ނިއުމަތެއް މާތްރަސްކަލާނގެ ދެއްވާފައި ވާތީއެވެ.

2. އަހަރުމެންނަށް ކޮންމެ ފަދަ ނިކަމެތިކަމެއް ދެރަކަމެއް މެދުވެރިވާ އިރުގައިވެސް މާތްކަލާނގެ އަހަރުމެންނާ އެކުގައި ވޮޑިގެންވާނެ ކަން އަހަރުމެންނަށް އެނގޭތީއެވެ. އެއީ އަހަރުމެންގެ ސިއްހަތު ގެއްލުން ކަމުގައިވިޔަސް، ލޯބިވާ މީހަކު ގެއްލުން ކަމުގައިވިޔަސް، ވަޒީފާ ގެއްލުން ކަމުގައިވިޔަސް މި ހުރިހާ ކަމެއްގެ ތެރޭގައި މާތްކަލާނގެ އަހަރުމެންނާއެކު ވޮޑިގެންވާކަން ޔަގީންވާތީއެވެ. އެކަލާނގެއާ އަހަރުމެންނާ ދެމެދު ހުރަސްއަޅައި އެ ގުޅުން ކަނޑުވާލެވޭނެ މީހަކު ނުވާނެތީއެވެ.

. 3އަހަރުމެންނަށް ދިމާވާ މުސީބާތް ތަކުގައި އާއި އުފަލުގައި އަހަރުމެންގެ އަޚުންކަމަށްވާ އީސާގެފާނަށް ތަބާވާ މީހުން އަހަރުމެންނާ އެކުގައި ވާތީއެވެ.   ހަށިގަނޑުގެ އެއް ގުނަވަނުގައި އަޅާ ވޭން ހަށިގަނޑުގެ ހުރިހާ ގުނަވަނެއްގައިވެސް އަޅާނެކަން އަހަރުމެންނަށް އެނގޭތީއެވެ. އެކަކަށް ލިބޭ އުފަލެއް އަހަރުމެން އެންމެން ހިއްސާ ކުރާތީއެވެ.  އެހެންކަމުން އަހަރުމެން ވާލެއް ޔާރެއް ނެތި ބިކަވެގެން ނުދާނެކަން އަހަރުމެންނަށް އެނގޭތީވެސް މެއެވެ.

           އީސާއީންނަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ތިއްބަސް އެކަތިގަނޑެކެވެ. އެއްބަޑު އެއްބަފާ ބައެކެވެ. އެއްވާ ފަށެއްގައި ހިފަހަށްޓައިގެން ތިބި އެއް ބައެކެވެ. އެހެނީ އެ އެންމެނަކީވެސް މާތްކަލާނގެ އެބަޔަކާ އެކު ވޮޑިގެންވާ އެކަލާނގެ ދަރިން ކަމަށް ވާ ކަމެވެ.

No comments:

Post a Comment