Oct 16, 2010

އިޚްތިޔާރާއި ތަގުދީރު


*އަލްފާ* 
 މާތްކަލާނގެއަކީ ފެށުމާއި ނިމުން ފެނިވޮޑިގަންނަވާ ކުޅަދުންވަންތަ ކަލެކެވެ.   ކުޑަ މިސާލެކެވެ. ސައެންސް ވެރިން އުފެއްދި މޮޅު ސްޕޭސް ކްރާފްޓެކެވެ. އެއަށްލީ އިންސާނެކެވެ. އިންސާނާ ވިސްނުމުގެ މައްޗަށް ސައެންސްވެރިޔާގެ  ބާރެއް ނުހިނގައެވެ. އެ ސްޕޭސް ކްރާފްޓް އޭނައަށް ދީފައި ދާނެތާކަށް ދާށޭ ބުންޏެވެ. އޭނާއަށް ފޮތެއް ދިނެވެ. މާރސްގައި ކަން ހުންނާނެ ގޮތް ބުނެދިނެވެ. ވީނަސްގައިހުރި ކަންތައް ބުނެދިނެވެ. އޭނާ އެއަށް އަރައިގެން ދަތުރު ކުރާ ދިމާއެއް ބަލަން ސައެންސްވެރިޔާ ހުރީއެވެ. އެހެނަސް ސައެންވެރިޔާ އޭގެ އޮޓޯ ޕައިލެޓަށް ބާރު ހިންގިދާނެއެވެ. އެކަމަކު އެގޮތަށް ބާރު ހިންގައި އޭތި ކޮންޓްރޯލްކޮށް އޭތި އޭނާ ދުއްވާނެ  ދިމާއަކަށް ދުއްވައިފިނަމަ އެސްޓްރޮނޯޓްގެ އިޚްތިޔާރެއް ކޮބައިތޯއެވެ. އޭނާއަށް ކޮންޓްރޯލް ދޫކޮށްގެން ނޫނީ އެސްޓްރޮނޯޓް އަމިއްލަ އިޚްތިޔާރުގައި ދާނެ ދިމާއެއް ނޭނގޭނެ ނޫންތޯއެވެ. ނުވަތަ އެ އިޚްތިޔާރު ނުދެވޭ ނޫންތޯއެވެ.


  މާތްކަލާނގެ އާލަމްތަކާއި އިންސާނުން އުފެއްދެވީ އެކަލާނގެ އުފާފުޅަކަށްޓައެވެ.   އެކަލާނގެ ބޭނުން ފުޅުވެއްޖެނަމަ ހުރިހާ އިންސާނުން އެކަލާނގެ ޕްރޮގްރާމް ކުރެއްވި ގޮތަކަށް ކަން ކުރަމުން ދާނެއެވެ. ޖަނަވާރުތައް އެ އުޅެނީއެވެ. އޭގެ ކަންތައް އެ ހިނގަނީ ޕްރޮގްރާމް ކުރައްވާފައިވާ ގޮތަށެވެ. އެއަކަށް އަމިއްލަ ވިސްނުމެއް އިޚްތިޔާރެއް ނެތެވެ. އެއާ ޚިލާފަށް އިންސާނާއަށް ވަނީ އިޚްތިޔާރު ދެއްވާފައެވެ.

