Oct 15, 2010

އަންހެން ދަރިފުޅު ނުގަބޫލުގައި ކާވެނި ކުރުވުމާ ދެކޮޅު ހެދުމުން ދަރިފުޅުގެ މަންމަ މަރާލައިފި

އިޓަލީގައި ދިރި އުޅެމުންދާ އިސްލާމީ އަންހެނެއް ކަމަށްވާ ބޭގަމް ޝުނޭޒް އޭނާގެ 20 އަހަރުގެ އަންހެން ދަރިފުޅު ނޯޝީން ބަޓްގެ ނުރުހުމުގައި ކާވެނި ކުރުވަން އުޅޭތީ އެކަމާ ދެކޮޅުހެދުމުން  އޭނާގެ ފިރިމީހާ އަހުމަދު ޚާން ބަޓް )53( އޭނާގެ އަންހެނުން ވައްޓާލައި ގަލަކުން ތަޅައި ހެދުމުގެ ސަބަބުން  އޭނާ މަރުވެއްޖެއެވެ. އަދި އޭނާ އަންހެން ދަރިފުޅު ގައިގައި އެކުއްޖާގެ 19 އަހަރުގެ ފިރިހެން ކޮއްކޮ ތަޅާ  އަނިޔާ ކުރުމުގެ ސަބަބުން  އެކުއްޖާގެ  އަތް ބިންދައިގެން ގޮސްގެން  ނޯޝީން ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ.

އަހުމަދު ޚާން  އިޓަލީގައި މިސްކިތެއް ބިނާ ކޮށްގެން އުޅޭތާ 10އަހަރު ވެއްޖެއެވެ.

Oct 13, 2010

ތެދުރާސްތާ ވެބްސައިޓަށް މަރުޙަބާ

މާތްރަސްކަލާނގެ ވަޢުދުފުޅު ވެފައިވާ ގޮތުގައި އެކަލާނގެ ރަސްކަންފުޅާ ބެހޭގޮތުން ތިމާގެ ހިތުގެ އެންމެ ފުންމިނުން ހޯދާބަލާ ކޮންމެ މީހަކަށް އެކަލާނގެ ސިރާތުލް މުސްތަޤީމް ދައްކަވާނެއެވެ.

އަޅުގަނޑުމެންގެ އެދުމަކީ ތިޔަބޭފުޅާއަށް އެކަލާނގެ ހިތުގެއެންމެ ފުންމިނުން ދެއްވަން ވަޢުދުވެ ވަޑައިގަންނަވާފައިވާ ފުރިހަމަލޯތްބާ، އަޅާލުމާ، ދިރިއުޅުމުގެ ސާފު ސީދާ ތެދުމަގު ދެއްކެވުމެވެ.

ރަޙުމަތް ލައްވާށި އެވެ.

Oct 10, 2010

ފިކުރު

ފިކުރު ކުރުމަކީ އިންސާނާއަށް ލިބިފައިވާ މަތިވެރި ނިއުމަތެކެވެ. އިންސާނާ ހުރިހާ އިރަކުވެސް ފިކުރު ކުރަމުން ދާނެއެވެ. ގަސްތުގައިވެސް ގަސްތެއް ނެތިވެސް ހޭލާ ހުންނަ އިރުވެސް އަދި ނިދާފައި އޮންނަ އިރުވެސް ސިކުނޑީގައި ފިކުރު ހިނގަމުން ދާނެއެވެ.

 އިންސާނާގެ ސިކުނޑީގައި ކަންތައް ދެނެގަތުމާއި ، ދަސްކުރުމާއި ، ސަބަބު ދެނެގަތުމާއި ، ބަހުރުވައާއި ، ހެވާއި ނުބައި ވަކިކޮށްގަތުމާއި ، އުފެއްދުން ތެރިކަމާއި ، ހޭ ވެރިކަމޭ މިކިޔާ ބައިގައި ހިމެނޭ ހުރިހާ ކަމެއް އެކުލެވިފައި ވެއެވެ.

އިންސާނާ ދުނިޔެއަށް އައިސް އޭނާގެ ފިކުރު ހިނގަން ފެށީއްސުރެން  އޭނާގެ ނަފްސާމެދު ވިސްނަމުން ދެއެވެ. އޭނާގެ ވަށައިގެންވާ ތަކެތި ހޯދައި ބަލައެވެ. އޭނާ މި ދުނިޔެއަށް އައީ ކީއްވެ ކަން ކިހިނެއް ކަން އަދި ދުނިޔޭގައި އުޅުމަށް ފަހު މަރުވެ ދިއުމުން ދެން ވާނެ ގޮތަކާ މެދު ވިސްނަމުން ދެއެވެ.

އިންސާނާއަށް ފެންނަ ކަންތަކާއި އިވޭ އަޑުތަކުން އޭނާ އަށް ވަރަށް ގިނަ ފިކުރު އައިސް އެކަން ކަމާއި މެދު ޚިޔާލުކޮށް ސުވާލުކޮށް ޖަވާބު ހޯދަން މަސައްކަތް ކުރެއެވެ. 
މިގޮތުން އޭނާ ގެ ހިތުގައި އުފެދޭ ސުވާލުތަކުގެ ތެރޭން ޖަވާބު ހޯދަން އުނދަގޫ އެއްސުވާލަކީ އޭނާ މަރުވީމާ ވާނެ ގޮތެކެވެ.
މިއީ އިންސާނާ ހުރިހާ އިރަކުވެސް ޖަވާބު ހޯދަން ބޭނުންވާނެ ސުވާލެކެވެ. އެކަމަކު މީގެ ޖަވާބު ހޯދުމަކީ ދަތިކަމަކަށް ވެއެވެ.

 މަރުވީމާ ވާނެ ގޮތެއް ސައެންސކަށް ވެސް ނޭނގެއެވެ. އެކަން  އެނގެން  އޮންނަނީ ފަތްފުށް ތަކުގައި ލިޔެވިފައިވާ ލިއުންތަކުންނެވެ.

މި ލިއުންތަކުގައިވެސް ވަނީ ތަފާތު އެކި ގޮތް ގޮތަށެވެ. އެހެން ކަމުން މި ކަމުގައި އޮތް އެންމެ ތެދު އެންމެ އިތުބާރު ގޮތަކީ ކޮބައިކަން ހޯދައިގަތުމަށް އިންސާނާ ވަނީ ބޭނުން ބޮޑުވެފައެވެ.
އެހެންކަމުން އަޅުގަނޑު މި އާރޓިކަލް މި ލިޔަނީ  ތިޔަ ބޭފުޅުންގެ ޚިޔާލު މިކަންތަކާ މެދު ހުރީ ކޮންގޮތެއްގައިތޯ ހިއްސާ ކޮށްލުމަށް ފުރުސަތު ހޯދުމުގެ ބޭނުމުގައެވެ.

  ކޮންމެ މީހަކަށް ވެސް އެމީހަކު ކަންކަމާ މެދު ދެކޭ ގޮތުގެ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަން  އޮންނާނެ ކަމަށް އަޅުގަނޑު ދެކެމެވެ. އެހެނީ ފިކުރު ކުރުމަކީ އިންސާނާއަށް އުފެއްދެވި ފަރާތުން ދެއްވާފައިވާ މަތިވެރި ނިއުމަތެކެވެ.