Jan 30, 2011

ފާފައަކީ ކޮބާ؟

*އަލްފާ*
     ރަހުމަތްތެރީންނެވެ. މިއަދު އަޅުގަނޑު މި ގަސްތު ކުރަނީ ފާފައަކީ ކޮބައިކަން ކުރުގޮތަކަށް ހާމަ ކުރުމަށެވެ. ފާފައަކީ ހަމަ އެކަނި ވައްކަން ކުރުން ޒިނޭ ކުރުން ރާބޮއި މަސްތުވުން ނުވަތަ މީހުން މެރުން އެކަންޏެއް ނޫނެވެ. ފާފައަކީ މާތްކަލާނގެއާ ވަކިވެގަތުމެވެ. އެއީ މާތްކަލާނގެ ކީރިތި އަމުރުފުޅާ ދުރުވެ ގަތުމެވެ.

     ފާފައަކީ ނުބައި ކަމެއް ކޮށްލުން އެކަންޏެއް ނޫނެވެ. ބޮޑާކަމާއި ހަސަދަވެރިކަމާއި ނަފުރަތާއި ވަހުޝީ ޚިޔާލު ތަކަކީވެސް ހަމަ ފާފަ އެވެ. އީސާގެފާނު ވިދާޅުވެފައިވާ ގޮތުގައި މާތްކަލާނގެ ކުރެއްވި އެންމެ ގަދަ ދެ އަމުރުފުޅަކީ އެކަލާނގެ އަށް ހިތުގެ އެންމެ ފުންމިނުން ލޯބި ވުމާއި އަވަށްޓެރިޔާއާމެދު ތިމާގެ އަމިއްލަ ނަފުސާ އެއްފަދައިން ލޯބިވުމެވެ.

     މިއީ މާތްކަލާނގެ ކުރެއްވި އެންމެ ގަދަ ދެ އަމުރުފުޅު ކަމަށްވާއިރު އެކަލާނގެއާ މެދު އެންމެ ފުރިހަމަ ގޮތުގައި ލޯބި ނުވެވޭނަމަ، އަދި އަނެކާއާ މެދު އަމިއްލަ ނަފްސާ އެއްވަރަށް ލޯބި ނުވެވޭނަމަ، އެކުރެވެނީ ބޮޑުވެގެންވާ ފާފައެކެވެ.
     މި އަމުރުފުޅާ އެއްގޮތަށް އެކަކަށްވެސް އެބަ އަމަލު ކުރެވޭހެއްޔެވެ؟ ނޫނެކެވެ. ދުނިޔެ މައްޗަށް ފޮނުވުނު ފާފައެއް ނުވާ ހަމަ އެކަނި ފަރާތް ކަމުގައިވާ އީސާގެފާނު ފިޔަވައި އެހެން އެކަކަށް ވެސް މި ކަމެއް ފުރިހަމައެއް ނުކުރެވެއެވެ. އެކަލޭގެފާނު އެ ހުރިހާ ކަމެއް އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ފުރިހަމައަށް ކުރެއްވިއެވެ. އެކަލޭނގެފާނު އަމުުރު ކުރެއްވިއެވެ. ތިޔަ ބައި މީހުންވެސް ވާން ޖެހޭނީ ފުރިހަމަ ބަޔަކަށެވެ. އެހެނީ އުޑުގައިވާ ކަލޭމެންގެ ބައްޕާފުޅަކީ އެންމެ ފުރިހަމަ ކަލާނގެ އެވެ. (މެތިއު 5:48) 

