Oct 16, 2010

ހައްގުގެ މަގު


*އަލްފާ*
ހައްގު ދީނާއި ހައްގު ނޫން ދީން ބޭރުން ބަލާފައި ވަކި ކުރުން އެއީ އުނދަގޫ ކަމެކެވެ. އެހެނީ އެ ދެ ދީނުގައިވެސް އެއްގޮތް ކަންތައް ހުރީމައެވެ. އެހެނަސް އެ ދެ ދީނުގައި ވަރަށް ބޮޑު ތަފާތުތަކެއްވެސް އެބަ ވެއެވެ.

މިސާލަކަށް ގޮވާން ދަނޑަކަށް ބަލާލަމާތޯއެވެ. ގޮދަން ގަސްތަކާ ވަރަށް އެއްވައްތަރުގެ ވިނަތަކެއް ދަނޑުތަކުގައި ހެދިފައި ހުރެއެވެ. އެހެނަސް ގޮވާން އަޅަނީ ގޮދަން ގަސްތަކުގައެވެ. ވިނަ ގަސްތަކަކީ ކަނޑާލައި އަންދާލުން ނޫން ކަމަކަށް ކަމުދާ ގަސްތަކެއް ނޫނެވެ. ގޮދަނަކީ ކަނޑައި ފުށަށް ހަދައި ނުވަތަ އެނޫން ގޮތަކަށް ނަމަވެސް ކާން ބޭނުންކުރާ އަގުހުރި ގޮވާމެކެވެ. ދުނބުރިގަސް އަނބުގަހާ ވައްތަރު ނުވިޔަސް ދުނބުރިއާއި އަނބު ވަރަށް ވައްތަރެވެ. އެހެނަސް ދެ މޭވާގެ ތެރޭން ފޮނިރަހަ ހުންނަނީ އަނބުގައެވެ. ދުނބުރި ކިތަންމެ ވައްތަރަކަސް އަނބަކަށް ނުވާނެއެވެ.


ހައްގު ދީނާއި ބާތިލް ދީނުގައިވެސް ވަނީ މި މިސާލެވެ. އެ ދީންތަކުގެ ހައްގުކަން ނުވަތަ ބާތިލްކަން އެނގިގެން ދާނީ އެ ދީނުގެ އަހުލުވެރީންގެ އަމަލުތަކަށް ބަލާލުމުންނެވެ. އިބްރާހިމްގެފާނާއި މަތިވެރި ކަލާނގެއާ ދެމެދު ހިއްޕެވުނު އަހުދާ އެއްގޮތްވާ ގޮތުގެ މަތީން އިބްރާހިމްގެފާނާއި އެކަލޭގެފާނުގެ ދަރިކޮޅު އަޅުކަން ކުރަންޖެހެނީ އާލަމްތައް ހެއްދެވި މަތިވެރި ކަލާނގެ ކިބަފުޅަށެވެ. އެކަލާނގެ އެންގެވިއެވެ. ކަލޭގެފާނާއި ކަލޭގެފާނަށް ތަބާވާ އެންމެންވެސް ތިމަންކަލާނގެއަށް ބޯލަނބައި ކިޔަމަންވެ އަޅުކަން ކުރާށެވެ. ދެން ސާލިހު އަމަލު ކުރުން މަތީ ދެމިތިބޭށެވެ.

އިސްލާމްގެ މާނައަކީ ބޯލަނބައި ކިޔަމަންވުމެވެ. އެހެން ކަމުން އެކަލޭގެފާނަށް މާތްކަލާނގެ ބާވައިލެއްވި އިސްލާމް ދީންމަތީ ތިބޭ ބަޔަކު ނަމަ އެކަލާނގެއަށް ހުރިހާ އިރަކުވެސް ބޯލަބައި ކިޔަމަން ގަންނާނެއެވެ. އަދި އަޅުކަން ކުރާނީ ހަމައެކަނި އެކަލާނގެއަށެވެ. އަދި އެމީހުން ތިބޭނީ ސާލިހު އަމަލު ކުރުން މަތީގައެވެ.


ސާލިހު އަމަލުތަކަކީ ތިމާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން އަނެކާ ދެކެ ލޯބިވެ އެ ގޮތުގެ މަތީން އަނެކާއަށް ކަމޭހިތުމެވެ. ތިމާއަށް ކުޅަދާނަވީ އެންމެ މަތިވެރި ދަރަޖައަކަށް މާތްކަލާނގެއަށް ކިޔަމަންވެ އެކަލާނގެއަށް ލޯބި ކުރުންމަތީގައި ހުރުމެވެ. އަނެކާއަށް ޖެއްސުންކޮށް މަކަރު ހެދުން ފަދަ ކަންތަކުން ދުރުހެލިވެ ހުރުމެވެ. ދޮގުހެދުމާއި މަކަރު ހެދުމާއި ލަނޑު ދިނުމާއި  އެފަދަ ނުބައި ނުލަފާކަންތަކުން އެއްކިބާވެ ހުރުމެވެ. ހަސަދަ ވެރިކަމާއި ނެތިމޮށުމާއި އޮޅުވާލުމާއި ދޭތެރެ ޖެއްސުމާއި މިނޫނަސް ފާފަތައް ކަމަށް ހިމެނޭ ކަންކަމީ ސާލިހުއަމަލު ކުރުންމަތީ ދެމި ހުންނަ މީހެއްގެ ކިބައިން ފެނިގެން ދާނެ ކަންކަމެއް ނޫނެވެ. މި ފަދަ އަމަލުތަކަކީ އެ ދަނޑުގައި ހެދޭ  ގަސްތަކުގައި އަޅާ އަގުހުރި  ގޮދަނެއް ނޫނެވެ. އަދި އެއީ ރަހަ މީރު ފޮނި އަނބު  ތަކެއް ވެސް ނޫނެވެ.

No comments:

Post a Comment