Oct 22, 2010

އިންޖީލަކީ ބަދަލު ކުރެވިފައިވާ ފޮތްކޮޅެއް ނޫނެވެ..


*އަލްފާ*

 އިންޖީލުގެ މާނައަކީ ހެޔޮ ޚަބަރުފުޅެވެ. އެއީ އީސާގެފާނު ވިދާޅުވި ބަސްފުޅުތަކެވެ. ބައިބަލްގައިހިމެނޭ އިންޖީލުގެ ފޮތްތަކުގައި ވަނީ އީސާގެފާނު އުޅުއްވި ގޮތާއި ވިދާޅުވި ބަސްފުޅުތަކާއި ދެއްކެވި މުޢުޖިޒާތްތަކެވެ. އަދި އެދުވަސްވަރު އީސާގެފާނުގެ ވަށައިގެން ހިނގަމުން ދިޔަ ކަންތަކެވެ.

މި ލިއުންތައް ލިޔަން ފެށުނީ އެކަލޭގެފާނު އަވަހާރަވީފަހުން 70 ވަރަކަށް އަހަރުގެ ފަހުންނެވެ. އޭރު އެކަލޭގެފާނުގެ އަސްހާބުންގެ ތެރޭގައި އުޅުއްވި ޔޫހަންނާ ފަދަ ބޭފުޅުން އެކަން ހިނގިގޮތް ލިއުއްވިއެވެ. އަދި އެނޫން ތިންބޭފުޅަކުވެސް އެބޭފުޅުންނަށް ފެނިވަޑައިގެން އަދި ލިބިވަޑައިގެންނެވި އެންމެ އިތުބާރު ހިފޭ މައުލޫމާތު އެއްކުރެއްވިއެވެ. 

މި ބޭފުޅުން މި ލިއުންތައް ލިއުއްވީ އެއްތަނެއްގައި ތިއްބަވައި އެއްބަސް ވިދާޅުވެފައެއް ނޫނެވެ. އެހެން ކަމުން ލިއުންތަކުގެ ބަހުރުވައާއި ހާދިސާތަކުގައި ފުށު އެރުމާއި ފުށު ނޭރުން އެކުލެވިފައިވެއެވެ. މާނައަކީ އެއް ފޮތެއްގައި ހުރި ވާހަކަ އަނެއް ފޮތެއްގައި އެހެން އިބާރާތަކުން ހުރެ އެއްފޮތެއްގައި ނެތް ވާހަކަ އަނެއްފޮތެއްގައި ހުރުމެވެ. 

އެ ދުވަސްވަރަކީ ކާރީގައި ރިޕޯޓަރުން ތިބެގެން ހުރިހާ އިވެންޓެއް ކަވަރ ކުރެވެމުން ރިކޯޑް ކުރެވެމުން ދިޔަ ދުވަސްވަރެއް ނޫނެވެ. އެހެނަސް އެ ހިނގި ހާދިސާތައް ލިޔެފައި ވާ ލިއުންތަކުގައި ފުށު އަރާފައެއް ނުވެއެވެ. ދެ ބަސްވުމެއް އުފެދޭނެ ތަނެއް ނެތެވެ. އޭގެފަހުން އީސާގެފާނަށް ތަބާވީ ޕޯލްމެން ޓިމޮތީމެން އަދި އެނޫންވެސް ބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ފޮނުއްވި ސިޓީތަކާއި ލިއުއްވި ނަސޭހަތުގެ ލިއުއްވުންތައް އެ ފޮތުގައި ހިމެނިފައިވެއެވެ. އެހެންކަމުން އިންޖީލުގެ ނަމުގައި ބައިބަލްގައި ހުރި މި ބާވަތުގެ ލިއުންތައްވަނީ ނިއު ޓެސްޓެމަންޓްގެ ތެރޭގައެވެ. 

އެހެނަސް ތައުރާތް ކަމަށް އީސާއީންގެ ދަންނަ ބޭކަލުން ބަލަމުން އައިސްފައިވަނީ މާރކް، މެތިއުސް، ލޫކް، ޖޯން  މި ހަތަރު ފޮތްކޮޅެވެ. ބައިބަލްގައި ދެން ހުރީ އޯލްޑްޓެސްޓަމަންޓް ނުވަތަ މޫސާގެފާނުގެ ފޮތްކޮޅު ތައުރާތާއި ޒަބޫރާއި އެހެނިހެން ދީނީ ތާރީޚީ ލިއުއްވުންތަކެވެ. 

އެފޮތްތަކުގައި މޫސާގެފާނަށް ބާވައި ލެއްވި ގަވާއިދުތަކަށް އީސާއީން ތަބާވާން ނުޖެހުނު ކަމުގައިވިޔަސް އެ ފޮތްތަކަށްވެސް އީސާއީން ހުރުމަތްތެރިކޮށް ހިތައެވެ. އެހެނީ އޭގައިވެސް ވަނީ ފެށުނީއްސުރެން މާތްކަލާނގެ އިންސާނުންނަށް އަންގަވަމުން ދިޔަ ކަންތަކުގެ މައުލޫމާތެވެ.
 
އީސާގެފާނު ވާހަކަފުޅު ދެއްކެވީ ހީބްރޫ ބަހުންނާއި އަރަމިކް ބަހުން ކަމަށްވިޔަސް އިންޖީލު މައިގަނޑު ގޮތެއްގައި ލިޔެވިފައި ވަނީ ގްރީކް ބަހުންނެވެ. އެ ފޮތް ކޮޅު ލިއުނުގޮތަށް ރައްކާތެރި ކުރެވިފައިވަނީ އޭރު ތިބި މީހުންގެ ވަރަށް ބުރަ މަސައްކަތުން ވަރަށް ފަރުވާތެރިކަމާއެކުގައެވެ.
ބައިބަލްއާއި ތައުރާތަކީ އަދި ޒަބޫރަކީ ތަފާތު ފޮތްތަކެއް ނަމަވެސް ހުރިހާ ފޮތްތަކެއްގައި ވެސް ވަނީ މަތިވެރި ކަލާނގެއާއި އިންސާނުންނާ ދެމެދުގައި ހިނގާފައި ހުރި މުއާމަލާތް ތަކުގެ ވާހަކައެވެ. މިއިން އެއްވެސް ލިއުމަކުން އެކަލާނގެ ޚަސީލަތްފުޅާއި ޝަޚުސިއްޔަތު ފުޅަށް އުނިކަމެއް އަންނާނެ ލިއުމެއް ނުވެއެވެ. 

މި ހުރިހާ ފޮތްތަކުގައިވާ ލިއުންތަކުންވެސް ދައްކައިދެނީ މާތްކަލާނގެއަކީ ރަނގަޅު ކަލެއް ކަމާއި އެކަލާނގެއީ އިންސާނުން ދެކެ ލޯބިވެ ވޮޑިގަންނަވާ އޯގާވެރި ކެތްތެރި ކުޅަދުންވަންތަ ހުރިހާ ތަނެއްގައި އަބަދަށް ދިރި ދެމިވޮޑިގެންވާ އިންސާފު ވެރި ކަލެއްކަމެވެ.

ހާސް އަހަރުގެ ދިގު ރާސްތާ ކަޑައްތު ކޮށްފައިވާ މި ފޮތަށް ވުރެން ފުންކޮށް ގިނަ ބަޔަކު ދިރާސާ ކުރި އަދި ކުރަމުންދާ އެއްވެސް ފޮތެއް ދުނިޔެ މައްޗަކު ނުވެއެވެ. އެހެންކަމުން މި ފޮތްތަކުގައި އޮޅުވާލުމެއް ކުށެއް އަދި މާތްކަލާނގެ އެންގެވި އެންގެވުމަކާ ޚިލާފު ވާހަކަތަކެއް ހުރި ނަމަ އެކަން ސިއްރު ކުރެވުމަކީ ނުވާނެ ކަމެކެވެ.

އެހެނިހެންވެސް ތާރީޚީ ދުވަސްވީ ވާހަކަ ލިޔެވިފައިވަނީ އެކި މީހުންގެ ލިއުންތަކުން ކަމަށްވާތީ އެކި ދެތިން މީހުންގެ ލިއުން ތަކުގައި އެއް
ހާދިސާއެއްގައި ކަންތައް ހިނގި ގޮތުގެ ތަފާތު ބުނުންތަކެއް ހުރެދާނެއެވެ. އެހެނަސް އެހާދިސާގެ މައިގަނޑަށް ބަދަލު އައިސްފައެއް ނުވެއެވެ. މިސާލަކަށް ނޫހުގެފާނުގެ ތޫފާންގެ ދިގުމިން ދެމީހަކު ދެމުއްދަތެއް ކަމަށް ބުނެފައި އޮވެދާނެއެވެ. އެ ދެގޮތްވެސް ބައިބަލްގެ ދެފޮތަކު އޮވެދާނެއެވެ. އެހެންނަމަވެސް ތޫފާނެއް ނުފޮނުއްވާ ކަމަކަށް އެކަކުވެސް ބުނެފައެއް ނުވެއެވެ.

އެގޮތަށް އަދަދު ތަކުގެ ތެރޭގައި ހުންނަ ތަފާތު ތަކެއް ފަހުން ލިއުނު މީހުން  ބޭނުން ގޮތަކަށް ލިޔެ ބަދަލު ކޮށްފައެއް ނުވެއެވެ. އެހެނީ މާތްކަލާނގެ ބަސްފުޅު ބަދަލު ކޮށްލަން ކެރޭނެ ބަޔަކު ދީންވެރިންގެ ތެރެއަކު ނުހިމެނެއެވެ. 

މިސާލަކަށް އެކަކު އެއިން ލިއުމެއް އޭނާ ބޭނުން ގޮތަކަށް ބަދަލު ކުރަން އުޅުނަސް ދެން ތިބި އެންމެނެއް އެކަމަކާ އެއްބަހެއް ނުވާނެއެވެ. އެއްބަހެއް ނުވެސް ކުރުވޭނެއެވެ. އެއީ އެމީހުންނަށް ކުރަން ކެރޭނެ ކަމެއް ނޫނެވެ. އޭރަކުވެސް މިހާރަކުވެސް އެގޮތަކަށް އެކަމެއް ނުކުރެވޭނެއެވެ.

ބައިބަލް އަކީ ބަދަލުކޮށްފައިވާ ފޮތެއް ކަމަށް އެކި ލިއުންތަކުން ފެންނާތީ މި ވާހަކަ ކޮޅު ވެސް  ހިމަނާލީއެވެ.



No comments:

Post a Comment