Dec 22, 2010

މާތްކަލާނގެއަކީ ކޮބައިތަ؟

      *އަލްފާ*


      ތިޔަ ބޭފުޅާ ފުރަތަމަވެސް ކުރައްވާނީ މި ސުވާލު ކަން ނޭނގެއެވެ. "އީސާއީން ގަބޫލު ކުރާގޮތުގައި މާތްކަލާނގެއަކީ ކޮބައިހެއްޔެވެ؟" އެކަމަކު މުހިންމު ސުވާލަކީ އީސާއީ ދީނުގައި ކަލާނގެއަކީ ކޮބައިހެއްޔޭ އެވެ.
     ކްރިސްޓިއަނުން ނުވަތަ އީސާއީން އަޅުކަން ކުރަނީ ތިން ކަލަކަށޭ ޖާހިލުން ބުނާ އަޑު ތި ބޭފުޅާއަށް ވެސް އޮންނާނީ އިވިފައެވެ. ބައެއް މީހުން ހީކުރަނީ އެމީހުން އަޅުކަން ކުރަނީ ސަލީބަށް ކަމަށެވެ. ނުވަތަ ބުދަކަށް ކަމަށެވެ. ހަގީގަތަކީ މިއީ އެވެ. މިއީ ވަރަށްބޮޑު އޮޅުމެކެވެ.
     ހަގީގީ ކްރިސްޓިއަނުން އަބަދުވެސް ގަބޫލު ކުރަނީ އެއް ކަލަކަށެވެ. އެކަކުވެސް ދެވަނަ ފަރާތަކަށް އަޅުކަން ކުރާނަމަ އެ ހެދެނީ ގޯހެކެވެ. އީސާގެފާނުގެ ކުރެން މީހަކު ސުވާލު ކުރިއެވެ. އެންމެ މުހިންމު އަމުރުފުޅަކީ ކޮބައިތޯއެވެ. އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. "މާތްކަލާނގެއަކީ އަހަރެމެންގެ ކަލާނގެ ﷲ. އެކަލާނގެއީ އެއްކައުވަންތަ ކަލާނގެ. ކަލޭމެންގެ ވެރި ކަލާނގެ ﷲ އަށް ކަލޭމެންގެ ހިތުގެ އެންމެ ފުންމިނުންނާއި މުޅި ފުރާނައިންނާއި ފިކުރުތަކުންނާއި ގައިގައި ހުރިހާ ހަކަތައަކުން ލޯބިވޭ!"
     މާތްކަލާނގެ ފޮނުއްވި ހުރިހާ ރަސޫލުންވެސް އެންމެ ކުރީއްސުރެން ވެސް ބުނަމުން އަންނަނީ މާތްކަލާނގެއަކީ އެއްފަރާތެއް ކަމުގައެވެ. އަދި ގޮވާލައްވާފައިވަނީ އެކަކުވެސް ބުދަށާއި އެނޫންވެސް އެބާވަތުގެ ނަގުލީ ކަލުންނަށް އަޅުކަން ނުކުރުމަށެވެ.
          ކްރިސްޓިއަނުން ގަބޫލު ކުރާގޮތުގައި މާތްކަލާނގެއަކީ ފެށުމެއް ނިމުމެއް ނުވާ ފަރާތެކެވެ. އެއީ އަބަދަށް ދިރިދެމި ވޮޑިގެންވާ ކަލާނގެއެވެ. ކްރިސްޓިއަނުން ގަބޫލު ކުރަނީ މާތްކަލާނގެއަކީ   ހުރިހާ އިލްމަކާއި ބާރެއް ލިބިވޮޑިގެންވާ ކަލާނގެ ކަމަށެވެ. ހުރިހާ އެއްޗެއް އުފެއްދެވީ އެކަލާނގެ ކަމުގައެވެ. އެއީ ލޮލަށް ފެންނަން ހުރި ތަކެއްޗާއި ލޮލަށް ފެންނަން ނެތް ތަކެއްޗެވެ. އެކަލާނގެ މި ހުރިހާ އެއްޗެއް އުފެއްދެވީ އެކަލާނގެ ބަސްފުޅުންނެވެ.