     އެކަމަކު އަހަރުމެން ފާފަވެރިން ހިތް ފުރެންދެން ނުބައި ނުލަފާކަން ހުރެގެން މާތްކަލާނގެ އަމުރު ކުރައްވާފަދަ ސާފު ސީދާ ބަޔަކަށް ވާނީ ކިހިނެއްހެއްޔެވެ؟
     ކެންސަރު ޖެހިފައިވާ މީހަކަށް މޮޅެތި ނަސޭހަތްތަކާއި ސިއްހަތާ ބެހޭ މައުލޫމާތުން ކުރާނީ ކީތް ހެއްޔެވެ؟ އޭނާއަށް ބޭނުންވާނީ ކަމުގެ އިލްމު ލިބިފައި ހުރި ޑޮކްޓަރެއްގެ ފަރުވާއެވެ. ހަމަ އެފަދައިން ފާފަތަކުން ފޯވެފައި ހުރި މީހަކަށް ބޭނުންވާނީ ރޫހާނީ ޑޮކްޓަރެއްގެ ފަރުވާއެވެ. އޭނާގެ ހިތާއި ސިކުނޑިއަށް އެ ބަލިން ފަސޭހަވާނެ ހިތްވަރާއި ބާރު ހޯދައިގަނެވޭނެ ފަދަ މަގެއް ފަހި ކުރުމަށެވެ.

     ޝައްކެއް ނެތް ގޮތުގައި އަހަރުމެން އެންމެނަށް ވެސް އަހަރުމެންގެ ފާފަތަކުން ސަލާމަތް ކޮށްދީ އެކަލާނގެ ދަރީން ކަމުގައި ވުމަށް އެހީތެރިވާނެ ފަރާތަކަށް ވަނީ ބޭނުންވެފައެވެ. މާތްކަލާނގެ އެކަލާނގެ މަތިވެރި އޯގާވަންތަ ކަމުން އަހަރުމެން އިންސާނުންނަށް ދުނިޔޭގެ ފާފަތަކުން ސަލާމަތްކަން ދެއްވުމަށް ފޮނުއްވި އެހީތެރިޔާ އާ ބެހޭ ވާހަކަ ފަހުން ލިއުމަށް ގަސްތު ކުރަމެވެ.

Jan 23, 2011

އިންސާނާއަކީ ކާކު؟

*އަލްފާ*
ރަހުމަތްތެރީންނޭވެ. ކުރުގޮތަކަށް މާތްކަލާނގެއަކީ ކޮބައިކަން އީސާއީން ގަބޫލު ކުރާގޮތް  ކުރީގައި ގެނަސްދީފައި ވާނެއެވެ. ހަމަ އެގޮތަށް އެމީހުން އިންސާނާ އާ ބެހޭ ގޮތުން ދެކޭ ގޮތް ވެސް ކުރު ގޮތަކަށް ގެނަސް ދޭނަމެވެ. އިންސާނާއަކީ ކާކު ކަން އެނގުމަކީ ވެސް ކަލާނގެއަކީ ކޮބައިކަން އެނގުންހާ މުހިންމު ކަމެއް ކަމަށް ދެކިގެންނެވެ.
     އިންސާނާ އަކީ ކާކުކަން އަންގައިދެނީ ކީރިތި ބައިބަލް އިންނެވެ. ބައިބަލްގެ އެންމެ ފުރަތަމަ ފޮތުގައި ލިޔެވިގެންވާ ގޮތުގައި މާތްކަލާނގެ އުޑާއި ބިން އުފައްދަވާފައި ގަސްގަހާ ގެއްސާއި ޖަނަވާރު އުފެއްދެވުމަށްފަހު ދެން އުފެއްދެވީ އިންސާނާއެވެ. އިންސާނާ އުފެއްދެވީ އެކަލާގެ ސޫރަ ފުޅާ ވައްތަރު ކޮށެވެ. އެކަލާނގެ އިންސާނާ އުފެއްދެވީ ވިސްނައި ދެނެގަތުމުގެ ބާރު ލިބިފައިވާ ސިކުނޑިއަކާ އެކުގައެވެ.  އެއީ އޭނާ ހެވާއި ނުބައި ވަކިކޮށް ދެނެގަތުމަށެވެ.  އަދި ހެޔޮ ކަންތައް ކުރުމަށް އިޚްތިޔާރު ލިބޭނެ ފަދައިންނެވެ. ހަމަ އެއާ އެކު ބަސް ބުނުމުގެ ކުޅަދާނަކަން ލިބިފައިވާ ދުލަކާއި،  އަނެކާ އާ   ގުޅުވައިދޭނެ ރޫހާނިއްޔަތެއް ދެއްވާފައެވެ.
     މިހެންކަމުން އިންސާނާ ވަނީ ހުރިހާ މަޚްލޫގުންގެ ތެރޭން އެންމެ މަތިވެރި މަޚްލޫގު ކަމުގައި ހިމެނިފައެވެ. އެހެނީ އޭނާއަށް  ވަނީ މާތްކަލާނގެއާ ގުޅުން އުފެއްދޭނެގޮތް މެދުވެރި ވެފައެވެ.
     އިންސާނާއަކީ ކަލެއް ނޫނެވެ. އެހެނެއް ކަމަކު އިންސާނާއަކީ ފުރިހަމަ އިޚްތިޔާރުގައި މާތްކަލާނގެ ޚިދުމަތުގައި ބިންމަތީގައި ލެއްވި އެކަލާނގެ ދަރީންނެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވި އިރަކު އެއްވެސް ކުށެއް ފާފައެއް ނެތެވެ. އެހެންނަމަވެސް ގިނަ ދުވަހެއް ނުވެ އޭނާ އެކަލާނގެ އެންގެވި އެންގެވުމަކާ އެއްގޮތަށް ކަންތަކެއް ނުކުރިއެވެ. އޭނާ ބަސް ނޭހި އެވެ. އެކަލާނގެއަށް އުރެދިއްޖެއެވެ. ދެއްވި އިޚްތިޔާރުގެ ބޭނުން ހެޔޮގޮތުގައި ހިފައި އެކަލާނގެ އަށް ކިޔަމަންތެރިވެ އަޅުކަން ކުރުން ދޫކޮށްލިއެވެ.
     ބައިބަލްގެ ޖެނެސިސްގެ ތިންވަނަ ޗެޕްޓަރގައި ވާ ގޮތުގައި އާދަމްގެފާނާއި ހައްވާގެފާނު ބަގީޗާގައި ހުރި ގަހަކުން މަނާ ކުރެވުނު މޭވާ ފަރީއްކުޅުއްވައިފި އެވެ. މާތްކަލާނގެ އަންގަވާފައިވަނީ އެ މޭވާ އެ ބޭކަލުން ފަރިއްކުޅުއްވައިފި ނަމަ މަރުވެދާނެ ކަމަށެވެ.
     އެކަމަކު ޝައިތާނާ ހަރުފައެއްގެ ގޮތުގައި ބަގީޗާއަށް ވަދެ ހައްވާގެފާނަށް ވަސްވާސް ދީގެން އެ މޭވާ އެ ކަމަނާ ލައްވައި ފަރިއްކުޅުއްވައިފި އެވެ. ދެން ހައްވާގެފާނު އާދަމްގެފާނަށް ވެސް އެމޭވާ ދެއްވައިގެން އެ ކަލޭގެފާނުވެސް ފަރިއްކުޅުއްވައިފިއެވެ.
     އެއީ އިންސާނާ ކުރި ފުރަތަމަ ކުށެވެ. އެކަން ހިމެނުނީ އިންސާނާ މާތްކަލާނގެއާ ވެގަތް ދެކޮޅުވެރި ކަމަކަށެވެ. މިހެން ކަމުން އިންސާނާ ވެގަތީ މާތްކަލާނގެއަށް ދޫ ނުކުރާ މަޚްލޫގަކަށެވެ. ނަތީޖާއަކަށްވީ އިންސާނާ ދެކެ މާތްކަލާނގެ ކޯފާވެ ވޮޑިގަންނަވައި ސުވަރުގޭގެ ބަގީޗާއިން ބޭރު ކުރައްވައި ދުނިޔޭގެ އުނދަގުލާއި ވޭން ތަހައްމަލު ކުރަން ފޮނުއްވާ ލެއްވުމެވެ.
     އެއަށްވުރެން ވެސް ދެރަ ކަމަކީ އިންސާނާއާ މާތްކަލާނގެއާ ދެމެދުގައި އޮތް ގުޅުން ކެނޑިގެން ދިއުމެވެ.
     ކުރީގައި އިންސާނާއަކީ ކުށެއްނެތް ސާފު ސީދާ މީހެކެވެ. އޭރު އެކަލާނގެއާ ގުޅުން އުފެދިފައި އޮތީ އެހެންވީމައެވެ. ފަހުން އޭނާ ބަދަލުވެ އެހެން މަޚްލޫގަކަށްވީ އެވެ. ނުތާހިރު ވީއެވެ. އެހެންވުމުގެ ސަބަބުން އޭނާ އާ މާތްކަލާނގެއާ ދެމެދު އޮތް ގުޅުން ކެނޑިގެން ދިޔައީއެވެ.
     އިންސާނާ ކުރި ފުރަތަމަ ފާފައާ މެދު އަހަރުމެން އެހާ ބޮޑު އަހައްމިއްޔަތެއް ދޭންވީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ މިއެވެ. އިންސާނާގެ ތަބީއަތް ބަދަލު ވުމުގެ ސަބަބުން އޭނާގެ ކިބައިގައިވާ ހެޔޮކަންތައް ކުރުމުގެ ތަބީއަތް ބަދަލުވެގެން ދިޔައީއެވެ. އިންސާނާއަށް ހެވާއި ނުބައި އެނގޭ އިރުވެެސް ނުބައިކަންތަކާ ދިމާއަށް ދެވެނީ އެހެންވީމައެވެ. ނުލަފާ ކަމަކީ ނުރަނގަޅު ކަމެއްކަން އެނގޭއިރުވެސް އިންސާނާ އެ ކުރަނީ ނުބައި ކަންތަކެވެ. ޖެހިލުމެއްވެސް ނެތިއެވެ. ދޮގު ހެދުމަކީ ގޯހެއްކަން ވެސް އިންސާނާ ދަނެއެވެ. އެކަމަކު އިޚްތިޔާރެއް ނެތި ވެސް ހަދާލެވެނީ ދޮގެކެވެ. މިގޮތުގެ މަތީން އިންސާނާ ވަނީ މާތްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންކަމުގެ އަޅަކަށް ވެފައެވެ.
     ކުއްޖާ އުފަންވާއިރު އެއީ އެއްވެސް ކުށެއް ފާފައެއް ނެތް ކުއްޖެއް ކަމުގައި ބެލެވިފައި ވެއެވެ. އެހެންނަމަވެސް މާ ގިނަ ދުވަހެއް ނުވެ ނުބައި ނުލަފާކަން އެކުއްޖާގެ ކިބައިން ފާޅުވާން ފަށައެވެ.
     ދާއޫދުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދުނިޔެއަށް އައިސްފައި ވަނީ ނިކަމެތި ގޮތުގައެވެ. މަންމަގެ ބަނޑުން ތިމަންކަލޭގެފާނު އުފަންވީ ފާފައިގެ ތެރެއަށެވެ.
     އިންސާނާއަކީ ފާފަވެރިއެއްގެ ގޮތުގައި ޚުދު އިންސާނާވެސް މިވަނީ އެއްބަސް ވާން ޖެހިފައެވެ.
     އިންސާނާގެ ހިތުގައިވަނީ އޮޅުވާލުންތަކާއި މަކަރުވެރިކަމެވެ. ނުސާފު ކަމެވެ. އެ ހިތުގެ އެންމެ ފުނަށް ވަނީ ނުސާފުކަން ފެތުރިފައެވެ.
     އީސާގެފާނު ވިދާޅުވެފައި ވަނީ ނުލަފާ ޚިޔާލުތަކާއި ފާހިޝްކަންތައް ކުރުމާއި ވައްކަން ކުރުމާއި މީހުން މެރުމާއި ޒިނޭކުރުމާއި މަކަރު ހެދުމާއިި ވިޔާނުދާކަންތައް ކުރުމާއި އޮޅުވާލުމާއި ލަދުހުތުރުކަންތައް ކުރުމާއި ހަސަދަ ވެރިވުމާއި ލަނޑު ދިނުމާއި ބޮޑާވެގަތުމާއި މޮޔަކަންތައް ކުރުން އަންނަނީ އިންސާނާގެ އެތެރޭން ކަމަށެވެ. ނުވަތަ އިންސާނާގެ ނަފުސުގައި އެކުލެވިފައިވާ ކަމެއް ކަމުގައެވެ.  މިބަސްފުޅު މާރކް 7:21 ގައި ތަފުސީލުކޮށް ލިޔެވިފައި ވެއެވެ.
     އިންސާނާގެ ހިތް ރަނގަޅަށް ދެނެވޮޑިގަންނަވާ ކަލާނގެ ވަހީކުރައްވާފައި ވަނީ  އެއްވެސް އިންސާނަކީ ސާފު ސީދާ މީހެއް ނޫން ކަމަށެވެ. އެފަދަ އެކަކުވެސް ނެތްކަމަށެވެ.   ރޯމަން 3:10 ބައްލަވާށެވެ.
     އެހެންނަމަވެސް އިންސާނާއަށް ވުރެން މަތިވެރި އެކަކު ވެއެވެ. އެވާހަކަ ފަހުން ލިޔާނަމެވެ.
     ނިކަން ބައްލަވާށެވެ! އިންސާނާ މިވަނީ ކޮންފަދަ ހިތާމަވެރި ހާލަތަކަށް ވެއްޓިފައި ތޯއެވެ؟
އޭނާގެ ނުކިޔަމަންތެރި ކަމުގެ ސަބަބުން މާތްކަލާނގެއާ ދެމެދު އޮތް ގުޅުން ކެނޑިގެން ގޮަސްފައެވެ. އޭނާ މިވަނީ ބަލަހަށްޓާނެ ފަރާތެއް ނެތް ކަންބަޅި ބަކަރިއެއް ހަނަފަސް ސަހަރާއެއްގެ ތެރެއަށް ގެއްލިފައިވާ ފަދައިން ހަތަރު އުދަރެސް ފެނުޖެހިފައެވެ. މާތްކަލާނގެ ދަރިއެއް ފަދައިން އުފެއްދެވި އިންސާނާ މިވަނީ އެކަލާނގެއާ އަދާވާތްތެރި ވެފައެވެ. އެހެންކަމުން އޭނާ މިވަނީ ޝައިތާނާގެ އަޅަކަށް ވެފައެވެ.
     މާތްކަލާނގެ މަގުގައި ހިނގައި ނުގަނެވޭ ނަމަ އޭނާ އެވަނީ ފާފައިގެ ތެރޭގައި މަރުވެފައެވެ.  މާތްކަލާނގެ އާދަމުގެފާނަށް ވަހީ ކުރެއްވި ފަދައިން އޭނާގެ ރޫހާއި ނަފްސު އެ ވަނީ މަރުވެފައެވެ.

Jan 9, 2011

މުސްލިމަކީ ކޮބާ؟

     އިސްލާމްއާއި މުސްލިމް އަކީ ތަފާތު ދެ ބަހެކެވެ. މިއީ ގިނަބަޔަކަށް އަރާފައި އޮންނަ އޮޅުމެކެވެ.
މިސާލަކަށް ބަލަމާށެވެ. އިސްލާމް ދީނުގައި އޮންނަނީ 5 ރުކުނެވެ. މިއީ އެންމެންވެސް ދަންނަ ކަމެކެވެ.

އެއީ:-

 1.  ޝަހާދަތް ކިޔުން، ﷲ ނޫން ކަލަކު ނުވާކަމަށާއި މުހަންމަދުގެފާނަކީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމެވެ.

2. ނަމާދު ގާއިމު ކުރުން. ކިޔާއެއްޗެއް ނޭނގުނަސް އަރަބި ބަހުން ހުންނަ އެއްޗެހިތަކެއް ކިޔައިގެން ދުވާލަކު 5 ނަމާދު ކުރުން.

3. ޒަކާތް ދިނުން.

4. އަހަރަކު 29 ނުވަތަ 30 ދުވަހު ރޯދަމަހު ރޯދައަށް ހުރުން.

5. ކުޅަދާނަވެގެންވާ މީހާ އުމުރުން އެއް ފަހަރު ހައްޖަށް ދިއުން.

 މިއީ އިސްލާމުން ކުރަން ޖެހިފައި އޮންނަ ކަންކަމެވެ. ބޯލަނބަންޖެހޭ ގަވާއިދުތަކާއި ގާނޫނުތަކެވެ. މިކަންތައް ކުރުމުން ސުވަރުގެއަކަށް ދެވޭނެކަމުގެ ޔަގީންކަން ދެވިފައިވެއެވެ. އެ ސުވަރުގޭގައި މާތްކަލާނގެ ވޮޑިގެންވާނެކަމަކަށް ބުނެފައެއް ނުވެއެވެ. މިކަންތައް ނުކޮށްފިއްޔާ ދާން ޖެހެނީ ނަރަކައަށެވެ.
     ދެރަކަމަކީ މީގެ ތެރޭން ގިނަ ގަވާއިދަކީ މުހަންމަދުގެފާނު އަވަހާރަ ވުމުގެ އެތައް ދިހަ އަހަރެއް ނުވަތަ އެތައް ގަރުނެއްގެ ފަހުން އެކުލަވާލެވުނު ގަވާއިދު ތަކެއް ކަމަށްވާތީއެވެ.

    މުސްލިމްގެ މާނައަކީ މީހެއްގެ އަމިއްލަ އިޚްތިޔާރުގައި އެއްކައުވަންތަ މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންވުމެވެ.
އިންސާނުން އުފައްދަވާފައިވަނީ މާތްކަލާނގެ ޝަޚުސިއްޔަތާ އެއް ސިފައެއްގައި ކަމަށް މުސްލިމުން އުސޫލެއްގެ ގޮތުން ގަބޫލު ކުރެއެވެ. އޭގެ މާނައަކީ އިންސާނުންގެ ސިފައަކީ މާތްކަލާނގެ ސިފަފުޅެކޭ އެއް ނޫނެވެ. މާތްކަލާނގެއަކީ ވަކި ސޫރައެއްގައި ވޮޑިގެންވާ ކަލެއް ނޫނެވެ. އެކަލާނގެ ނެތުމުގެ ތެރޭން އާލަމްތައް އުފެއްދަވާފައި އަހަރުމެން އިންސާނުން މި ސޫރައިގައި އުފެއްދެވީ އެކަލާނގެ އުފާފުޅަށްޓަކައެވެ. އަހަރުމެން ކުރި އެއްވެސް ކަމަކުންނެއް ނޫނެވެ.
ހަގީގީ މުސްލިމުންނަކީ މާތްކަލާނގެ ހަޒްރަތަށް ސުވަރުގެއަށް ދާން އެދޭ މީހުންނެވެ.

ފުރިހަމަ މުސްލިމަކަށް ވުމަށްވެސް 5 ކަމެއް ފުރިހަމަ ކުރަން ޖެހެއެވެ.

1.   އެއީ އެއްކައުވަންތަ ﷲއަށް އީމާންވުން. އެކަލާނގެ ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗެއް، ޖައްވު، މާއްދާ، ހަކަތަ، ވަގުތު އުފެއްދެވީ އެކަލާނގެ "ބަސްފުޅު" މެދުވެރިކޮށް ކަމެވެ.
އެކަލާނގެއަކީ ހަށިގަނޑެއްގައި ވޮޑިގެންވާ ކަލެއްކަމަކަށް ހީކުރާނެ ތަނެއް ނެތެވެ. އެހެނީ އެކަލާނގެއީ ރޫހާނީ ފަރާތެކެވެ. އެކަލާނގެއަށް އަޅުކަން ކުރާއިރު ކުރަންވާނީ އެކަލާނގެ ވަކި ސިފަފުޅެއްގައި ވާކަމަކަށް ދެކެގެންނެއް ނޫނެވެ. އެހެނީ އެކަލާނގެއަކީ މުތުލަގު ރޫހު ފުޅެކެވެ.
މާތްކަލާނގެ ދުނިޔެ އުފައްދެވުމަށްފަހު ދުނިޔެއަށް ވަޑައި ނުގެންނެވޭނެ ކަމަށް ހީކުރުމަކީ ކުށް ހީއެކެވެ. އެކަލާނގެ ބޭނުންފުޅު އިރަކު ދުނިޔެއަށް ވަޑައިގެން ބޭނުންފުޅުތަނެއްގައި އުޅުއްވޭނެއެވެ. ބަސްފުޅުން އުފެއްދެވި ތަނަކަށް ބަސްފުޅު ބޭނުންވެ ވޮޑިގަތް ހިނދަކު ވަޑައިގެން ވޮޑިގެންނެވި ދާނެއެވެ. އެހެނީ މާތް ރޫހުފުޅަކީ އެކަލާނގެއަށް ނިސްބަތްވާ ރޫހުފުޅެކެވެ.

2.   ރޫހާނީ ފަރާތްތަކެއް ވާކަން ގަބޫލު ކުރުން. އެއީ މަލާއިކަތުންނާއި ޖިންނި ޝައިތާނުން ވާކަން ގަބޫލު ކުރުމެވެ. ތެދުވެރި މުސްލިމެއް ނަމަ ޝައިތާނާ ވާކަމާއި އޭގެ ބާރު އެކުލެވޭކަންވެސް ގަބޫލު ކުރާނެއެވެ. ޝައިތާނާއަކަށް ވެސް ހަށިގަނޑެއް ނުވެއެވެ. އެކަލާނގެ އޭނާ އުފައްދަވާފައިވަނީ އެކަލާނގެ ސިފަފުޅަކު ނޫނެވެ.  ޝައިތާނާ އަކީ މާތްކަލާނގެއާ އަދާވާތްތެރި ވެފައިވާ ފަރާތެކެވެ. އޭގެ މަސައްކަތަކީ ﷲ އުފެއްދެވި އެއްޗެއްސަށް ގެއްލުން ދީ އޮޅުވާލައި ލަނޑުދީ ހެދުމެވެ. މާތްކަލާނގެ ލޯބިވެ ވޮޑިގަންނަވާ އިންސާނާއާއި އެހެނިހެންތަކެތި ނައްތާލުމެވެ.
ޝައިތާނާ ދޮގެއް ހަދާނަމަ ހަދާނީ އޭގެ ބަހުރުވައިންނެވެ. ޝައިތާނާ އިންސާނުން ފާފައިގެ ޝިކާރައަކަށް ހަދައެވެ. ފެށުނީއްސުރެން އޭގެ ކަމަކީ އިންސާނާ ފާފަވެރިކޮށް ކުށްވެރި ކުރުމެވެ. އަދި އިންސާނާގެ ފާފަތައް ފުނި ޖައްސައި މާތްކަލާނގެ ހަޒުރަތަށް އިންސާފުގެ ކުރިމައްޗަށް ހުށަހެޅުމެވެ.

3.   ރަނގަޅު މުސްލިމެއް ނަމަ މާތްކަލާނގެ ރަސޫލު ބޭކަލުން ފޮނުއްވި ކަމަށް ގަބޫލު ކުރާނެއެވެ. ރަސޫލުންނަކީ ތެދުވެރި ބައެއް ކަމަށް ގަބޫލު ކުރާނެއެވެ. އެތައް ނަބީންނެއް ތަކުރާރުކޮށް ވިދާޅުވެފައިވަނީ މަލާއިކަތުން ތިމަން ބޭކަލުންނަށް ތައުބާވުމަށް އެންގެވި ކަމަށެވެ. އެހެންކަމުން އެ ބަސްފުޅުތައް ވާނީ ތެދު ބަސްފުޅު ތަކަކަށެވެ. އެނޫން ގޮތަކަށް ގަބޫލު ކުރުމަކީ މޮޔަ ދެކޮޅު ނުޖެހޭ ކަމެކެވެ. މި ނަބީން ވިދާޅުވާ ގޮތުގައި ކުށެއް ނެތް ނަބީއްޔަކު އަންނާނެއެވެ.
ނަބީއްޔަކު ތިމަންކަލޭގެފާނަށް ވާނެ ގޮތެއް ތިމަންކަލޭގެފާނަށް ތަބާވާ ބަޔަކަށް ވާނެ ގޮތެއް  ދާނެތަނެއް ނޭނގެޔޭ ވިދާޅުވާނަމަ އެ ބަސްފުޅު ވެސް ވާނީ ތެދަކަށެވެ.

4.   ރަނގަޅު މުސްލިމުން ފޮތްތަކަށް އީމާންވާނެއެވެ. ތައުރާތަކީ މޫސާގެފާނު ގެންނެވި ފޮތެކެވެ. އެއީ އީސާގެފާނުގެ 1500 އަހަރު ކުރީގެ ފޮތެކެވެ. ޒަބޫރަކީ ދާއޫދުގެފާނަށް ނިސްބަތްވާ ފޮތެކެވެ. އެއީ 700 ބީސީގައި ލިޔެވުނު ފޮތެކެވެ. މި ފޮތްތައް ލިޔެވިފައިވަނީ ހިބްރޫ ބަހުންނެވެ. އިންޖީލު ލިޔެވުނީ އީސާގެފާނު އުޑަށް އުފުއްލެވިތާ 50 ނުވަތަ އެއަށްވުރެން ގިނަ އަހަރުފަހުންނެވެ. މިފޮތްތައް މުހަންމަދުގެފާނު އަވަހާރަވީތާ ދުވަސް ކޮޅެއްގެ ފަހުން އަރަބި ބަހުން ލިޔެވުނެވެ.
މި ހުރިހާ ފޮތަކުން ވެސް އެނގިފައިވާ ގޮތުގައި މީން ކޮންމެ ބޭކަލަކު ވެސް އަންގަވަނީ މާތްކަލާނގެއަށް އީމާންވުމަށެވެ. އިބްރާހިމްގެފާނަކީ މިތުރެއް ކަމުގައި މާތްކަލާނގެ ލެއްވީ އެކަލޭގެފާނު އެކަލާނގެއަށް އީމާންވާތީއެވެ. 

5.   ރަނގަޅު މުސްލިމުން ގިޔާމަތް ދުވަހަށް އީމާންވެއެވެ. މާތްކަލާނގެއަށް އީމާންވެ އެކަލާނގެ މިންވަރާ ރުހިގެން އެކަމަށް އުފާކޮށް އެކަލާނގެއަށް އަޅުކަން ކުރުންމަތީ ތިބި މީހުން މާތްކަލާނގެ ހަޒްރަތަށް ގެންދެވޭނެއެވެ.  މިފަދައިން ކަންތައް ކުރި މީހުންނަށް އެކަލާނގެ ރަހުމަތްފުޅުން ދިންނެވުން ދެއްވައެވެ. އެކަލާނގެއަށް ކާފިރުވީ މީހުންނަށް އޮތީ ގެއްލުމާއި ހަލާކެވެ. އެމީހުން ވާހުށީ މާތްކަލާނގެއާ ދުރަށް ލެވިފައިވާ ބަޔަކަށެވެ. އެމީހުންނަށް އޮތީ ނަރަކައެވެ. އެތަނުގެ އަލިފާނެއް ނިވިގެނެއް ނުދާނެއެވެ.

ފުރިހަމަ މުސްލިމަކަށް ވަނީ މާތްކަލާނގެއަށް އީމާންވެ އެކަލާނގެ ރޫހުފުޅަށް އަޅުކަންކޮށް އެކަލާނގެއަށް ލޯބިވެތިވެ ސާލިހުގޮތުގައި އުޅޭ މީހުނެވެ. އެމީހުން ހެޔޮކަންތައް ކޮށް އުޅެނީ އެކަލާނގެ ދެކެ ވާލޯތްބަކުންނެވެ. އޮންނަ ވަކި އަމުރެއް ގަވާއިދަކަށް ތަބާވުމަށް ކުރާ ކަމެއްގެ ގޮތުގައެއް ނޫނެވެ. އެއަކީ ހޫރު ކަމަނާމެންނާއެކު އުފާކުރުން އެދިގެން ކުރާ ކަންކަމެއް ނޫނެވެ.
މިފަދަ މީހުންނަކީ ތިމާގެ ވަށައިގެން މިވާ ނިއުމަތް ފުޅަށްޓަކައި މާތްކަލާނގެއަށް ޝުކުރުވެރިކަން މަތީ ތިބޭ މީހުންނެވެ. އެއީ އެމީހުންގެ ހިތާއި ނަފުސުން މަތިވެރި މާތްކަލާނގެ އަށް ލޯބިވުން މަތީ ދެމި ތިބޭ ބަޔެކެވެ.