ޔޫނުސްގެފާނާ މެދު ކަންތައްވީ ގޮތް ބައްލަވާށެވެ. މާތްކަލާނގެ އެކަލޭގެފާނަށް އެންގެވީ  އިރާގަށް ވަޑައިގެން އެރަށު މީހުންގެ ކަންތައް މާ ގޯސްވެއްޖެ ވާހަކަ އެންގެވުމަށެވެ. އެހެންނޫނީ ޒަލްޒަލާއެއް ފޮނުއްވާނެ ކަމަށެވެ. އެކަލޭގެފާނު އެ އަމުރުފުޅަކަށް ބޮލެއް ނުލެންބެވިއެވެ. ވަޑައިގެން ސްޕޭނަށް ދާން އޮތް އޮޑިއަކަށް އަރާވަޑައިގަތީއެވެ. މާތްކަލާގެ ފޮނުއްވީ ތޫފާނެކެވެ. އޮޑީގެ މީހުންނަށް އެހެން ގޮތެއް ނެތިގެން އެކަލޭގެފާނު ކަނޑަށް އެއްލާލީއެވެ. ދެން ބޮޑު މަހެއް އެކަލޭގެފާނު ދިރުވާލިއެވެ. އެކަލޭގެފާނު ދުއާ ކުރެއްވީމާ އެ ދުއާ އިޖާބަ ކުރެއްވުމުން މަސް އެކަލޭގެފާނު ހޮޑަށް ލައިފިއެވެ. ދެންވެސް މާތްކަލާނގެ އަނެއްކާވެސް އެންގެވީ އިރާގަށް ދިއުމަށެވެ. އިރާގު މީހުން އެކަލޭގެފާނު އެންގެވި އެންގެވުން ގަބޫލުކޮށް އިސްލާހު ވެއްޖެއެވެ. ފޮއިންޓަކީ އެމީހުން އިސްލާހު ވީ މާތްކަލާނގެ މަޖްބޫރުކުރައްވައިގެންނޭ ބުނެވެން އެބައޮތްތޯއެވެ. އެމީހުންނަށް އެންގެވީމާ ބަސް ގަބޫލު ކުރީއެވެ.އެހެންވެ އެމީހުންނަކަށްބިންހެލުމެއް ޒަލްޒަލާއެއް ނައެވެ.


އިރާގު މީހުން އަމިއްލަ އިޚްތިޔާރު މި ކަމުގައި އެބަ އޮތެވެ. ސަދޫމުގެ މީހުންނަށް ވެސް ހަމަ އެ އިޚްތިޔާރު އޮތެވެ. ސަދޫމް ފުނޑުފުނޑުވީއެވެ. ކަންކަމަށް އިރާދަ ކުރެއްވުމުގެ ކުރީން އެކަލާނގެ އެކަމުގެ އިންޒާރު ދެއްވައެވެ. އިޚްތިޔާރު އޮތީ އިންސާނާގެ އަތްމަތީގައެވެ. މާތްކަލާނގެ ބޭނުންފުޅުވެ ވޮޑިގަންނަވާނަމަ އެންގެވި ގޮތް ނޫންގޮތަކަށް ގުޑާވެސް ނުލެވޭގޮތަށް އިންސާނުންވެސް އެހެނިހެން ތަކެތިވެސް އުފެއްދުމުގެ ކުޅަދާނަކަ އެކަލާނގެ އަށް ލިބިވޮޑިގަންނަވައެވެ. އެކަލާނގެ އިރާދަ ފުޅު ކުރައްވާ ކަންތަކުގެ ހުރިހާ ސިއްރެއް އިންސާނާއަކަށް ވިސްނައިގަތުމުގެ ކުޅަދާނަ ކަމެއް ލިބިގެންނެއް ނުވެއެވެ.

ހައްގުގެ މަގު


*އަލްފާ*
ހައްގު ދީނާއި ހައްގު ނޫން ދީން ބޭރުން ބަލާފައި ވަކި ކުރުން އެއީ އުނދަގޫ ކަމެކެވެ. އެހެނީ އެ ދެ ދީނުގައިވެސް އެއްގޮތް ކަންތައް ހުރީމައެވެ. އެހެނަސް އެ ދެ ދީނުގައި ވަރަށް ބޮޑު ތަފާތުތަކެއްވެސް އެބަ ވެއެވެ.

މިސާލަކަށް ގޮވާން ދަނޑަކަށް ބަލާލަމާތޯއެވެ. ގޮދަން ގަސްތަކާ ވަރަށް އެއްވައްތަރުގެ ވިނަތަކެއް ދަނޑުތަކުގައި ހެދިފައި ހުރެއެވެ. އެހެނަސް ގޮވާން އަޅަނީ ގޮދަން ގަސްތަކުގައެވެ. ވިނަ ގަސްތަކަކީ ކަނޑާލައި އަންދާލުން ނޫން ކަމަކަށް ކަމުދާ ގަސްތަކެއް ނޫނެވެ. ގޮދަނަކީ ކަނޑައި ފުށަށް ހަދައި ނުވަތަ އެނޫން ގޮތަކަށް ނަމަވެސް ކާން ބޭނުންކުރާ އަގުހުރި ގޮވާމެކެވެ. ދުނބުރިގަސް އަނބުގަހާ ވައްތަރު ނުވިޔަސް ދުނބުރިއާއި އަނބު ވަރަށް ވައްތަރެވެ. އެހެނަސް ދެ މޭވާގެ ތެރޭން ފޮނިރަހަ ހުންނަނީ އަނބުގައެވެ. ދުނބުރި ކިތަންމެ ވައްތަރަކަސް އަނބަކަށް ނުވާނެއެވެ.


ހައްގު ދީނާއި ބާތިލް ދީނުގައިވެސް ވަނީ މި މިސާލެވެ. އެ ދީންތަކުގެ ހައްގުކަން ނުވަތަ ބާތިލްކަން އެނގިގެން ދާނީ އެ ދީނުގެ އަހުލުވެރީންގެ އަމަލުތަކަށް ބަލާލުމުންނެވެ. އިބްރާހިމްގެފާނާއި މަތިވެރި ކަލާނގެއާ ދެމެދު ހިއްޕެވުނު އަހުދާ އެއްގޮތްވާ ގޮތުގެ މަތީން އިބްރާހިމްގެފާނާއި އެކަލޭގެފާނުގެ ދަރިކޮޅު އަޅުކަން ކުރަންޖެހެނީ އާލަމްތައް ހެއްދެވި މަތިވެރި ކަލާނގެ ކިބަފުޅަށެވެ. އެކަލާނގެ އެންގެވިއެވެ. ކަލޭގެފާނާއި ކަލޭގެފާނަށް ތަބާވާ އެންމެންވެސް ތިމަންކަލާނގެއަށް ބޯލަނބައި ކިޔަމަންވެ އަޅުކަން ކުރާށެވެ. ދެން ސާލިހު އަމަލު ކުރުން މަތީ ދެމިތިބޭށެވެ.

އިސްލާމްގެ މާނައަކީ ބޯލަނބައި ކިޔަމަންވުމެވެ. އެހެން ކަމުން އެކަލޭގެފާނަށް މާތްކަލާނގެ ބާވައިލެއްވި އިސްލާމް ދީންމަތީ ތިބޭ ބަޔަކު ނަމަ އެކަލާނގެއަށް ހުރިހާ އިރަކުވެސް ބޯލަބައި ކިޔަމަން ގަންނާނެއެވެ. އަދި އަޅުކަން ކުރާނީ ހަމައެކަނި އެކަލާނގެއަށެވެ. އަދި އެމީހުން ތިބޭނީ ސާލިހު އަމަލު ކުރުން މަތީގައެވެ.


ސާލިހު އަމަލުތަކަކީ ތިމާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން އަނެކާ ދެކެ ލޯބިވެ އެ ގޮތުގެ މަތީން އަނެކާއަށް ކަމޭހިތުމެވެ. ތިމާއަށް ކުޅަދާނަވީ އެންމެ މަތިވެރި ދަރަޖައަކަށް މާތްކަލާނގެއަށް ކިޔަމަންވެ އެކަލާނގެއަށް ލޯބި ކުރުންމަތީގައި ހުރުމެވެ. އަނެކާއަށް ޖެއްސުންކޮށް މަކަރު ހެދުން ފަދަ ކަންތަކުން ދުރުހެލިވެ ހުރުމެވެ. ދޮގުހެދުމާއި މަކަރު ހެދުމާއި ލަނޑު ދިނުމާއި  އެފަދަ ނުބައި ނުލަފާކަންތަކުން އެއްކިބާވެ ހުރުމެވެ. ހަސަދަ ވެރިކަމާއި ނެތިމޮށުމާއި އޮޅުވާލުމާއި ދޭތެރެ ޖެއްސުމާއި މިނޫނަސް ފާފަތައް ކަމަށް ހިމެނޭ ކަންކަމީ ސާލިހުއަމަލު ކުރުންމަތީ ދެމި ހުންނަ މީހެއްގެ ކިބައިން ފެނިގެން ދާނެ ކަންކަމެއް ނޫނެވެ. މި ފަދަ އަމަލުތަކަކީ އެ ދަނޑުގައި ހެދޭ  ގަސްތަކުގައި އަޅާ އަގުހުރި  ގޮދަނެއް ނޫނެވެ. އަދި އެއީ ރަހަ މީރު ފޮނި އަނބު  ތަކެއް ވެސް ނޫނެވެ.