     މީހަކު މަތިބަލާފައި  އިރަށާއި ހަނދަށާއި އެތައް މިލިއަން ތަރިތަކަށް ބެލި ިކަމުގައިވިޔަސް އެމީހަކަށް އެފެންނަނީ އެކަލާނގެ އުފައްދަވާފައިވާ މަދު އެއްޗެކެވެ. އެކަމަކުވެސް ދާއޫދުގެފާނު ވިދާޅުވިހެން ކޮންމެ މީހަކަށް ވެސް ބުނެވޭނެއެވެ. " އުޑު ތަކުން ދައްކަނީ މާތްކަލާނގެ ޖަލާލު ވަންތަ ކަމެވެ. އުޑުތަކުގައިވާ ޒީނަތްތެރިކަމުން ދައްކަނީ އެކަލާނގެ އަތްޕުޅުގެ މަސައްކަތްތެރި ކަމެވެ."
     މާތްކަލާނގެ ހިކްމަތްފުޅު ވަންތަކަމާއި ވިސްނުންފުޅުގެ މަތިވެރިކަން ދެނެގަނެވޭނީ ކާކަށް ހެއްޔެވެ؟ އެކަލާނގެއަކީ އުޑުތަކާއި އިރާ ހަނދާއި މިއޮތްހާ ގިނަ ތަރިތައް ހެއްދެވި ކަލާނގެއެވެ. މުޅި ކާއިނާތު ހެއްދެވީ އެކަލާނގެއެވެ. ދުނިޔޭގައިވާހައި މާމެލާމެއްޔާކާއި ފަނިފަކުސއަކާއި ދެންވެސް ހުރިއްޔާ ހުރި ހުރިހާ އެއްޗެއް އުފެއްދެވީ އެކަލާނގެއެވެ.
     މާތްކަލާނގެއަކީ ކުޅަދުންވަންތަ ކަލާނގެއެވެ. އެހެންކަމުން އެކަލާނގެ ބޭނުންފުޅުވި ކޮންމެ އެއްޗެއް ވެސް އެކަލާނގެ އުފައްދަވާފާނެއެވެ. އެކަލާނގެ ދުނިޔެ ހެއްދެވި މަގުސަދެއް ވެއެވެ. އެ މަގުސަދު އެކަލާނގެ ފުރިހަމަ ކުރެއްވުމަށް ހުރަހެއް އެޅޭނެ އެއްވެސް އެހެން ބާރެއް ނެތެވެ.
     ކްރިސްޓިއަނުން ގަބޫލު ކުރަނީ އެކަލާނގެއަކީ ހަމަ އެކަނި މަތިވެރި ރަސްކަލެއް ނޫން ކަމަށެވެ. އެކަލާނގެއީ އިންސާފުވެރި މާތް ވެސް ކަލެއް ކަމަށެވެ.
     އިހުގެ ގްރީކުންނާއި ރޯމަނުން އެތަކެއް ކަލުންނެއް ގަބޫލުކުރެއެވެ. އެމީހުން ދެކެނީ އެމީހުން ކަލާނގެ ތަކަކީ އިންސާނުން ފަދަ ބައެއް ކަމަށެވެ. އެހެން ކަމުން އެ ކަލުން ދޮގު ހައްދަވައި، ވައްކަން ކުރައްވައި މީހުން މަރުއްވައި ޖިންސީ ފާފަ ކުރައްވައި ނުބައި ކަންތައް ކުރައްވާ ކަމަށެވެ. އެހެންނަމަވެސް ކްރިސްޓިއަނުންގެ މުގައްދަސް ފޮތްތަކުގައި ލިޔެވިފައިވާ ގޮތުގައި މާތްކަލާނގެއަކީ އެންމެ މާތް ކަލާނގެއެވެ. އެކަލާނގެ އަކީ ހުރިހާ ނުސާފު ކަމަކުން ދުރވެ ސާފުވެ ވޮޑިގެންވާ މުތުލަގު ވަންތަ ކަލާނގެއެވެ.
     މާތްކަލާނގެ ނަބީއައަކަށް "ދެއްކެވުމެއްގައި" ފެނިވަޑައިގަތް ކަމަށް ވެއެވެ. އުޑުގެ މަލާއިކަތުންތައް މާތްކަލާނގެއަށް ސަނާ ދަންނަވަމުން ދިޔައެވެ. "މާތް، މާތް، މާތް ފަރާތަކީ ކުޅަދުންވަންތަ ކަލާނގެ ﷲ އެވެ." ހުރިހާ ބާރެއް ލިބިގެން އަންނަނީ މާތްކަލާނގެ ހަޒްރަތުންނެވެ. އެކަލާނގެ ކުރައްވާ ހުރިހާ ކަމަކީވެސް އެކަލާނގެ ޚަސީލަތް ޕުޅުގައި ވާ ކަންކަމެވެ. ދޮގުހެދުން މަކަރު ހެދުން ފަދަ ކަންކަމަކީ އެކަލާނގެ ޚަސީލަތްޕުޅުގައި ވާ ކަަންކަމެއް ނޫނެވެ. އަދި ނާއިންސާފުން ކަންތައް ކުރެއްވުމަކީ ވެސް އެކަލާނގެއަށް މުސްތަހީލު ކަމެކެވެ.
     މާތްކަލާނގެއަކަށް އިންސާނުން ފަދައިން ހަށިގަނޑެއް ނުވެއެވެ. އެކަލާނގެ ހުރިހާތަނެއްގައި ހުރިހާ އިރަކު ވޮޑިގެންވެެއެވެ. އެއްތަނެއްގައި އެކަންޏެއް ނޫނެވެ. މާތްކަލާނގެ އަތްޕުޅޭ، ވަޖަހު ފުޅޭ، ހިތްޕުޅޭ، މިފަދަ ބަސްތައް ބައެއް ލިޔެކިއުންތަކުގައި ހުރެއެވެ. އެހެނަސް އެކަލާނގެއަކީ ރޫހުފުޅެކެވެ. އެއީ މަތިވެރި އެންމެ މާތް ކަލާނގެއެވެ. އެކަލާނގެއަކީ އުހުގައި ވޮޑިގެންވާ ކަލާނގެ ކަމުގައި ވިޔަސް އެކަލާނގެ ވަނީ އަހަރުމެންނާ ހަމަ ދާދި ގާތުގައެވެ. އެކަލާނގެ ދެކެވޮޑިގަންނަވާ ކަމަށް ބުނާ ބަހުގެ މާނައަކީ އެކަލާނގެ ބައްލަވަނީ ލޯފުޅަކުންނެކޭ އެއް ނޫނެވެ.
     މާތްކަލާނގެ މިހާ މަތިވެރި ގޮތުގައި ކްރިސްޓިއަނުން ބަލާ އިރު ވެސް އެކަލާނގެ ކިބަފުޅުގައި ވާ ލޯބިވެ ވޮޑިގަތުމުގެ ޝަހުސިއްޔަތަކީ ކްރިސްޓިއަނުން ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ކަމަކެވެ. ބައިބަލްގައި މިކަމަށް މަތިވެރި ދަރަޖައަކަށް އިޝާރާތް ކޮށްފައިވެއެވެ. ބައިބަލްގައި ވެއެވެ. "މާތްކަލާނގެއަކީ ލޯތްބެވެ."
     މިހެން މި ކަންތައް އޮތުމުން މާތްކަލާނގެ ކުރައްވާ ހުރިހާ ކަމެއް ކުރައްވަނީވެސް އެކަމެއްގައި ލޯބި އެކުލެވިގެންނެވެ. އެކަލާނގެ އިންސާނުންނަށް އަތްވާއި ވާރޭ ދެއްވާފައިވަނީވެސް ލޯތްބާ އެކުގައެވެ. ކާނެތަކެއްޗާއި ބޯނެ ތަކެއްޗާއި ލާނެ ހެދުންތައް ދެއްވާފައިވެއެވެ. އަދި އިންސާނާއަށް ބޭނުންވާނެ ހުރިހާ އެއްޗެއް ބިމުގައި ލައްވާފައިވެއެވެ. އަދި އެކަލާނގެ ނަބީން ފޮނުއްވައިގެން އެކަލާނގެއާ ބެހޭ ކަންތައް އޮޅުންފިލުއްވައިވެސް ދެއްވައެވެ. މިގޮތުން މާތްކަލާނގެ އިންސާނިއްޔަތަށް ދެއްވި އެންމެ ބޮޑު ހަދިޔާއަކީ އިންސާނުންގެ ކުށްތައް އަފޫ ކުރެއްވުމަށް ފޮނުއްވި މަސީހާއެވެ.
     މާތްކަލާނގެ އެކަލާނގެ ހެއްދެވި ހުރިހާ މަޚުލޫގުންތައް ދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އަދި އެ ތަކެއްޗަށް ރަނގަޅު ގޮތްތަކަށް އެދިވޮޑިގަންނަވައެވެ. ދާއޫދުގެފާނު ހެއްދެވި ޅެމެއްގައި އޮވެއެވެ. "މާތްކަލާނގެއަކީ އަހަރެންގެ ހުއިހައްޕާ ފަރާތެވެ. އަހަރެން ބޭނުން ނުވި ކަމުގައި ވިޔަސް އެކަލާނގެ އަހަރެން ފެހިވިނަތަކުގެ ތެރެއަށް ގެންދަވައި އެތާނ ބާއްވައެވެ. ހިމޭން ފެންގަނޑުގެ ކާރިއަށް އަހަރެން ގެންދަވައެވެ. އަހަރެންގެ ފުރާނަ ތާޒާ ކޮށް ދެއްވައެވެ. އެކަލާނގެ ނަންފުޅަށްޓަކައި އަހަރެންނަށް ހެޔޮކަމުގެ މަގަށް މަގު ދައްކަވައެވެ."
     މާތްކަލާނގެ ދެކެ ލޯބިވެ އެކަލާނގެއަށް ކިޔަމަންތެރިވާ މީހުންނާމެދު އެކަލާނގެ ލޯބިވެ ވޮޑިގެންނެވުން އެއީ ތަބީއަތެކެވެ. އެކަމަކު އެކަލާނގެއަށް ނުކިޔަމަންތެރިވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ. ހައިރާން ވާކަށް ނުޖެހެއެވެ. އެހެނީ އެކަލާނގެއަކީ "މާތް" އޯގާވަންތަ ކަލާނގެއެވެ.
އެކަލާނގެ ހުރިހާ ހެވަކާއި ރަނގަޅެއް ދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަމަކު ހުރިހާ ގޯސް ކަމަކާމެދު ނަފްރަތު ކުރައްވައެވެ. އެކަލާނގެ އެ ފަދަ ކަންތައް ކުރާ މީހުންދެކެ ކޯފާވެ ވޮޑިގަންނަވައެވެ.
ދާއޫދުގެފާނު ވިދާޅުވިއެވެ. "މާތްކަލާނގެ ނުބައި ނުލަފާ މީހުން ދެކެ ނަފްރަތު ކުރައްވައެވެ."
ނުބައި ކަންތައްކޮށް އެކަލާނގެއަށް ނުކިޔަމަންތެރިވާ މީހުން ދެކެ އެކަލާނގެ ކޯފާވެ ވޮޑިގަންނަވައި އެމީހުންގެ މައްޗަށް ކޯފާ ފޮނުއްވައެވެ.
ތައުރާތު ކިޔަމުން ދާއިރު މާތްކަލާނގެ ނުކިޔަމަންތެރިންނަށް ދެއްވާ ކޯފާގެ ވާހަކައާއި އެކަލާނގެއަށް ނުކިޔަމަންތެރިވާ ގައުމުތަކަށް ފޮނުއްވާ ކޯފާގެ ވާހަކަ ވަރަށް ގިނަ ފަހަރު އައިސްފައިވއެވެ.
މާތްކަލާނގެއަށް ނުކިޔަމަންތެރިވާ މީހުން ދެކެ ކޯފާވާ އިރުވެސް އެމީހުންގެ ފާފަތަކުން އެމީހުން ސަލާމަތް ކޮށް ދެއްވުމަށް ބޭނުންފުޅުވެ ވޮޑިގަންނަވައެވެ. އެކަލާނގެ އިންސާނުން ދެކެ ލޯބިފުޅުވެ ވޮޑިގަންނަވަނީ ނުކިޔަމަންތެރިވާ ބައްޕައަކު އެ ދަރިން ދެކެ ލޯބިވާފަދައިންނެވެ. މި މަތިވެރި ލޯބީގެ ވާހަކަ އީސާގެފާނު ވަނީ ވިދާޅުވެފައެވެ. އެކަލޭގެފާނު ވިދާޅުވެފައިވާ މިސާލު ބަސްފުޅު ތަކުގައި ވަނީ މިގޮތަށެވެ. "ބައްޕަގެ ބަސްނާހާ ދަރިއަކު އޭނާއަށް ލިބުނު ހުރިހާ މުދަލެއް ބޭކާރު ވިޔާނުދާ ގޮތުގައި ހޭދަ ކުރުމަށްފަހު ބަނޑުހައިވެފައިވާ ހާލު އެނބުރި ބައްޕަގެ ގާތަށް އާދެއެވެ. އަދި އޭނައަށް ހެދުނު ގޯހަށް އިއުތިރާފުވެ ބައްޕަގެ ކިބައިން މައާފަށް އެދެން ބޭނުންވިއެވެ. ބައްޕަ މާ ކުރީގައި ދުވެފައި ގޮސް އެ ދަރިފުޅާ ބައްދަލު ކުރެއެވެ. އަދި އެ ދަރިފުޅަށް ބޮސްދީ ލޯބި ދިނެވެ. އަދި އެ ދަރިފުޅުގެ ޝަރަފުގައި ޖާފަތެއް ބޭއްވިއެވެ. ބައްޕަ އެދަރިފުޅު ދެކެ ލޯބިވާތީ އެކުއްޖާއަށް މައާފު ދިނެވެ. ބައްޕަ އެފަދަ ވިޔާނުދާ ދަރިފުޅުވެސް ބަލައިގަތީއެވެ."
އީސާގެފާނު ވިދާޅުވާ ގޮތުގައި މާތްކަލާނގެ އެކަލާނގެ އަށް ފާފަ ކުރާ މީހުންނާ މެދުވެސް ލޯބިވެ ވޮޑިގަންނަވަނީ އެފަދައިންނެވެ. އެކަލާނގެ އެމީހުންނަށް މައާފު ދެއްވައި އަނބުރާ އެކަލާނގެ އަރިހަށް ގެންދަވައެވެ.
މާތްވެގެންވާ ބައިބަލްގައި މާތްކަލާނގެއަށް އެތަކެއް ނަންފުޅަކުން މުޚާތަބު ކުރެވިފައިވެއެވެ. އެ ނަންފުޅުގެ ތެރޭގައި، ކުޅަދުންވަންތަ ކަލާނގެ، މާތްކަލާނގެ ، ޔަހޫވޭ، އަބަދަށް ދިރި ދެމިވޮޑިގެންވާ ކަލާނގެ، މާތްކަލާނގެ، ތެދުވެރި ކަލާނގެ، އޯގާވަންތަ، އިންސާފު ވެރި ކަލާނގެ، ޚާލިގުވަންތަކަލާނގެ، ދިންނަވާ ކަލާނގެ މަގުދައްކަވައި ބަލަހަށްޓަވާ ކަލާނގެ، މި ފަދަ ނަން ފުޅުތައް ފެނިފައިވެއެވެ. އެހެންނަމަވެސް އީސާއީންގެ ގާތުގައި އެންމެ މަގުބޫލު ނަންފުޅަކީ "އުޑުގައިވާ ބައްޕާފުޅު،" މި ނަންފުޅެވެ.
އީސާގެފާނު މާތްކަލާނގެއާ މުޚާތަބު ކުރައްވާއިރު، "އަޅުގަނޑުގެ ބައްޕާފުޅު" މިހެން ވިދާޅުވެއެވެ. އެކަލޭގެފާނުގެ އަސްހާބީން ދުއާ ކުރައްވާއިރު ވިދާޅުވަނީ، "އުޑުގައި ވޮޑިގެންވާ އަހަރުމެންގެ ބައްޕާފުޅު"، މި ގޮތަށެވެ. ކޮންމެ ނަމަކުން އެކަލާނގެއަށް މުޚާތަބު ކުރިޔަސް އެކަލާނގެ ނަންފުޅަކީ އެންމެ މަތިވެރި ނަންފުޅެވެ.
މަތިވެރި ކަލާނގެއާ ރޫހާނީ ގޮތުން ގުޅިފައިވާ ވުމަށްވުރެން މަތިވެރި ޝަރަފެއް އުފަލެއް ކޮބައިތޯއެވެ؟ މި މަތިވެރި ޝަރަފަކީ އީސާގެފާނު ގަބޫލުކޮށް އެކަލާނގެ އަށް ކިޔަމަންތެރިވާ އެންމެންނަށް މާތްކަލާނގެ ދެއްވި މަތިވެރި ޝަރަފެކެވެ.
މިހާރު ތިޔަ ބޭފުޅުން ކުރައްވާނެ ސުވާލަކީ ތިންކައުވަންތަ ކަމަކީ ކޮބައިހޭ ނޫންތޯއެވެ؟
އިރާދަ ކުރެއްވިއްޔާ އެ ސުވާލުގެ ޖަވާބު އެހެން ފަހަރަކުން ގެނަސް ދޭނަމެވެ.

1 comment: