Jan 30, 2011

ފާފައަކީ ކޮބާ؟

*އަލްފާ*
     ރަހުމަތްތެރީންނެވެ. މިއަދު އަޅުގަނޑު މި ގަސްތު ކުރަނީ ފާފައަކީ ކޮބައިކަން ކުރުގޮތަކަށް ހާމަ ކުރުމަށެވެ. ފާފައަކީ ހަމަ އެކަނި ވައްކަން ކުރުން ޒިނޭ ކުރުން ރާބޮއި މަސްތުވުން ނުވަތަ މީހުން މެރުން އެކަންޏެއް ނޫނެވެ. ފާފައަކީ މާތްކަލާނގެއާ ވަކިވެގަތުމެވެ. އެއީ މާތްކަލާނގެ ކީރިތި އަމުރުފުޅާ ދުރުވެ ގަތުމެވެ.

     ފާފައަކީ ނުބައި ކަމެއް ކޮށްލުން އެކަންޏެއް ނޫނެވެ. ބޮޑާކަމާއި ހަސަދަވެރިކަމާއި ނަފުރަތާއި ވަހުޝީ ޚިޔާލު ތަކަކީވެސް ހަމަ ފާފަ އެވެ. އީސާގެފާނު ވިދާޅުވެފައިވާ ގޮތުގައި މާތްކަލާނގެ ކުރެއްވި އެންމެ ގަދަ ދެ އަމުރުފުޅަކީ އެކަލާނގެ އަށް ހިތުގެ އެންމެ ފުންމިނުން ލޯބި ވުމާއި އަވަށްޓެރިޔާއާމެދު ތިމާގެ އަމިއްލަ ނަފުސާ އެއްފަދައިން ލޯބިވުމެވެ.

     މިއީ މާތްކަލާނގެ ކުރެއްވި އެންމެ ގަދަ ދެ އަމުރުފުޅު ކަމަށްވާއިރު އެކަލާނގެއާ މެދު އެންމެ ފުރިހަމަ ގޮތުގައި ލޯބި ނުވެވޭނަމަ، އަދި އަނެކާއާ މެދު އަމިއްލަ ނަފްސާ އެއްވަރަށް ލޯބި ނުވެވޭނަމަ، އެކުރެވެނީ ބޮޑުވެގެންވާ ފާފައެކެވެ.
     މި އަމުރުފުޅާ އެއްގޮތަށް އެކަކަށްވެސް އެބަ އަމަލު ކުރެވޭހެއްޔެވެ؟ ނޫނެކެވެ. ދުނިޔެ މައްޗަށް ފޮނުވުނު ފާފައެއް ނުވާ ހަމަ އެކަނި ފަރާތް ކަމުގައިވާ އީސާގެފާނު ފިޔަވައި އެހެން އެކަކަށް ވެސް މި ކަމެއް ފުރިހަމައެއް ނުކުރެވެއެވެ. އެކަލޭގެފާނު އެ ހުރިހާ ކަމެއް އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ފުރިހަމައަށް ކުރެއްވިއެވެ. އެކަލޭނގެފާނު އަމުުރު ކުރެއްވިއެވެ. ތިޔަ ބައި މީހުންވެސް ވާން ޖެހޭނީ ފުރިހަމަ ބަޔަކަށެވެ. އެހެނީ އުޑުގައިވާ ކަލޭމެންގެ ބައްޕާފުޅަކީ އެންމެ ފުރިހަމަ ކަލާނގެ އެވެ. (މެތިއު 5:48) 

     އެކަމަކު އަހަރުމެން ފާފަވެރިން ހިތް ފުރެންދެން ނުބައި ނުލަފާކަން ހުރެގެން މާތްކަލާނގެ އަމުރު ކުރައްވާފަދަ ސާފު ސީދާ ބަޔަކަށް ވާނީ ކިހިނެއްހެއްޔެވެ؟
     ކެންސަރު ޖެހިފައިވާ މީހަކަށް މޮޅެތި ނަސޭހަތްތަކާއި ސިއްހަތާ ބެހޭ މައުލޫމާތުން ކުރާނީ ކީތް ހެއްޔެވެ؟ އޭނާއަށް ބޭނުންވާނީ ކަމުގެ އިލްމު ލިބިފައި ހުރި ޑޮކްޓަރެއްގެ ފަރުވާއެވެ. ހަމަ އެފަދައިން ފާފަތަކުން ފޯވެފައި ހުރި މީހަކަށް ބޭނުންވާނީ ރޫހާނީ ޑޮކްޓަރެއްގެ ފަރުވާއެވެ. އޭނާގެ ހިތާއި ސިކުނޑިއަށް އެ ބަލިން ފަސޭހަވާނެ ހިތްވަރާއި ބާރު ހޯދައިގަނެވޭނެ ފަދަ މަގެއް ފަހި ކުރުމަށެވެ.

     ޝައްކެއް ނެތް ގޮތުގައި އަހަރުމެން އެންމެނަށް ވެސް އަހަރުމެންގެ ފާފަތަކުން ސަލާމަތް ކޮށްދީ އެކަލާނގެ ދަރީން ކަމުގައި ވުމަށް އެހީތެރިވާނެ ފަރާތަކަށް ވަނީ ބޭނުންވެފައެވެ. މާތްކަލާނގެ އެކަލާނގެ މަތިވެރި އޯގާވަންތަ ކަމުން އަހަރުމެން އިންސާނުންނަށް ދުނިޔޭގެ ފާފަތަކުން ސަލާމަތްކަން ދެއްވުމަށް ފޮނުއްވި އެހީތެރިޔާ އާ ބެހޭ ވާހަކަ ފަހުން ލިއުމަށް ގަސްތު ކުރަމެވެ.

No comments:

Post a Comment