May 22, 2011

އީސާގެފާނު ވަޑައިގެން ކުރެއްވީ ކޮން ކަންތަކެއް؟ (2(


ޝައިތާނާގެ މައްޗަށް ކާމިޔާބު ހޯއްދެވުމަށްފަހު އީސާގެފާނު ވަޑައިގެންނެވީ ޔަހުޔާގެފާނުގެ އަރިހަށެވެ. އެކަލޭގެފާނު ވަޑައިގަންނަވާތަން ފެނިވަޑައިގެން ޔަހުޔާގެފާނު ވިދާޅުވިއެވެ. "އެހެރަ ވަޑައިގަންނަވަނީ ދުނިޔޭގެ މީސްތަކުންގެ ފާފަތަކުން ސަލާމަތް ކުރެއްވުމަށް މާތްކަލާނގެ ފޮނުއްވި ކަންބަޅި!!!. މީނާގެ މައްޗަށް މަތިވެރި ރޫހުފުޅު ފޮނުއްވުނު. އަހަރެން އެތަން ދެކެ ހެކިވަން. އޭނާއަކީ މާތްކަލާނގެ ޚާއްސަ ކުރެއްވި ދަރިކަލުން."
  ޔަހުޔާގެފާނު އެކަލޭގެފާނަށް "މާތްކަލާނގެ ކަންބަޅީގެ" ނަމުން މުޚާތަބު ކުރެއްވީ އެކަލޭގެފަނަކީ މީސްތަކުންގެ ފާފަތަކުން މިންޖު ކުރެއްވުމަށް ގުރުބާނީ ކުރެވޭނެ ކަލޭގެފާނު ކަމަށްވާތީއެވެ.
     އޭގެފަހުން އީސާގެފާނު ދެން ކުރެއްވި ކަމަކީ އެކަލޭގެފާނުގެ ސަހާބީން ހޯއްދެވުމެވެ. އެކަލޭގެފާނު 12 ބޭކަލުން ޚިޔާރު ކުރެއްވިއެވެ. އެކަމަކު އެއަކީ މޮޅަށް ކިޔަވައިގެން ތިބި ބައެއް ނޫނެވެ. އޭގެ ތެރޭގައި ހިމެނޭ ބަދުރުއާއި ޔޫހަންނާއަކީ މަސްވެރިންނެވެ. މެތިއު އަކީ ޓެކްސް ނަގާ މީހެކެވެ. އީސާގެފާނަކީ މަސީހާކަން އެނގުމުން  އެމީހުން ކުރަމުން އައި މަސައްކަތް ހުއްޓާލާފައި އެއްވެސް ވައުދެއް ފައިސާއެއް ފައިދާއެއް ނެތް ގޮތެއްގެ މަތީން  އެމީހުން އެކަލޭގެފާނާ ގުޅުނެވެ.  އެބޭކަލުންގެ ސާހިބާ ތިން އަހަރުވަންދެން ފައިމަގުގައި މުޅި އެކަރައިގައި ކުރެއްވި ދަތުރުފުޅުތަކުގައި އެބޭކަލުން ބައިވެރިވަމުން ދިޔައެވެ. މި ދުވަސްތަކުގައި އެބޭކަލުން ކުރައްވަން ޖެހޭ ކަންތައް ކުރުމަށް އެކަލޭގެފާނު އެބޭކަލުން ތަރުބިއްޔަތު ކުރެއްވިއެވެ. އެއީ އެކަލޭގެފާނު އުޑަށް އުފުއްލެވުމުން އެ ބޭކަލުން ކުރައްވަން އެކަލޭގެފާނު ހަވާލު ކުރެއްވި މަސައްކަތް ޕުޅުތަކެވެ.

     އީސާގެފާނު ޔަހުޔާގެފާނު ފަދައިން ދީނީ ނަސޭހަތް ދެއްވަން ފެއްޓެވިއެވެ.
"ވަގުތު ޖެހިއްޖެ. މާތްކަލާނގެ ރަސްކަންފުޅު މިވަނީ އައިސްފައި؛ ތައުބާވޭ. ހެޔޮ ޚަބަރު އަޑުއަހާ." މިފަދަ ބަސްފުޅުތައް އެކަލޭގެފާނު ވިދާޅުވިއެވެ.
އެކަލޭގެފާނު މާތްކަލާނގެ ބަސްފުޅުތައް އަޅުކަމުގެ މަގާމުތަކުގައިއާއި ގޭގޭގައިއާއި މީހުން އެއްވާ ތަންތަނުގައިޔާއި ފަރުބަދަމަތީގައިއާއި ފެންފެންގަނޑުގެ އައްސޭރީގައި އިއްވަމުން  ވަޑައިގަތެވެ. އެކަލޭގެފާނުގެ އަޑުފުޅު އެހި މީހަކުނަމަ އެކަލޭގެފާނުގެ ވިސްނުންފުޅުގެ މަތިވެރިކަމާއި އަމުރުވެރިކަންފެނި އަންތަރީސްވެއެވެ. އެކަލޭގެފާނު ވާހަކަފުޅު ދެއްކެވީ ރަސޫލެއް ފަދައަކުންނެއް ނޫނެވެ. އެކަލޭގެފާނު ވިދާޅުވާ އެއްޗެއް ވިދާޅުވަނީ މާތްކަލާނގެ ވަހީއެއް ފަދައިންނެވެ. އެހެނީ ހުރިހާ ރަސޫލުންވެސް ވިދާޅުވަނީ "މާތްކަލާނގެ ވަހީ ކުރެއްވީ" މިހެންނޭ އެހެންނޭ އެވެ. އެކަމަކު އީސާގެފާނު ވިދާޅުވަނީ. "އަހަރެން ކަލޭމެންގެ ގާތުގައި ބުނަން." މިފަދައިންނެވެ.

     ދުވަސްކޮޅަކުން އެކަލޭގެފާނު މީސްމީހުންނަށް ދިމާވެފައިވާ އެކިއެކި ބަލިތައް ފަސޭހަކޮށް ދެއްވަން ފައްޓަވައިފިއެވެ. މިކަންތައް އެކަލޭގެފާނު ކުރައްވަނީ ވިދާޅުވާ ބަސްފުޅަކުން ނުވަތަ ކުރައްވާ ކަމަކުންނެވެ. ޖުޒާމު ބަލި ޖެހިފައި ހުރިމީހަކު އެއްދުވަހަކު އެކަލޭގެފާނުގެ ފައިންޕުޅުމައްޗަށް ވެއްޓި ދެންނެވިއެވެ. "ކަލޭގެފާނު ބޭނުންފުޅުނަމަ އަހަރެން މިކަމުން ސާފުތާހިރު ކޮށްދެއްވިދާނެ!"
     މިމީހާގެ އީމާންތެރިކަން ފެނިވަޑައިގެން އެކަލޭގެފާނު އެމީހާއަށް ހަމްދަރުދީވެވަޑައިގެން އޭނާގެ ގައިގައި އެކަލޭގެފާނު އަތްޕުޅު ޖައްސަވައި ވިދާޅުވިއެވެ. "ކަލޭ ސާފުތާހިރު ކުރާނަން. ސާފުވޭ!"  ހަމަ ވަގުތުން އޭނާގެ ބަލި ފަސޭހަވެއްޖެއެވެ
     ޖިންނި މޮޔަވުން ފަދަ ރޫހާނީ ބަލިތަކުގައި ތިބި މީހުންވެސް އެކަލޭގެފާނުގެ އަރިހަށް އައުމުން އެމީހުންނާ އަވަލާފައި ތިބޭ ޖިންނިތަކާއި ރޫހުތައް ފައްސަވައިލެއްވިއެވެ. ލޮލަށް ނުފެންނަ އަނދިރިމީހުންގެ ލޮލުގައި އަތްޕުޅު ޖައްސަވައި އެމީހުންނަށް ފެންނަގޮތް ހައްދަވައި ދެއްވިއެވެ. އެހެންކަމުން ގިނަ އަދަދެއްގެ ބަޔަކު އެކަލޭގެފާނު ފަސްފަހަތުން ހިނގަމުން ދިޔައެވެ. ބައެއް ފަހަރު އެކަލޭގެފާނު މީސްމީހުންގެ ބަލިތައް ފަސޭހަކޮށްދެއްވައި ކިޔަވައި ދެއްވަން އަވަދި ނެތި އުޅުއްވި ވަރުން ފަރީއްކުޅުއްވާނެ ވަގުތެއް ވެސް ލިބިވަޑައި ނުގަންނަވާ ފަހަރުވެސް މަދެއް ނޫނެވެ. އެކަލޭގެފާނުގެ އަމިއްލަފުޅު ކަންތަކަށް ސަމާލުކަމެއް ނުދެއްވައި މިކަންތަކުގައި އެކަލޭގެފާނު އުޅުއްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ އަމިއްލަފުޅު ފައިދާއަކަށް އެއްވެސް ފަހަރަކު އެކަލޭގެފާނު މުއުޖިޒާތެއް ނުދައްކަވައެވެ. އަދި މީހުންނަށް ހައިރާންކަމެއް ދިނުމަކަށް ވެސް އެފަދަ ކަމެއް ނުކުރައްވައެވެ. އެކަލޭގެފާނު ކުރެއްވި ހުރިހާ ކަމެއް ކުރެއްވީ މާތްކަލާނގެ ކުޅަދުންވަންތަކަން ދެއްކެވުމަށެވެ. އަދި ދެއްކެވީ މާތްކަލާނގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ މިންވަރެވެ.
     އެކަލޭގެފާނު ފަގީރު ނިކަމެތީންނަށް ލޯތްބާއި ދީލަތިކަމާއެކު އެހީތެރިވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އަހަރެންގެ ގާތަށް އާދޭ.  ބުރަކަމެއް ދިމާވެފައިވާ މީހެއް ނަމަ އެ އެ ބުރަކަމެއް އަހަރެން ލުއިކޮށްދޭނަން." އެކަލޭގެފާނުގެ ގާތަށް އައި އެކަކުވެސް ހުސްއަތާ ފޮނުއްވާލައްވާފައެއް ނުވެއެވެ.

     އެއްފަހަރަކު ވާގި ނެތިފައޮތް މީހެއް އެކަލޭގެފާނުގެ ގާތަށް ގެނެވުނެވެ. އެމީހާ ގެނައީ ހަތަރުމީހުންވެގެން އަށިގަނޑަކަށް ލައިގެންނެވެ. އެމީހާއަށް ޖިސްމާނީގޮތުންނާއި ރޫހާނީގޮތުން ފަރުވާ ބޭނުންވާކަން އެކަލޭގެފާނަށް އެނގިވަޑައިގެން ވިދާޅުވިއެވެ. "މަގޭ ދަރިފުޅާ. ކަލޭގެ ފާފަތައް ފުހެވިއްޖެ. "  އެތަނުގައި ތިބި ދީނީ މީހުން ހިތަށް އެރިއެވެ. "މި ކަލޭގެ މިހެން މި ބުނީ ކީއްވެ؟ އޭނާ ދީނުން ބޭރުވެއްޖެ!! މީސްމީހުންގެ ފާފަ ފުއްސެވުމުގެ ކުޅަދާނަކަން ލިބިފައިވަނީ މާތްކަލާނގެއަށް އެކަނި."
     އެމީހުން ހިތަށް އެރި އެއްޗެހިތައް އީސާގެފާނަށް އެނގިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެހެން އެވިދާޅުވީ އޭނާގެ ބަލި ފަސޭހަވުމުން އެކަލޭގެފާނު ދީނުން ބޭރުނުވާކަމާއި ފާފަ ފުއްސެވުމުގެ އިޚްތިޔާރު އެކަލޭގެފާނަށް ލިބިވަޑައިގެން ވާކަން އެމީހުންނަށް ދެއްކެވުމަށެވެ.  "އަހަރެން ކަލެއަށް އަންގަން. ތެދުވެ  އަށިގަނޑު ހިފައިގެން ގެޔަށް ދޭ. " އެމީހާ ވަގުތުން އެތަނުން ތެދުވެގެން ގެޔަށް ހިނގައްޖެއެވެ.

     އެ ކަންތަކާހެދި ޔަހޫދީންގެ އެކަލޭގެފާނާ މެދު ދެކޮޅުވެރިވާން ފަށައިފިއެވެ. އެކަލޭގެފާނުގެ މަގުބޫލުކަން މަތިވަމުން ދާން ފެށުމުން އެމީހުން ހަސަދަވެރިވާން ފަށައިފިއެވެ. އެކަލޭގެފާނު ފާފަވެރިންނާ ގުޅިގެން އުޅުއްވާތީ އެމީހުން އެކަމަށް ފާޑު ކިޔަމުން ދިޔައެވެ. އެކަލޭގެފާނު އެމީހުންނާ ގުޅިވަޑައިގެން އުޅުއްވީ އެފަދަ މީހުން އިސްލާހު ކުރެއްވުމަށެވެ. އެހެންނަމަވެސް އިސްރާއީލުންގެ ބަންދު ދުވަހެއްގައި އެކަލޭގެފާނު މީހެއްގެ ބަލިފަސޭހަ ކުރެއްވި ކަމުގެ މަސްއަލަ ބޮޑުކޮށްގެން އެމީހުން އެކަލޭގެފާނަށް މަސްއަލަ ޖައްސަން އުޅެން ފަށައިފިއެވެ. އެކަލޭގެފާނަށް މިކަންތައް އެނގިވަޑައިގަންނަވައެވެ. އެކަލޭގެފާނު ބޭނުންފުޅުވި ނަމަ މަރުވެފައިވާ މީސްމީހުން ދިރުއްވުމުގެ ބާރުފުޅުގެ ބޭނުން ކުރައްވައިގެން ވެސް އެމީހުން އެކުރަން އުޅުނު ކަންތަކުން އެކަލޭގެފާނަށް އެ އަދާވާތްތެރީންގެ ބާރު ކަނޑުއްވާލައްވައި ސަލާމަތްވެ ވަޑައިގެންނެވެން އޮތެވެ. އެކަމަކު އެކަލޭގެފާނު އެކަމެއް ނުކުރެއްވިއެވެ. އެކަލެގެފާނުގެ އަސްހާބީންނަށް އެންގެވީ އެމީހުންގެ އަދާވާތްތެރީން ދެކެ ލޯބިވުމަށާއި އެމީހުންނަށްޓަކައި ހެޔޮދުއާ ކޮށް ދިނުމަށެވެ. އެކަލޭގެފާނުގެ އަދާވާތްތެރީންނާ މެދު ކަންތައް ކުރެއްވި ގޮތުން އެކަލޭގެފާނު އެބޭކަލުންނަށް ނަމޫނާ ދެއްކެވިއެވެ.

އެދުވަސްވަރަކީ ޔަހޫދީންނަށް މިނިވަންކަން ލިބިފައިވާ ދުވަސްވަރެއް ނޫނެވެ. އޭރު އެމީހުންގެ މައްޗަށް އަމުރު ހިންގަމުން ގެންދިޔައީ ރޯމަނުންނެވެ. އޭރު އެމީހުން ރޯމަނުންގެ ވެރިކަން ވައްޓާލެވޭތޯ މަސައްކަތް ކުރަމުންދާތާ ކިތަންމެ ދުވަހެއް ވެއްޖެ ވެސް މެއެވެ. އީސާގެފާނު 5000 މީހުންނަށް އެންމެ ދެރޮށްޓާއި ދެ މަހުން ކާން ދެއްވިތަން ފެނުމުން އެމީހުން އެކަލޭގެފާނު ގޮވައިގެން ރަސްގެފާނުގެ އަރިހަށް ގަދަކަމުން ގެންދަން އުޅުނެވެ. އެއީ އެކަލޭގެފާނުގެ މީހުން މިހެން ގިނަވާން ފަށައިފިނަމަ އެމީހުން ބަލިކޮށްނުލެވޭނެކަން އެމީހުންނަށް އެނގޭތީއެވެ. އެހެނީ އެކަލޭގެފާނުގެ ކުރައްވަނީ ރޫހާނީ ރަސްކަމެއް ވީމައެވެ. އެކަލޭގެފާނުގެ އަމުރުފުޅު މީސްތަކުންގެ މައްޗަށް ހިންގަވަނީ  ޖުރޫސަލަމަކުން ނޫންވީމައެވެ. އެކަލޭގެފާނުގެ އަމުރުފުޅު ހިނގަނީ މީސްތަކުންގެ ހިތާއި ސިކުނޑީގައިވީމައެވެ. އެމީހުންނަށް އެކަލޭގެފާނަކީ އެމީހުންގެ ސިޔާސީ ހަތިޔާރަކަށް ނުހެދޭނެކަން އެނގޭތީ ވަރަށް ގިނަބަޔަކު އެކަލޭގެފާނާ ދެކޮޅުވެރިވެ އަދާވާތްތެރި ވެއްޖެއެވެ. އީސާގެފާނު މީހުންގެ ރުހުން ހޯއްދަވާކަށް ނޫޅުއްވައެވެ. އެކަލޭގެފާނު ކިޔަމަންތެރިވަނީ މާތްކަލާނގެއަށް އެކަންޏެވެ.

     އީސާގެފާނު ތައުބާގެެ ހިނެއިން ހިނެއުމުގެ  ދެއަހަރާބައި ވީފަހުން އެކަލޭގެފާނުގެ އަދާވާތްތެރީންގެ ދެކޮޅުވެރިކަމާއި ނުރައްކާތެރިކަން ގަދަވެއްޖެއެވެ. އެއްދުވަހަކު އެކަލޭގެފާނުގެ 12 އަސްހާބީން ކުރެން އެއްސެވިއެވެ.  "މީހުން ބުނެ އުޅޭ ގޮތުގައި އިންސާނާގެ ދަރިކަލުންނަކީ ކާކު؟" އެމީހުން ދެންނެވިއެވެ. މީހުން ހީކުރަނީ އެއީ ނިކަން މަތިވެރި ރަސޫލެއް ކަމަށް. އެމީހުން ހީކުރަނީ ކުރީގައި އެީ ކުރީގައި އުޅުނު ކޮންމެވެސް ރަސޫލަކުކަމަށް އެކަލޭގެފާނަކު އަލުން ދުނިޔެއަށް  އަންނާނެ ކަމަށް."
     އީސާގެފާނު ވިދާޅުވިއެވެ. "ތިހެންވީއިރު އަހަރެން މީކާކު؟" ޕީޓަރ ވަގުތުން ޖަވާބު ދެންނެވިއެވެ. "ކަލޭގެފާނަކީ މަސީހާ. ދިރިދެމިވޮޑިގެންވާ ރަސްކަލާނގެ ދަރިކަލުން!" އީސާގެފާނު ފީޓަރުގެ މި ޖަވާބަށްޓަކައި އޭނާއަށް ބަރަކާތް ލެއްވިއެވެ. އަދި ވިދާޅުވީ ޕީޓަރަށް އެމ މައުލޫމާތު އަންގަވައި ދެއްވީ މާތްކަލާނގެ ކަމަށެވެ. އޭނާ މި ހަގީގަތް ހާމަ ކުރުމަށް ފައްޅިއެއް ގާއިމު ކުރާނެ ކަމަށެވެ. އަދި އެ ފައްޅި ހަލާކު ކޮށްލެވޭނެ އެއްވެސް ބާރެއް ނުވާނެ ކަމަށެވެ.
     ދެން އެކަލޭގެފާނުގެ އަސްހާބީންނަށް ވިދާޅުވީ ތިމަން ކަލޭގެފާނު ޖެރޫސަލަމަށް ދާންވީ ދުވަސް އަތުވެއްޖެ ކަމަށެވެ. އެތަނުގައި ތިމަންކަލޭގެފާނު ކުށްވެރިކޮށް ދީނުގެ އިމާމުން ތިމަންކަލާނގެ މަރާލާނެ ކަމަށެވެ. އަދި ތިންވަނައަށްވާ ދުވަހު އަލުން ދުނިޔެއަށް އަންނާނެ ކަމަށެވެ. އެކަލޭގެފާނު ނުހަނު ލޯބިފުޅުވާ އަސްހާބީންނަށް މިވާހަކަފުޅު އަޑު އިވުމުން ވަރަށް ކަންބޮޑުވިއެވެ. ޕީޓަރު ވިދާޅުވިއެވެ. " "އުޑު ތިޔަކަންތަކަށް ހުރަސް އަޅުއްވާށި! ނޫން ސާހިބާ، ތިހެން ކަލޭގެފާނާ މެދަކު ނުވާނެ." އެކަމަކު އެކަލޭގެފާނު ބަދުރަށް މަނާ ކުރެއްވިއެވެ. އަދިވިދާޅުވީ އެކަލޭގެފާނު އަވަހާރަ ނުވާނެކަމަށް ބަދުރުގާތު ބުނެދިނީ ޝައިތާނާ ކަމަށެވެ. އެހެނީ އެކަލޭގެފާނު ސަލީބުގައި މަރުވުމަށް މާތްކަލާނގެ އިރާދަދަފުޅުގައި ވާކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އެއީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއްގެ ގޮތުގައި ކުރެވޭ ގުރުބާނީއެއްގެ ގޮތުން ކަމެވެ. އެ ސަލީބަށް އެކަލޭގެފާނު ވަޑައިގަތުމަށް ހުރައްއަޅަނީ ޝައިތާނާއެވެ. ދެން އީސާގެފާނު އެ އަސްހާބުންނަށް ވިދާޅުވީ އެމީހުންވެސް އެގޮތުން ސަލީބަށް އެރުވެން ތައްޔާރުގައި ތިބުމަށެވެ. އެއީ އެމީހުންވެސް ތިބެންވާނީ އެކަލޭގެފާނަށްޓަކައި މަރުވުމަށް ތައްޔާރަށް ކަމަށް ވާތީއެވެ. އީސާގެފާނު އެހެން ވިދާޅުވުމުން އަސްހާބީން އެކަލޭގެފާނާއެކު ތިއްބަވަން ޖެހިލުންވިއެވެ. އެހެނީ އެމީހުންވެސް މަރުވާން ތައްޔާރުވެ ތިބޭށޭ އެކަލޭގެފާނު ވިދާޅުވީތީއެވެ. އެކަމަކު އެބޭކަލުން އެކަލޭގެފާނު ދޫކޮށްފައެއް ނުދިޔައެވެ. އަދި އޭގެ ހަމަސް ފަހުން އެމީހުން އެކަލޭގެފާނާއެކު ޖެރޫސަލަމަށް ދިޔައެވެ. އެއީ އެކަލޭގެފާނު އަވަހާރަވާނެ ކަމަށް ވިދާޅުވި ތަނެވެ.

     އެއީ ބަހާރު މޫސުމެެވެ. އެދުވަސްވަރު ދުރުންނާއި ކާރީން ޔަހޫދީން އެމީހުންގެ އަހަރީ އީދު ކަމަށްވާ "މިންޖުވުމުގެ އީދު" ފާހަގަކުރަން ޖަރޫސަލަމަށް އަންނަމުން ދިޔައެވެ. އެއީ އެމީހުންގެ އެންމެ ބޮޑު އީދުވެސް މެއެވެ. މި އީދު ފާހަގަ ކުރެވެނީ މިސްރުގެ ބިމުން އެމީހުން މޫސާގެފާނު މެދުވެރިވެ ވަޑައިގެން ސަލާމަތް ކުރެއްވުމުގެ މުނާސަބާއެވެ. އެހެންވެ އީސާގެފާނާއި އެކަލޭގެފާނުގެ އަސްހާބީންވެސް މި އީދުގައި ބައިވެރިވުމަށް ވަޑައިގެންފިއެވެ. އެކަލޭގެފާނު ދުނިޔޭގައި ހުންނެވި އެންމެ ފަހު ހަފްތާގައި ކަންތައް ވެގެން ދިޔަ ގޮތް އިންޖީލުގެ ހަތަރު ފޮތްކޮޅުގައި ތަފްސީލުކޮށް ލިޔެވިފައި އެވަނީއެވެ. މިތަނުގައި މި ހާމަ ކުރެވެނީ އެކަމުގެ ވަރަށް ކުރު ސުރުޚީއެކެވެ.

      "އެއްދުވަހަކު އާދީއްތަ ދުވަހެއްގައި އެކަލޭގެފާނު ހިމާރެއްގެ މަތީގައި ޖަރޫސަލަމަށް ވަޑައިގެންނެވިއެވެ.   އޭގެ އެތައް ސަތޭކަ އަހަރެއްގެ ކުރީގައި ޒަކަރިއްޔާގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގައި ވެއެވެ. " އުފާކުރޭ، ޒިއޯންގެ އަންހެން ދަރިޔާ! އުފަލުން ހަޅޭއްލަވާ. އޭ ޖެރޫސަލަމްގެ އަންހެންދަރިޔާ!  އެއޮތް ވަޑައިގަންނަވަނީ ކަލޭގެ ރަސްގެފާނު ކާމިޔާބީ އާއި ފަތަހައިގައި، ހިތްތިރިކަމާއެކު ހިމާރެއްގެ މައްޗަށް އަރާވަޑައިގެން، އެންމެ ދެެރަ ކުޑަ ހިމާރެއްގެ މަތީގައި."
     އެކަލޭގެފާނު ޖެރޫސަލަމަށް ވަޑައިގެން މާތްކަލާނގެއަށް އަޅުކަން ކުރުމުގެ މަގާމު ކަމަށްވާ ގެކޮޅުގައި ގަނެވިއްކާ އުޅުނު މީހުން ދުރައްލައްވައި އެތަން ތާހިރު ކުރެއްވިއެވެ. އަދި އަޅުކަމަށް އަންނަ މީހުން  ލޫޓުވައި ފޭރޭމީހުން ބޭރު ކުރެއްވިއެވެ. އަދި ދީނީ ދަންނަ ބޭކަލުންގެ އިސްމީހުން އީމާންތެރިކަން ކުޑަކަމާއެކު  މީހުންނަށް އޮޅުވާލައި ނުބައިކޮށް ދީން ކިޔަވައިދޭތީ އެކަން ކުށްވެރި ކުރެއްވިއެވެ. އެމީހުންގެ މުނާފިގުކަމާއި ދެފުށްދެގޮތްކަމާ މެދު ކޯފާވެ ނުރުހުން ފާޅު ކުރެއްވިއެވެ. އަދި އަދާވާތްތެރީން އެ ގެކޮޅު އެއްކޮށް ތަޅާލާނެ ވާހަކައާއި އެއީ އެމީހުންގެ ފާފައިގެ ސަޒާއެއްގެ ގޮތުގައި ކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ބާރުފުޅަކާ ޖަލާލަތާއެކު އުޑުން ފައިބާ ވަޑައިގަންނަވާނެ ކަމަށާއި ހުރިހާ ގައުމެއްގެ މީހުންނާމެދު އެކަލޭގެފާނު ޝަރީއަތް ހިންގަވައި އިންސާފު ކުރައްވާނެ ކަމަށާއި އެއްބަޔަކު އެކަލޭގެފާނާއެކު މާތްކަލާނގެ ހަޒްރަތަށް ގެންދަވާނެ ކަމަށާއި އަނެއް ބަޔަކަށް ދާއިމީ އަޒާބު ދެއްވާނެ ކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ.