Mar 20, 2011

އީސާގެފާނު ވަޑައިގެން ކުރެއްވީ ކޮން ކަންތަކެއް؟


*އަލްފާ*

ރަހުމަތްތެރީންނޭވެ! މި އާދެވުނީ އީސާއީ ދީނުގެ އެންމެ މުހިންމު ބައިތަކާ ހަމަޔަށެވެ. އީސާގެފާނަކީ ކޮން ބޭކަލެއް ކަން މާތްކަލާނގެއާއި އިންސާނާ އާ އެކަލޭގެފާނާ ދެމެދު އޮތީ ކޮން ގުޅުމެއްތޯ ބަލާލަމާ ހިނގާށެވެ.

ފުރަތަމަ އަޅުގަނޑު ލިޔެލާ ހިތްވަނީ އެކަލޭގެފާނާ ބެހޭ ވަރަށް ރީތި ތާރީޚީ ވާހަކައެކެވެ. މިއީ އިންޖީލުގެ 4 ފޮތްކޮޅުގައި ހިމެނިފައިވާ ވާހަކައެކެވެ.

      އެއް ދުވަހަކު ޖިބުރީލްގެފާނު ވަޑައިގެން ބިކުރުވެރި މަރިޔަމްގެފާނު ގާތު ވިދާޅުވިއެވެ.  "ކަނބުލޭގެ އަށް ފިރިހެން ދަރި އަކު ލިބޭނެއެވެ. އެ ކުއްޖާގެ ނަމަކަށް ވާނީ އީސާ އެވެ. އެކުއްޖާ އަކީ އެންމެ މަތީފަރާތުގެ ދަރިކަލުންގެ ގޮތުގައި ބުނެވޭނެއެވެ. އަދި އެކަލޭގެފާނީ އަބަދަށްޓަކައި ދެމިހުންނަވާނެ ރަސްގެފާނެވެ."
    މިއީ އޭގެ 700 އަހަރުގެ ކުރީގައި ނަބީ އީސާއިއާ ވިދާޅުވި ބަސްފުޅު ހަގީގަކަށް ވުމެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. "ޒުވާން އަންހެން ކުއްޖަކު ބަލިވެ އިނދެ ފިރިހެން ކުއްޖަކު ވިހާނެ."
     އެ ވިދާޅުވި ދަރިކަލުން އުފަންވީ ޖަރޫސަލަމްގެ ކާރީގައިވާ ކުޑަ އަވަށެއް ކަމަށްވާ ބެތެލަހަމްގައެވެ. އެ އަވަށަކީ އޭގެ 1000 އަހަރުގެ ކުރީގައި ދާއޫދުގެފާނު އުފަންވެ ވަޑައިގެންނެވި އަވަށްވެސް މެއެވެ.
     އީސާގެފާނު އުފަންވާނެ ރަށަކާ ބެހޭގޮތުން އޭގެ 700 އަހަރުގެ ކުރީގައި އުޅުއްވި ނަބީބޭކަލެއް ކަމުގައިވާ މައިކާ ވިދާޅުވެފައިވަނީ މިހެންނެވެ. " އޭ ބެތުލަހަމް އެފްރެތާތު. ޖޫދާގެ ގަބީލާގައ ކުޑައީ ކޮން ބައެއް. ތިޔަ ބައިމީހުންގެ ތެރޭން އިސްރާއީލުގެ ވެރިޔާ އަންނާނެ. އޭނާގެ ފެށުން އޮތީ އިހުޒަމާނުގެ މުސްކުޅިންނާ ގުޅިފައި."
     އެ ދަރިކަލުން އުފަންވީ ވަގުތު މަލާއިކަތަކު ވަނީ ބަކަރި ބަލަހަށްޓާ ބަޔަކަށް އެކަން އަންގަވާފައެވެ. "އަހަރެން މި ގެނަސްދެނީ ހުރިހާ އެންމެން ޖޯޝުން ފުރިގެންދާނެ އުފާވެރި ޚަބަރެއް. އެއީ މިއަދު ކަލޭމެންނަށްޓަކައި ދާއޫދުގެފާނުގެ ރަށުން މާތް ސާހިބު މަސީހު އީސާގެފާނު އުފަންވެއްޖެ."
     މަރިޔަމްގެފާނު ވަޑާންކުރާ މީހެއްކަމަށްވާ ޔޫސުފާ ކާވެނި ކުރެއްވިއެވެ. ޒުވާން އުމުރުގައި އީސާގެފާނުވެސް ވަޑާން ކުރެއްވިއެވެ. އެކަލޭގެފާނު ބޮޑުފުޅުވީ ނަޒާރަތުގައި ހުންނަވައެވެ.
     އުމުރުފުޅުން 30 އަހަރުގެ ކުރީގައި އެކަލޭގެފާނު ދީނީ ނަސޭހަތެއް ނުދެއްވައެވެ. އަދި މުއުޖިޒާތެއް ވެސް ނުދައްކަވައެވެ. މީހުންނަކަށް އެކަލޭގެފާނަކީ އެމީހަކަށް އެމީހުން ބަލަބަލާ ތިބި މަސީހާ ކަމެއް އޭރަކު ނޭނގެއެވެ.

     އީސާގެފާނުގެ އުމުރުފުޅުން 30 އަހަރުފުޅުގައި އެކަލޭގެފާނު އެކަމަކާއިގެން ދުނިޔެއަށް ވަޑައިގެންނެވި  ކަންތައް ކުރައްވަން ފަށްޓަވައިފިއެވެ.  އެކަމަށްޓަކައި އެކަލޭގެފާނު ނަޒާރަތު ދޫކުރައްވައި ޔަހުޔާގެފާނު ގާތަށް ވަޑައިގެންފިއެވެ.
     އޭރު ޔަހުޔާގެފާނު ދަނީ އެކަލޭގެފާނާ ބެހޭ ޚަބަރުތައް މީސްތަކުންނަށް އަންގަވަމުންނެވެ. އެ ގޮތުގެ މަތީން މީހުންތައް ޖޯޑަން ކޯރުގައި ފެންވަރުވައި ފާފަތަކުން ތައުބާ ކުރުވުމުގެ ރަމްޒީ ކަންތައް ކުރައްވަމުން ގެންދެވިއެވެ.
     އީސާގެފާނު މުޅި އުމުރުގައިވެސް ފާފައެއް ނުކުރައްވައި ހުންނަވާމެ ޔަހުޔާގެފާނު އަރިހުން ފެންވެރުވުމަށް އެދި ވަޑައިގަތެވެ. ޔަހުޔާގެފާނު ކިޔަމަންތެރިކަމާއެކު އެކަންތައް ކޮށް ދެއްވިއެވެ.
     އެކަލޭގެފާނު ފެންވަރާ ނިމިވަޑައިގެން ތެދުވެ ވަޑައިގެންނެވި ތަނާ އުޑުން އައި ކޮތަރެއް އެކަލޭގެފާނުގެ މައްޗަށް ތިރި ކޮށްފިއެވެ. އެއާއެކު މަތިން އައި އަޑެއް އިވިގެން ދިޔައެވެ. " މިއީ އަހަރެންގެ ލޯބިވާ "ދަރިފުޅު"* . މީނައާ މެދު އަހަރެން މި ވަނީ ރުހިގެން."
     (*ދަރިފުޅު މި ބަސް އެއީ ޚާއްސަ ކުރެވޭ ފަރާތް ނުވަތަ މި ފަދަ ގޮތަކަށް މާނަ ކުރެވިފައިވެއެވެ.)
     އޭގެ ފަހުން އައި ދުވަސްތަކުގައި އީސާގެފާނު ވަޑައިގެންނެވީ އެކަހެރި ހިސާބަކަށެވެ. އެތަނުގައި އެކަލޭގެފާނު އަޅުކަން ކުރައްވައި ރޯދައަށް ހުންނެވިއެވެ. އޭރު ޝައިތާނާ އެކަލޭގެފާނަށް ވަސްވާސް ދެމުން ގެންދިޔައެވެ. އެކަލޭގެފާނު ލައްވާ ފާފަ ކުރުވަން މަސައްކަތް ކުރިއެވެ.   

ނުނިމޭ

Feb 23, 2011

ރަސޫލުބޭކަލުންނާއި މަލާއިކަތުން

 *އަލްފާ*

މީސްތަކުންނަށް ތެދު މަގު ދެއްކެވުމަށް މާތްކަލާނގެ ނަބީބޭކަލުން ފޮނުއްވި ކަމަށް އީސާއީން ގަބޫލު ކުރެއެވެ. މީސްތަކުން އެމީހުންގެ ކިބައިގައިވާ ފާފަތަކުގެ ސަބަބުން ނުވަތަ އެމީހުން ރޫހާނީ ބަސްފުޅުތަކަށް ބީރު ވެފައި ވުމުގެ ސަބަބުން މާތްކަލާނގެ އަންގަވާ އެންގެވުންތަކުގެ އަޑު އަހާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު ތައުބާވެ އެކަލާނގެ ކިބަފުޅުން މައާފަށް އެދި ދެންނެވުމުން މާފު ދެއްވި ބައެއް މީހުނަށް މާތްކަލާނގެ ބަސްފުޅު ވަހީ ކުރައްވާފައި ވެއެވެ. އެގޮތުން އެފަދަ މީހުން ނަބީންގެ ތެރޭގައި ހިމެނުއްވާ ފައި ވެއެވެ. 


    ނަބީންނާ ބެހޭގޮތުން އަހަރެމެންނަށް އެނގޭ ކަންތައް އޮޅުންފިލަނީ ކީރިތި ބައިބަލްއިންނެވެ.  އެ ފޮތުގައި މާތްކަލާނގެ ފޮނުއްވި އެތައް ރަސޫލުންނަކާއި އެބޭކަލުންނަށް އެންގެވި އެންގެވުންތައް ލިޔެވިފައި ވެއެވެ. ބައިބަލްގައި ނަންގަނެވިފައިވާ ރަސޫލުންނާއި ނަބީންގެ ތެރޭގައި، އިބްރާހިމް، މޫސާ، ހާރޫން، މިރިއަމް (މޫސާގެފާނުގެ ކޮއްކޯފުޅު) ނޭތަން، ސާމިއުލް، ދާއޫދު، އަލީޔާސް، އެލީޝާ، އީސާއިއާ، ޔަރަމައިއާ، ޔޫނުސް، ޔާއުލް، ޑެނިއެލް، ޔަހުޔާ، ހިމެނެއެވެ. ޔަހުޔާއަކީ އީސާގެފާނު ވަޑައިގަތުމުގެ ކުރީގައި އެންމެ ފަހުން ފޮނުވުނު ނަބީއެވެ.


     މާތްކަލާނގެ މިތުރު ކަމަށްވާ އިބްރާހިމްގެފާނަކީ އީމާންވި މީސްތަކުންގެ ބަފައިކަލުންނެވެ. އެކަލޭގެފާނުގެ އަޖޫޒު އުމުރުފުޅުގައި ސާރާގެ ބަނޑުފުޅުން ދަރިކަލަކު ދެއްވިއެވެ. އެއީއިސްހާގުގެފާނެވެ. މާތްކަލާނގެ އަމުރުފުޅަށް ކިޔަމަންގަތުމަށްޓަކައި އިބްރާހިމްގެފާނު އިސްހާގުގެފާނު ގުރުބާން ކުރައްވަން ތައްޔާރު ކުރެއްވިއެވެ. އެވަގުތު މާތްކަލާނގެ އެ ދަރިފުޅުގެ ބަދަލުގައި ގުރުބާން ކުރާނެ ފުއްލާއެއް މަތި ކުރެއްވިއެވެ. 


     މާތްކަލާނގެ އިބްރާހިމްގެފާނަށް އެންގެވީ އެ ދަރިކަލުންގެ ދަރިކޮޅުން ދުނިޔޭގެ މީސްތަކުންނަށް ދިންނެވުމާއި ބަރަކާތް ދުނިޔެމައްޗަށް ފޮނުއްވާނެ ކަމުގައެވެ. އެ ވައުދުފުޅު ފުރިހަމަވީ އިސްހާގުގެފާނުގެ ދަރިކޮޅުން އީސާގެފާނު ވަޑައިގަތުމުންނެވެ.
     އީސާގެފާނުގެ ފަހުން ޔޫހަންނާ އާއި ބަދުރާއި އަދި ޕައުލް ނަބީންގެ ގޮތުގައި ފޮނުއްވާފައި ވެއެވެ. އެބޭކަލުން އުނގަންނައި ދެއްވީ މާތްކަލާނގެ ބަސްފުޅެވެ. އަދި އީސާގެފާނަށް އީމާންވުމަށެވެ.

     އެނގިފައިވާގޮތުގައި މާތްކަލާނގެ ފޮނުއްވި އެންމެ ފަހުގެ ނަބީންނަކީ އެއީއެވެ. އެހެނަސް ފުޅާ މާނައެއްގައި ބަލާނަމަ، މާތްކަލާނގެ ބަސްފުޅު އޭގެ ތެދު ގޮތުގައި މީސްތަކުންނަށް އަންގައިދޭ މީހަކީ ނަބީއެއް ކަމަށް ބުނެވިދާނެއެވެ. 


     ނަބީންނާ ބެހޭގޮތުން އީސާއީން ދެކޭ ގޮތާ އެހެން ދީންތަކުގެ މީހުން ދެކޭގޮތާދެމެދު ފަރަގު ތަކެއް ހުރެދާނެއެވެ. 

1.   ހުރިހާ ރަސޫލުންނާއި ނަބީންގެ ނަންތައް އެނގިފައެއް ނުވެއެވެ.

2.   އެނގިފައިވާ ހުރިހާ ނަބީންނެއްވެސް އައިސްފައިވަނީ މާތްކަލާނގެ މިތުރު ކަމުގައިވާ އިބްރާހިމްގެފާނުގެ ދަރިކަލުން އިސްހާގުގެފާނުގެ ދަރިފަސްކޮޅުންނެވެ. 

3.   ރަސޫލުން ފޮނުއްވުނީ 2000 އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ. 

4.   ފޮނުއްވުނު ހުރިހާ ރަސޫލުންނެއް ފޮނުވިފައިވަނީ ޖަރޫސަލަމްގެ ބިމަށެވެ. އެ ގައުމަކީ މާތްކަލާނގެ ޚާއްސަ ކުރެއްވި މީހުން ކަމުގައި ވެއެވެ. އެހެންކަމުން އެކަލާނގެ ބަސްފުޅު އެމީހުންނަށް އޮޅުންފިލުއްވައި ދެއްވުމަށް އެ ބިމަށް ނަބީންނާ ރަސޫލުން ފޮނުއްވިއެވެ.

5.   ރަސޫލުންނާއި ނަބީންނަކީ ފާފައިން އެއްކިބާވެފައިވާ ބައެއް ނޫނެވެ. އެކަމަކު އެއީ އެބޭކަލުންގެ އީމާންތެރިކަމުގެ ސަބަބުން ސާލިހުންގެ ގޮތުގައި ލެއްވުނު ބޭކަލުންނެވެ.
6.   ރަސޫލުންނާއި ނަބީންނަކީ މީސްތަކުންގެ ތެރޭން އެކި ފަންތިއަށް ނިސްބަތް ވާ ބައެކެވެ. މުއްސަނދިންނާއި ފަގީރުންނާއި، އިލްމުވެރިންނާއި، ނުކިޔަވާ ތިބި މީހުންނާއި މުސްކުޅިންނާއި ޒުވާނުންނެވެ.

7.   ބައެއް ނަބީން/ރަސޫލުން ފޮތެއް ނުލިއުއްވައެވެ. ޔަހުޔާގެފާނާއި އަލްޔަސައު ފޮތެއް ނުލިއުއްވައެވެ. މޫސާގެފާނާއި ދާއޫދުގެފާނާއި އިސައިއާއާއި، ޔޫހަންނާއާއި ޕައުލް މާތްކަލާނގެ ބަސްފުޅުތައް ލިޔެ އަންނަން އޮތް ޖީލުތަކާ ހަމަޔަށް ގެނަސް ދިނެވެ. 

8.   މާތްކަލާނގެ ބަސްފުޅު މީސްތަކުންނާ ހަމަޔަށް ފޮނުއްވީ ތަފާތު ގޮތްގޮތުންނެވެ. ބައެއް މީހުނަށް އެކަލާނގެ ބަސްފުޅު ސީދާ ވަޙީ ކުރެއްވިއެވެ. އަނެއް ބަޔަކަށް އެ ބަސްފުޅުތައް އެންގެވީ މަލާއިކަތުން މެދުވެރި ކުރައްވައެވެ.  އަނެއް ބަޔަކަށް އިލްހާމު ކުރައްވައިގެންނެވެ. ނުވަތަ ހުވަފެނުންނެވެ. ޝައްކެއް ނެތްގޮތުގައި ބައެއްގެ ހިތްތަކަކަށް ސިކުނޑިތަކަށް ވެސް އެކަލާނގެ އެންގެވުންތައް އަންގަވާފައިވެއެވެ. އެފަދަ އެންގެވުންތައް އެންގެވުނު މީހުންނަށް އެއީ މާތްކަލާނގެ އެމީހުންނަށް އެންގެވި ކަމެއް ކަމާ މެދަކު ޝައްކެއް ނުކުރެވެއެވެ.

9.   ބައެއް ނަބީ ރަސޫލުންނަށް މުއުޖިޒާތްތައް ދެއްވިއެވެ. އެއީ މާތްކަލާނގެ އެންގެވި އެންގެވުންތައް މީސްތަކުންނަށް ތެދުކަން ސާބިތު ކޮށް ދެއްވުމަށެވެ. މޫސާގެފާނަށާއި އެލިޔަޝައު އަށާއި ބަދުރަށް މުއުޖިޒާތް ދެއްވިއެވެ. ޔަހުޔާގެފާނަކަށް މުއުޖިޒާތެއް ނުދެއްވައެވެ.
އީސާގެފާނު ވަޑައިގަތުމުގެ ކުރީގައި އައި ނަބީން މީސްތަކުންނަށް މާތްކަލާނގެ އަކީ ކޮބައިކަން އަދި އެކަލާނގެއަށް ނުކިޔަމަންތެރިވާ ބަޔަކަށް ހުރި އަޒާބާއި ފާފަތަކާ ދުރުހެލިވެ އެކަލާނގެ ކިބަފުޅުން މައާފަށް އެދޭ މީހުންނަށް ދެއްވާނެ ނިއުމަތްތަކުގެ ވާހަކަ އަންގާފައި ވެއެވެ.
     މާތްކަލާނގެ އަމުރުތަކާއި ގަވާއިދުތަކެއް ދެއްވި ހަމަ އެކަނި ނަބީބޭކަލަކީ މޫސާގެފާނެވެ. އެކަލާނގެ އިސްރާއީލުގެ މީހުންނަށް ވަރަށް ގިނަ އަމުރުފުޅުތައް ކުރެއްވިއެވެ. މޫސާގެފާނު އެންގެވި އަމުރުތަކާ އެއްގޮތަށް ކަންތައް ކުރުމަށް މީސްތަކުންނަށް އެންގެވުނު ނަމަވެސް އެ އަމުރުފުޅުތަކާ އެއްގޮތަށް ކަންތައް ކުރުމަށް މީސްތަކުންނަކަށް ނުކުޅެދުނެވެ. އެހެނީ އެއީ މާތްކަލާނގެ ކީރިތި އަމުރުފުޅު ތަކެކެވެ. މި އަމުރުފުޅުތަކަށް ތަބާ ނުވެވުމުގެ ސަބަބުން އެމީހުންގެ ފާފައިގެ ބޮޑުކަން އެމީހުނަށް ފެނިގެން ދިޔައެވެ. އެހެންކަމުން ފާފައިން ސަލާމަތް ކޮށްދޭނެ ފަރާތަކަށް އެމީހުން ބޭނުން ޖެހުނެވެ.
     ނަބީން އެންގެވި އެންމެ މުހިންމު އެންގެވުމަކީ މީސްތަކުން ފާފައިން ސަލާމަތް ކޮށްދެއްވާނެ ބޭކަލަކު އެކަލާނގެ ފޮނުއްވާނެ ކަމެވެ. އީސާގެފާނުގެ ވާހަކަތައް ލިޔާއިރު އެކަލޭގެފާނާ ބެހޭގޮތުން ފަތްފުށްތަކުގައި ލިޔެވިފައިވާ ހައިރާން ކުރުވަނި އެތައް ވާހަކަތަކެއް ހުރި ކަމުގައި ލިޔަން އެބަ ޖެހެއެވެ.

     މަލާއިކަތުން
     ކީރިތި ބައިބަލްގައި މަލާއިކަތުންނާ ބެހޭ އެތައް ވާހަކަތަކެއް ލިޔެވިފައިވެއެވެ. އެއީ މާތްކަލާނގެ އުފައްދަވާފައިވާ ޚާއްސަ މަޚުލޫގުން ތަކެއް ކަން އެނގެން އެބައޮތެވެ. އެއީ ނަބީންނާއި ރަސޫލުންނަށް މާތްކަލާނގެ އަންގަވާ އެންގެވުންތަކާއިގެން ފޮނުއްވޭ ބައެއް ވެސް މެއެވެ. މަލާއިކަތުން އިންސާނުންގެ ސިފައިގައި ވަޑައިގެން އިބްރާހިމްގެފާނާއި މޫސާގެފާނާއި އަދި އެނޫން ބައެއް ބޭކަލުންނާ ވެސް ބައްދަކުރެއްވިއެވެ. ކީރިތި ބައިބަލްގައި ނަންގަނެވިފައިވަނީ ދެ މަލާއިކަތުންގެ ނަންފުޅެވެ. އެއީ މީކާއިލް އާއި ޖިބްރީލް އެވެ. މަރިޔަމްގެފާނަށް އީސާއޭ ކިޔާ ދަރިކަލަކު ދެއްވާނެކަމުގެ ޚަބަރު ގެނަސް ދެއްވީ ޖިބްރީލް އެވެ.

މަލާއިކަތުންނާއި ޝައިތާނާ

މާތްކަލާނގެ އަށް ކިޔަމަންތެރިވި ކީރިތި މަލާއިކަތުންގެ ވާހަކަ ކީރިތި ބައިބަލްގައި ވެއެވެ. އަދި އެނޫން ރޫހާނީ ފަރާތްތަކެއްގެ ވާހަކަވެސް ވެއެވެ. އޭގެތެރޭގައި މާތްކަލާނގެއަށް ނުކިޔަމަންތެރިވި ފަރާތްތަކެއް ވެސް ހިމެނެއެވެ. މި ރޫހުތައް ހިމެނެނީ މާތްކަލާނގެ އަދުއްވުންގެ ގޮތުގައެވެ. މި ނުބައި ރޫހުތަކުގެ އިސް ފަރާތަކީ ޝައިތާނާ ނުވަތަ ލައުނަތް ލެއްވި އިބްލީސް އެވެ.

      ވަރަށް ގިނަ އީސާއީން ގަބޫލު ކުރަނީ ޝައިތާނާއަކީ ރަނގަޅު ރޫހެއްގެ ގޮތުގައި އުފެއްދެވި ފަރާތެއް ކަމުގައެވެ. އެހެންނަމަވެސް މާތްކަލާނގެއާ މެދު ބޮޑާވެ ދެކޮޅުވެރި ވެގަތުމުގެ ސަބަބުން އުޑުގެ ކީރިތި މަގާމުފުޅުން ވެއްޓުނީއެވެ. އެ ރޫހުތައް މިހާރު މަސައްކަތް ކުރަމުން ދަނީ މާތްކަލާނގެ ފުރިހަމ ގޮތުގައި ބިންމަތީގައި އުފެއްދެވި އުފެއްދެވުންތައް ހަލާކު ކޮށްލުމަށެވެ. އަދަނުގެ ބަގީޗާގައި އާދަމުގެފާނާއި ހައްވާގެފާނަށް ވަސްވާސް ދިނީ ޝައިތާނާ ނުވަތަ އިބިލީހެވެ. އޭރުން ފެށިގެން އޭގެ މަސައްކަތަކީ މީސްތަކުން މާތްކަލާނގެއާ ދެކޮޅުވެރި ވެރިކޮށް ނުކިޔަމަންތެރި ކުރުވުމެވެ. 

     އިބްލީސް އީސާގެފާނަށް ވަސްވާސްދީ މާތްކަލާނގެއާ ދެކޮޅުވެރި ކުރުވުމަށް  ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.
     ޝައިތާނާއަކީ ބާރުގަދަ ފަރާތެއް ނަމަވެސް އެއަކީ މާތްކަލާނގެއަށް ވުރެން ގަދަ ފަރާތެއް ނޫނެވެ. އޭތިވެސް ވަނީ މާތްކަލާނގެ ބާރުފުޅުގެ ދަށުގައެވެ.
      އީސާއީން ޝައިތާނާ ދެކެ ބިރުގަންނާކަށް ނުޖެހެއެވެ. އެހެނީ އީސާގެފާނު އަހަރުމެންނަށް ދެއްވި ބާރުފުޅުގެ އެހީގައި ޝައިތާނާގެ ބާރުގެ ދަށު ނުވެ އޭގެ ވަސްވާސްތަކާ ކުރިމަތި ލުމުގެ ކުޅަދާނަކަށް ލިބިގެންވެއެވެ. 

     އިސާހިތަކު މާތްކަލާނގެ ޝައިތާނާ މި ބިމުން ފައްސަވާލައްވައި ދާއިމަށް ނަރަކައަށް އެއްލަވާނެއެވެ.

Jan 30, 2011

ފާފައަކީ ކޮބާ؟

*އަލްފާ*
     ރަހުމަތްތެރީންނެވެ. މިއަދު އަޅުގަނޑު މި ގަސްތު ކުރަނީ ފާފައަކީ ކޮބައިކަން ކުރުގޮތަކަށް ހާމަ ކުރުމަށެވެ. ފާފައަކީ ހަމަ އެކަނި ވައްކަން ކުރުން ޒިނޭ ކުރުން ރާބޮއި މަސްތުވުން ނުވަތަ މީހުން މެރުން އެކަންޏެއް ނޫނެވެ. ފާފައަކީ މާތްކަލާނގެއާ ވަކިވެގަތުމެވެ. އެއީ މާތްކަލާނގެ ކީރިތި އަމުރުފުޅާ ދުރުވެ ގަތުމެވެ.

     ފާފައަކީ ނުބައި ކަމެއް ކޮށްލުން އެކަންޏެއް ނޫނެވެ. ބޮޑާކަމާއި ހަސަދަވެރިކަމާއި ނަފުރަތާއި ވަހުޝީ ޚިޔާލު ތަކަކީވެސް ހަމަ ފާފަ އެވެ. އީސާގެފާނު ވިދާޅުވެފައިވާ ގޮތުގައި މާތްކަލާނގެ ކުރެއްވި އެންމެ ގަދަ ދެ އަމުރުފުޅަކީ އެކަލާނގެ އަށް ހިތުގެ އެންމެ ފުންމިނުން ލޯބި ވުމާއި އަވަށްޓެރިޔާއާމެދު ތިމާގެ އަމިއްލަ ނަފުސާ އެއްފަދައިން ލޯބިވުމެވެ.

     މިއީ މާތްކަލާނގެ ކުރެއްވި އެންމެ ގަދަ ދެ އަމުރުފުޅު ކަމަށްވާއިރު އެކަލާނގެއާ މެދު އެންމެ ފުރިހަމަ ގޮތުގައި ލޯބި ނުވެވޭނަމަ، އަދި އަނެކާއާ މެދު އަމިއްލަ ނަފްސާ އެއްވަރަށް ލޯބި ނުވެވޭނަމަ، އެކުރެވެނީ ބޮޑުވެގެންވާ ފާފައެކެވެ.
     މި އަމުރުފުޅާ އެއްގޮތަށް އެކަކަށްވެސް އެބަ އަމަލު ކުރެވޭހެއްޔެވެ؟ ނޫނެކެވެ. ދުނިޔެ މައްޗަށް ފޮނުވުނު ފާފައެއް ނުވާ ހަމަ އެކަނި ފަރާތް ކަމުގައިވާ އީސާގެފާނު ފިޔަވައި އެހެން އެކަކަށް ވެސް މި ކަމެއް ފުރިހަމައެއް ނުކުރެވެއެވެ. އެކަލޭގެފާނު އެ ހުރިހާ ކަމެއް އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ފުރިހަމައަށް ކުރެއްވިއެވެ. އެކަލޭނގެފާނު އަމުުރު ކުރެއްވިއެވެ. ތިޔަ ބައި މީހުންވެސް ވާން ޖެހޭނީ ފުރިހަމަ ބަޔަކަށެވެ. އެހެނީ އުޑުގައިވާ ކަލޭމެންގެ ބައްޕާފުޅަކީ އެންމެ ފުރިހަމަ ކަލާނގެ އެވެ. (މެތިއު 5:48) 

     އެކަމަކު އަހަރުމެން ފާފަވެރިން ހިތް ފުރެންދެން ނުބައި ނުލަފާކަން ހުރެގެން މާތްކަލާނގެ އަމުރު ކުރައްވާފަދަ ސާފު ސީދާ ބަޔަކަށް ވާނީ ކިހިނެއްހެއްޔެވެ؟
     ކެންސަރު ޖެހިފައިވާ މީހަކަށް މޮޅެތި ނަސޭހަތްތަކާއި ސިއްހަތާ ބެހޭ މައުލޫމާތުން ކުރާނީ ކީތް ހެއްޔެވެ؟ އޭނާއަށް ބޭނުންވާނީ ކަމުގެ އިލްމު ލިބިފައި ހުރި ޑޮކްޓަރެއްގެ ފަރުވާއެވެ. ހަމަ އެފަދައިން ފާފަތަކުން ފޯވެފައި ހުރި މީހަކަށް ބޭނުންވާނީ ރޫހާނީ ޑޮކްޓަރެއްގެ ފަރުވާއެވެ. އޭނާގެ ހިތާއި ސިކުނޑިއަށް އެ ބަލިން ފަސޭހަވާނެ ހިތްވަރާއި ބާރު ހޯދައިގަނެވޭނެ ފަދަ މަގެއް ފަހި ކުރުމަށެވެ.

     ޝައްކެއް ނެތް ގޮތުގައި އަހަރުމެން އެންމެނަށް ވެސް އަހަރުމެންގެ ފާފަތަކުން ސަލާމަތް ކޮށްދީ އެކަލާނގެ ދަރީން ކަމުގައި ވުމަށް އެހީތެރިވާނެ ފަރާތަކަށް ވަނީ ބޭނުންވެފައެވެ. މާތްކަލާނގެ އެކަލާނގެ މަތިވެރި އޯގާވަންތަ ކަމުން އަހަރުމެން އިންސާނުންނަށް ދުނިޔޭގެ ފާފަތަކުން ސަލާމަތްކަން ދެއްވުމަށް ފޮނުއްވި އެހީތެރިޔާ އާ ބެހޭ ވާހަކަ ފަހުން ލިއުމަށް ގަސްތު ކުރަމެވެ.

Jan 23, 2011

އިންސާނާއަކީ ކާކު؟

*އަލްފާ*
ރަހުމަތްތެރީންނޭވެ. ކުރުގޮތަކަށް މާތްކަލާނގެއަކީ ކޮބައިކަން އީސާއީން ގަބޫލު ކުރާގޮތް  ކުރީގައި ގެނަސްދީފައި ވާނެއެވެ. ހަމަ އެގޮތަށް އެމީހުން އިންސާނާ އާ ބެހޭ ގޮތުން ދެކޭ ގޮތް ވެސް ކުރު ގޮތަކަށް ގެނަސް ދޭނަމެވެ. އިންސާނާއަކީ ކާކު ކަން އެނގުމަކީ ވެސް ކަލާނގެއަކީ ކޮބައިކަން އެނގުންހާ މުހިންމު ކަމެއް ކަމަށް ދެކިގެންނެވެ.
     އިންސާނާ އަކީ ކާކުކަން އަންގައިދެނީ ކީރިތި ބައިބަލް އިންނެވެ. ބައިބަލްގެ އެންމެ ފުރަތަމަ ފޮތުގައި ލިޔެވިގެންވާ ގޮތުގައި މާތްކަލާނގެ އުޑާއި ބިން އުފައްދަވާފައި ގަސްގަހާ ގެއްސާއި ޖަނަވާރު އުފެއްދެވުމަށްފަހު ދެން އުފެއްދެވީ އިންސާނާއެވެ. އިންސާނާ އުފެއްދެވީ އެކަލާގެ ސޫރަ ފުޅާ ވައްތަރު ކޮށެވެ. އެކަލާނގެ އިންސާނާ އުފެއްދެވީ ވިސްނައި ދެނެގަތުމުގެ ބާރު ލިބިފައިވާ ސިކުނޑިއަކާ އެކުގައެވެ.  އެއީ އޭނާ ހެވާއި ނުބައި ވަކިކޮށް ދެނެގަތުމަށެވެ.  އަދި ހެޔޮ ކަންތައް ކުރުމަށް އިޚްތިޔާރު ލިބޭނެ ފަދައިންނެވެ. ހަމަ އެއާ އެކު ބަސް ބުނުމުގެ ކުޅަދާނަކަން ލިބިފައިވާ ދުލަކާއި،  އަނެކާ އާ   ގުޅުވައިދޭނެ ރޫހާނިއްޔަތެއް ދެއްވާފައެވެ.
     މިހެންކަމުން އިންސާނާ ވަނީ ހުރިހާ މަޚްލޫގުންގެ ތެރޭން އެންމެ މަތިވެރި މަޚްލޫގު ކަމުގައި ހިމެނިފައެވެ. އެހެނީ އޭނާއަށް  ވަނީ މާތްކަލާނގެއާ ގުޅުން އުފެއްދޭނެގޮތް މެދުވެރި ވެފައެވެ.
     އިންސާނާއަކީ ކަލެއް ނޫނެވެ. އެހެނެއް ކަމަކު އިންސާނާއަކީ ފުރިހަމަ އިޚްތިޔާރުގައި މާތްކަލާނގެ ޚިދުމަތުގައި ބިންމަތީގައި ލެއްވި އެކަލާނގެ ދަރީންނެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވި އިރަކު އެއްވެސް ކުށެއް ފާފައެއް ނެތެވެ. އެހެންނަމަވެސް ގިނަ ދުވަހެއް ނުވެ އޭނާ އެކަލާނގެ އެންގެވި އެންގެވުމަކާ އެއްގޮތަށް ކަންތަކެއް ނުކުރިއެވެ. އޭނާ ބަސް ނޭހި އެވެ. އެކަލާނގެއަށް އުރެދިއްޖެއެވެ. ދެއްވި އިޚްތިޔާރުގެ ބޭނުން ހެޔޮގޮތުގައި ހިފައި އެކަލާނގެ އަށް ކިޔަމަންތެރިވެ އަޅުކަން ކުރުން ދޫކޮށްލިއެވެ.
     ބައިބަލްގެ ޖެނެސިސްގެ ތިންވަނަ ޗެޕްޓަރގައި ވާ ގޮތުގައި އާދަމްގެފާނާއި ހައްވާގެފާނު ބަގީޗާގައި ހުރި ގަހަކުން މަނާ ކުރެވުނު މޭވާ ފަރީއްކުޅުއްވައިފި އެވެ. މާތްކަލާނގެ އަންގަވާފައިވަނީ އެ މޭވާ އެ ބޭކަލުން ފަރިއްކުޅުއްވައިފި ނަމަ މަރުވެދާނެ ކަމަށެވެ.
     އެކަމަކު ޝައިތާނާ ހަރުފައެއްގެ ގޮތުގައި ބަގީޗާއަށް ވަދެ ހައްވާގެފާނަށް ވަސްވާސް ދީގެން އެ މޭވާ އެ ކަމަނާ ލައްވައި ފަރިއްކުޅުއްވައިފި އެވެ. ދެން ހައްވާގެފާނު އާދަމްގެފާނަށް ވެސް އެމޭވާ ދެއްވައިގެން އެ ކަލޭގެފާނުވެސް ފަރިއްކުޅުއްވައިފިއެވެ.
     އެއީ އިންސާނާ ކުރި ފުރަތަމަ ކުށެވެ. އެކަން ހިމެނުނީ އިންސާނާ މާތްކަލާނގެއާ ވެގަތް ދެކޮޅުވެރި ކަމަކަށެވެ. މިހެން ކަމުން އިންސާނާ ވެގަތީ މާތްކަލާނގެއަށް ދޫ ނުކުރާ މަޚްލޫގަކަށެވެ. ނަތީޖާއަކަށްވީ އިންސާނާ ދެކެ މާތްކަލާނގެ ކޯފާވެ ވޮޑިގަންނަވައި ސުވަރުގޭގެ ބަގީޗާއިން ބޭރު ކުރައްވައި ދުނިޔޭގެ އުނދަގުލާއި ވޭން ތަހައްމަލު ކުރަން ފޮނުއްވާ ލެއްވުމެވެ.
     އެއަށްވުރެން ވެސް ދެރަ ކަމަކީ އިންސާނާއާ މާތްކަލާނގެއާ ދެމެދުގައި އޮތް ގުޅުން ކެނޑިގެން ދިއުމެވެ.
     ކުރީގައި އިންސާނާއަކީ ކުށެއްނެތް ސާފު ސީދާ މީހެކެވެ. އޭރު އެކަލާނގެއާ ގުޅުން އުފެދިފައި އޮތީ އެހެންވީމައެވެ. ފަހުން އޭނާ ބަދަލުވެ އެހެން މަޚްލޫގަކަށްވީ އެވެ. ނުތާހިރު ވީއެވެ. އެހެންވުމުގެ ސަބަބުން އޭނާ އާ މާތްކަލާނގެއާ ދެމެދު އޮތް ގުޅުން ކެނޑިގެން ދިޔައީއެވެ.
     އިންސާނާ ކުރި ފުރަތަމަ ފާފައާ މެދު އަހަރުމެން އެހާ ބޮޑު އަހައްމިއްޔަތެއް ދޭންވީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ މިއެވެ. އިންސާނާގެ ތަބީއަތް ބަދަލު ވުމުގެ ސަބަބުން އޭނާގެ ކިބައިގައިވާ ހެޔޮކަންތައް ކުރުމުގެ ތަބީއަތް ބަދަލުވެގެން ދިޔައީއެވެ. އިންސާނާއަށް ހެވާއި ނުބައި އެނގޭ އިރުވެެސް ނުބައިކަންތަކާ ދިމާއަށް ދެވެނީ އެހެންވީމައެވެ. ނުލަފާ ކަމަކީ ނުރަނގަޅު ކަމެއްކަން އެނގޭއިރުވެސް އިންސާނާ އެ ކުރަނީ ނުބައި ކަންތަކެވެ. ޖެހިލުމެއްވެސް ނެތިއެވެ. ދޮގު ހެދުމަކީ ގޯހެއްކަން ވެސް އިންސާނާ ދަނެއެވެ. އެކަމަކު އިޚްތިޔާރެއް ނެތި ވެސް ހަދާލެވެނީ ދޮގެކެވެ. މިގޮތުގެ މަތީން އިންސާނާ ވަނީ މާތްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންކަމުގެ އަޅަކަށް ވެފައެވެ.
     ކުއްޖާ އުފަންވާއިރު އެއީ އެއްވެސް ކުށެއް ފާފައެއް ނެތް ކުއްޖެއް ކަމުގައި ބެލެވިފައި ވެއެވެ. އެހެންނަމަވެސް މާ ގިނަ ދުވަހެއް ނުވެ ނުބައި ނުލަފާކަން އެކުއްޖާގެ ކިބައިން ފާޅުވާން ފަށައެވެ.
     ދާއޫދުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދުނިޔެއަށް އައިސްފައި ވަނީ ނިކަމެތި ގޮތުގައެވެ. މަންމަގެ ބަނޑުން ތިމަންކަލޭގެފާނު އުފަންވީ ފާފައިގެ ތެރެއަށެވެ.
     އިންސާނާއަކީ ފާފަވެރިއެއްގެ ގޮތުގައި ޚުދު އިންސާނާވެސް މިވަނީ އެއްބަސް ވާން ޖެހިފައެވެ.
     އިންސާނާގެ ހިތުގައިވަނީ އޮޅުވާލުންތަކާއި މަކަރުވެރިކަމެވެ. ނުސާފު ކަމެވެ. އެ ހިތުގެ އެންމެ ފުނަށް ވަނީ ނުސާފުކަން ފެތުރިފައެވެ.
     އީސާގެފާނު ވިދާޅުވެފައި ވަނީ ނުލަފާ ޚިޔާލުތަކާއި ފާހިޝްކަންތައް ކުރުމާއި ވައްކަން ކުރުމާއި މީހުން މެރުމާއި ޒިނޭކުރުމާއި މަކަރު ހެދުމާއިި ވިޔާނުދާކަންތައް ކުރުމާއި އޮޅުވާލުމާއި ލަދުހުތުރުކަންތައް ކުރުމާއި ހަސަދަ ވެރިވުމާއި ލަނޑު ދިނުމާއި ބޮޑާވެގަތުމާއި މޮޔަކަންތައް ކުރުން އަންނަނީ އިންސާނާގެ އެތެރޭން ކަމަށެވެ. ނުވަތަ އިންސާނާގެ ނަފުސުގައި އެކުލެވިފައިވާ ކަމެއް ކަމުގައެވެ.  މިބަސްފުޅު މާރކް 7:21 ގައި ތަފުސީލުކޮށް ލިޔެވިފައި ވެއެވެ.
     އިންސާނާގެ ހިތް ރަނގަޅަށް ދެނެވޮޑިގަންނަވާ ކަލާނގެ ވަހީކުރައްވާފައި ވަނީ  އެއްވެސް އިންސާނަކީ ސާފު ސީދާ މީހެއް ނޫން ކަމަށެވެ. އެފަދަ އެކަކުވެސް ނެތްކަމަށެވެ.   ރޯމަން 3:10 ބައްލަވާށެވެ.
     އެހެންނަމަވެސް އިންސާނާއަށް ވުރެން މަތިވެރި އެކަކު ވެއެވެ. އެވާހަކަ ފަހުން ލިޔާނަމެވެ.
     ނިކަން ބައްލަވާށެވެ! އިންސާނާ މިވަނީ ކޮންފަދަ ހިތާމަވެރި ހާލަތަކަށް ވެއްޓިފައި ތޯއެވެ؟
އޭނާގެ ނުކިޔަމަންތެރި ކަމުގެ ސަބަބުން މާތްކަލާނގެއާ ދެމެދު އޮތް ގުޅުން ކެނޑިގެން ގޮަސްފައެވެ. އޭނާ މިވަނީ ބަލަހަށްޓާނެ ފަރާތެއް ނެތް ކަންބަޅި ބަކަރިއެއް ހަނަފަސް ސަހަރާއެއްގެ ތެރެއަށް ގެއްލިފައިވާ ފަދައިން ހަތަރު އުދަރެސް ފެނުޖެހިފައެވެ. މާތްކަލާނގެ ދަރިއެއް ފަދައިން އުފެއްދެވި އިންސާނާ މިވަނީ އެކަލާނގެއާ އަދާވާތްތެރި ވެފައެވެ. އެހެންކަމުން އޭނާ މިވަނީ ޝައިތާނާގެ އަޅަކަށް ވެފައެވެ.
     މާތްކަލާނގެ މަގުގައި ހިނގައި ނުގަނެވޭ ނަމަ އޭނާ އެވަނީ ފާފައިގެ ތެރޭގައި މަރުވެފައެވެ.  މާތްކަލާނގެ އާދަމުގެފާނަށް ވަހީ ކުރެއްވި ފަދައިން އޭނާގެ ރޫހާއި ނަފްސު އެ ވަނީ މަރުވެފައެވެ.

Jan 9, 2011

މުސްލިމަކީ ކޮބާ؟

     އިސްލާމްއާއި މުސްލިމް އަކީ ތަފާތު ދެ ބަހެކެވެ. މިއީ ގިނަބަޔަކަށް އަރާފައި އޮންނަ އޮޅުމެކެވެ.
މިސާލަކަށް ބަލަމާށެވެ. އިސްލާމް ދީނުގައި އޮންނަނީ 5 ރުކުނެވެ. މިއީ އެންމެންވެސް ދަންނަ ކަމެކެވެ.

އެއީ:-

 1.  ޝަހާދަތް ކިޔުން، ﷲ ނޫން ކަލަކު ނުވާކަމަށާއި މުހަންމަދުގެފާނަކީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމެވެ.

2. ނަމާދު ގާއިމު ކުރުން. ކިޔާއެއްޗެއް ނޭނގުނަސް އަރަބި ބަހުން ހުންނަ އެއްޗެހިތަކެއް ކިޔައިގެން ދުވާލަކު 5 ނަމާދު ކުރުން.

3. ޒަކާތް ދިނުން.

4. އަހަރަކު 29 ނުވަތަ 30 ދުވަހު ރޯދަމަހު ރޯދައަށް ހުރުން.

5. ކުޅަދާނަވެގެންވާ މީހާ އުމުރުން އެއް ފަހަރު ހައްޖަށް ދިއުން.

 މިއީ އިސްލާމުން ކުރަން ޖެހިފައި އޮންނަ ކަންކަމެވެ. ބޯލަނބަންޖެހޭ ގަވާއިދުތަކާއި ގާނޫނުތަކެވެ. މިކަންތައް ކުރުމުން ސުވަރުގެއަކަށް ދެވޭނެކަމުގެ ޔަގީންކަން ދެވިފައިވެއެވެ. އެ ސުވަރުގޭގައި މާތްކަލާނގެ ވޮޑިގެންވާނެކަމަކަށް ބުނެފައެއް ނުވެއެވެ. މިކަންތައް ނުކޮށްފިއްޔާ ދާން ޖެހެނީ ނަރަކައަށެވެ.
     ދެރަކަމަކީ މީގެ ތެރޭން ގިނަ ގަވާއިދަކީ މުހަންމަދުގެފާނު އަވަހާރަ ވުމުގެ އެތައް ދިހަ އަހަރެއް ނުވަތަ އެތައް ގަރުނެއްގެ ފަހުން އެކުލަވާލެވުނު ގަވާއިދު ތަކެއް ކަމަށްވާތީއެވެ.

    މުސްލިމްގެ މާނައަކީ މީހެއްގެ އަމިއްލަ އިޚްތިޔާރުގައި އެއްކައުވަންތަ މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންވުމެވެ.
އިންސާނުން އުފައްދަވާފައިވަނީ މާތްކަލާނގެ ޝަޚުސިއްޔަތާ އެއް ސިފައެއްގައި ކަމަށް މުސްލިމުން އުސޫލެއްގެ ގޮތުން ގަބޫލު ކުރެއެވެ. އޭގެ މާނައަކީ އިންސާނުންގެ ސިފައަކީ މާތްކަލާނގެ ސިފަފުޅެކޭ އެއް ނޫނެވެ. މާތްކަލާނގެއަކީ ވަކި ސޫރައެއްގައި ވޮޑިގެންވާ ކަލެއް ނޫނެވެ. އެކަލާނގެ ނެތުމުގެ ތެރޭން އާލަމްތައް އުފެއްދަވާފައި އަހަރުމެން އިންސާނުން މި ސޫރައިގައި އުފެއްދެވީ އެކަލާނގެ އުފާފުޅަށްޓަކައެވެ. އަހަރުމެން ކުރި އެއްވެސް ކަމަކުންނެއް ނޫނެވެ.
ހަގީގީ މުސްލިމުންނަކީ މާތްކަލާނގެ ހަޒްރަތަށް ސުވަރުގެއަށް ދާން އެދޭ މީހުންނެވެ.

ފުރިހަމަ މުސްލިމަކަށް ވުމަށްވެސް 5 ކަމެއް ފުރިހަމަ ކުރަން ޖެހެއެވެ.

1.   އެއީ އެއްކައުވަންތަ ﷲއަށް އީމާންވުން. އެކަލާނގެ ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗެއް، ޖައްވު، މާއްދާ، ހަކަތަ، ވަގުތު އުފެއްދެވީ އެކަލާނގެ "ބަސްފުޅު" މެދުވެރިކޮށް ކަމެވެ.
އެކަލާނގެއަކީ ހަށިގަނޑެއްގައި ވޮޑިގެންވާ ކަލެއްކަމަކަށް ހީކުރާނެ ތަނެއް ނެތެވެ. އެހެނީ އެކަލާނގެއީ ރޫހާނީ ފަރާތެކެވެ. އެކަލާނގެއަށް އަޅުކަން ކުރާއިރު ކުރަންވާނީ އެކަލާނގެ ވަކި ސިފަފުޅެއްގައި ވާކަމަކަށް ދެކެގެންނެއް ނޫނެވެ. އެހެނީ އެކަލާނގެއަކީ މުތުލަގު ރޫހު ފުޅެކެވެ.
މާތްކަލާނގެ ދުނިޔެ އުފައްދެވުމަށްފަހު ދުނިޔެއަށް ވަޑައި ނުގެންނެވޭނެ ކަމަށް ހީކުރުމަކީ ކުށް ހީއެކެވެ. އެކަލާނގެ ބޭނުންފުޅު އިރަކު ދުނިޔެއަށް ވަޑައިގެން ބޭނުންފުޅުތަނެއްގައި އުޅުއްވޭނެއެވެ. ބަސްފުޅުން އުފެއްދެވި ތަނަކަށް ބަސްފުޅު ބޭނުންވެ ވޮޑިގަތް ހިނދަކު ވަޑައިގެން ވޮޑިގެންނެވި ދާނެއެވެ. އެހެނީ މާތް ރޫހުފުޅަކީ އެކަލާނގެއަށް ނިސްބަތްވާ ރޫހުފުޅެކެވެ.

2.   ރޫހާނީ ފަރާތްތަކެއް ވާކަން ގަބޫލު ކުރުން. އެއީ މަލާއިކަތުންނާއި ޖިންނި ޝައިތާނުން ވާކަން ގަބޫލު ކުރުމެވެ. ތެދުވެރި މުސްލިމެއް ނަމަ ޝައިތާނާ ވާކަމާއި އޭގެ ބާރު އެކުލެވޭކަންވެސް ގަބޫލު ކުރާނެއެވެ. ޝައިތާނާއަކަށް ވެސް ހަށިގަނޑެއް ނުވެއެވެ. އެކަލާނގެ އޭނާ އުފައްދަވާފައިވަނީ އެކަލާނގެ ސިފަފުޅަކު ނޫނެވެ.  ޝައިތާނާ އަކީ މާތްކަލާނގެއާ އަދާވާތްތެރި ވެފައިވާ ފަރާތެކެވެ. އޭގެ މަސައްކަތަކީ ﷲ އުފެއްދެވި އެއްޗެއްސަށް ގެއްލުން ދީ އޮޅުވާލައި ލަނޑުދީ ހެދުމެވެ. މާތްކަލާނގެ ލޯބިވެ ވޮޑިގަންނަވާ އިންސާނާއާއި އެހެނިހެންތަކެތި ނައްތާލުމެވެ.
ޝައިތާނާ ދޮގެއް ހަދާނަމަ ހަދާނީ އޭގެ ބަހުރުވައިންނެވެ. ޝައިތާނާ އިންސާނުން ފާފައިގެ ޝިކާރައަކަށް ހަދައެވެ. ފެށުނީއްސުރެން އޭގެ ކަމަކީ އިންސާނާ ފާފަވެރިކޮށް ކުށްވެރި ކުރުމެވެ. އަދި އިންސާނާގެ ފާފަތައް ފުނި ޖައްސައި މާތްކަލާނގެ ހަޒުރަތަށް އިންސާފުގެ ކުރިމައްޗަށް ހުށަހެޅުމެވެ.

3.   ރަނގަޅު މުސްލިމެއް ނަމަ މާތްކަލާނގެ ރަސޫލު ބޭކަލުން ފޮނުއްވި ކަމަށް ގަބޫލު ކުރާނެއެވެ. ރަސޫލުންނަކީ ތެދުވެރި ބައެއް ކަމަށް ގަބޫލު ކުރާނެއެވެ. އެތައް ނަބީންނެއް ތަކުރާރުކޮށް ވިދާޅުވެފައިވަނީ މަލާއިކަތުން ތިމަން ބޭކަލުންނަށް ތައުބާވުމަށް އެންގެވި ކަމަށެވެ. އެހެންކަމުން އެ ބަސްފުޅުތައް ވާނީ ތެދު ބަސްފުޅު ތަކަކަށެވެ. އެނޫން ގޮތަކަށް ގަބޫލު ކުރުމަކީ މޮޔަ ދެކޮޅު ނުޖެހޭ ކަމެކެވެ. މި ނަބީން ވިދާޅުވާ ގޮތުގައި ކުށެއް ނެތް ނަބީއްޔަކު އަންނާނެއެވެ.
ނަބީއްޔަކު ތިމަންކަލޭގެފާނަށް ވާނެ ގޮތެއް ތިމަންކަލޭގެފާނަށް ތަބާވާ ބަޔަކަށް ވާނެ ގޮތެއް  ދާނެތަނެއް ނޭނގެޔޭ ވިދާޅުވާނަމަ އެ ބަސްފުޅު ވެސް ވާނީ ތެދަކަށެވެ.

4.   ރަނގަޅު މުސްލިމުން ފޮތްތަކަށް އީމާންވާނެއެވެ. ތައުރާތަކީ މޫސާގެފާނު ގެންނެވި ފޮތެކެވެ. އެއީ އީސާގެފާނުގެ 1500 އަހަރު ކުރީގެ ފޮތެކެވެ. ޒަބޫރަކީ ދާއޫދުގެފާނަށް ނިސްބަތްވާ ފޮތެކެވެ. އެއީ 700 ބީސީގައި ލިޔެވުނު ފޮތެކެވެ. މި ފޮތްތައް ލިޔެވިފައިވަނީ ހިބްރޫ ބަހުންނެވެ. އިންޖީލު ލިޔެވުނީ އީސާގެފާނު އުޑަށް އުފުއްލެވިތާ 50 ނުވަތަ އެއަށްވުރެން ގިނަ އަހަރުފަހުންނެވެ. މިފޮތްތައް މުހަންމަދުގެފާނު އަވަހާރަވީތާ ދުވަސް ކޮޅެއްގެ ފަހުން އަރަބި ބަހުން ލިޔެވުނެވެ.
މި ހުރިހާ ފޮތަކުން ވެސް އެނގިފައިވާ ގޮތުގައި މީން ކޮންމެ ބޭކަލަކު ވެސް އަންގަވަނީ މާތްކަލާނގެއަށް އީމާންވުމަށެވެ. އިބްރާހިމްގެފާނަކީ މިތުރެއް ކަމުގައި މާތްކަލާނގެ ލެއްވީ އެކަލޭގެފާނު އެކަލާނގެއަށް އީމާންވާތީއެވެ. 

5.   ރަނގަޅު މުސްލިމުން ގިޔާމަތް ދުވަހަށް އީމާންވެއެވެ. މާތްކަލާނގެއަށް އީމާންވެ އެކަލާނގެ މިންވަރާ ރުހިގެން އެކަމަށް އުފާކޮށް އެކަލާނގެއަށް އަޅުކަން ކުރުންމަތީ ތިބި މީހުން މާތްކަލާނގެ ހަޒްރަތަށް ގެންދެވޭނެއެވެ.  މިފަދައިން ކަންތައް ކުރި މީހުންނަށް އެކަލާނގެ ރަހުމަތްފުޅުން ދިންނެވުން ދެއްވައެވެ. އެކަލާނގެއަށް ކާފިރުވީ މީހުންނަށް އޮތީ ގެއްލުމާއި ހަލާކެވެ. އެމީހުން ވާހުށީ މާތްކަލާނގެއާ ދުރަށް ލެވިފައިވާ ބަޔަކަށެވެ. އެމީހުންނަށް އޮތީ ނަރަކައެވެ. އެތަނުގެ އަލިފާނެއް ނިވިގެނެއް ނުދާނެއެވެ.

ފުރިހަމަ މުސްލިމަކަށް ވަނީ މާތްކަލާނގެއަށް އީމާންވެ އެކަލާނގެ ރޫހުފުޅަށް އަޅުކަންކޮށް އެކަލާނގެއަށް ލޯބިވެތިވެ ސާލިހުގޮތުގައި އުޅޭ މީހުނެވެ. އެމީހުން ހެޔޮކަންތައް ކޮށް އުޅެނީ އެކަލާނގެ ދެކެ ވާލޯތްބަކުންނެވެ. އޮންނަ ވަކި އަމުރެއް ގަވާއިދަކަށް ތަބާވުމަށް ކުރާ ކަމެއްގެ ގޮތުގައެއް ނޫނެވެ. އެއަކީ ހޫރު ކަމަނާމެންނާއެކު އުފާކުރުން އެދިގެން ކުރާ ކަންކަމެއް ނޫނެވެ.
މިފަދަ މީހުންނަކީ ތިމާގެ ވަށައިގެން މިވާ ނިއުމަތް ފުޅަށްޓަކައި މާތްކަލާނގެއަށް ޝުކުރުވެރިކަން މަތީ ތިބޭ މީހުންނެވެ. އެއީ އެމީހުންގެ ހިތާއި ނަފުސުން މަތިވެރި މާތްކަލާނގެ އަށް ލޯބިވުން މަތީ ދެމި ތިބޭ ބަޔެކެވެ.