Dec 5, 2010

ބައްޕަގެ ސިޓީ

ބައްޕަގެ ސިޓީ

ދަރިފުޅާއެވެ!
ކަލޭ ފަހަރުގައި އަހަރެން ނުދަނެފާނެއެވެ. އެކަމަކު ކަލެއާ ބެހޭ ހުރިހާ އެއްޗެއް އަހަންނަށް އެނގެއެވެ.
ކަލޭ އިށީންނަ ވަގުތާއި ތެދުވާ ވަގުތުތައް އަހަރެންނަށް އެނގެއެވެ. ކަލޭގެ ހުރިހާ ކަމެއް އަހަރެން ރަނގަޅަށް ދަންނަމެއެވެ. ކަލޭގެ ބޮލުގައި ހުރި އިސްތަށީގެ އަދަދުވެސް އަހަންނަށް އެނގެއެވެ. އެހެނީ ކަލޭ އުފައްދާފައިވަނީ  އަހަރެންގެ ސޫރައިގަކަމުންނެވެ. ކަލޭ ދިރިއުޅެނީ އަހަރެންގެ އެތެރެހަށީގައިއެވެ. އެހެނީ ކަލެއަކީ އަހަރެންގެ އުފަން ދަރިއެކެވެ.
      އަހަރެން ކަލޭ ދަންނަނީ ކަލޭ އުފަންވުމުގެވެސް ކުރިންނެވެ. ކާއިނާތުގައި ދިރުން އުފެއްދި ޕުލޭނުގައިވެސް ކަލޭ ހިމެނީމެވެ. ކަލޭ އުފަންވީ އޮޅުމަކުން ނޫނެވެ. އެހެނީ ކަލޭގެ ހަޔާތުގެ ހުރިހާ ދުވަހެއް ވަނީ އަހަރެންގެ ފޮތުގައި ލިޔެވިފައެވެ. ކަލޭ އުފަންވާނެ ވަގުތާއި ކަލޭ އުޅޭނެތަން އަހަރެންނަށް އެނގެއެވެ. ކަލޭ އުފަންވީ ބިރުގަންނަހާ ފުރިހަމަ ގޮތެއްގައެވެ. ކަލޭގެ މަންމަގެ ބަނޑުތެރޭގައި ކަލޭ ގަރުބަ ގެންނެވީ އަހަރެންނެވެ.
އަހަރެން ނުދަންނަ މީހުން އަހަރެންނާ ބެހޭގޮތުން ދައްކާ ވާހަކަ ތަކަކީ ހަގީގަތެއް ނޫނެވެ. އަހަރެން ރުޅިއައިސްގެން ދުރަކަށް ނުދަމެވެ. އަހަރެންގެ ފަރާތުން ފެންނާނީ ލޯބީގެ އެންމެ ފުރިހަމަ ސިފަތަކެވެ. ހިތް އެދެނީ ހިތްފުރެންދެން ލޯބި ދިނުމަށެވެ. އެހެނީ ކަލެއަކީ އަހަރެންގެ ދަރިފުޅުވީމައެވެ. އަހަރެން މިއީ ކަލޭގެ ބައްޕަ ވީމައެވެ.
ބިމުގައިވާ ކަލޭގެ ބައްޕައަށް ނުކޮށްދެވޭނެ ކަންތައް އަހަރެން ކަލެއަށް ހުށަހަޅަމެވެ.  އެހެނީ އަހަރެން މިއީ އެންމެ ފުރިހަމަ ބައްޕަ ވީމައެވެ.
ކަލެއަށް ލިބޭ އެންމެ ރަނގަޅު ހަދިޔާ ދެނީ އަހަރެންގެ އަތުންނެވެ. އެހެނީ ކަލެއަށް ރިޒްގު ދީ ބޭނުންކަންތައް ކޮށްދެނީ އަހަރެން ވީމައެވެ. ކަލޭގެ މުސްތަގްބަލް އަހަރެން ރާވައިފައި ވަނީ އުންމީދުން ފުރިގެންނެވެ. އެހެނީ އަހަރެން ކަލޭ ދެކެވަނީ ދާއިމީ ލޯބި ކަމުންނެވެ. އަހަރެން ކަލެއާ މެދު ކުރާ ފިކުރުތައް ގޮނޑުދޮށުގައިވާ ދޮންވެލި ފުއްތައްފަދައިން ގުނާ އަދަދު ނުކުރެވޭނެއެވެ. އަހަރެން އުފަލުން ލަވަ ކިޔާ ހަދަމެވެ. ކަލެއަށް ރަނގަޅުގޮތް މެދުވެރި ކޮށް ދިނުން ހުއްޓައެއްނުލާނަމެވެ. އެހެނީ ކަލެއަކީ އަހަރެންގެ ޚަޒާނާއެއްފަދަ އަގުބޮޑު މިލްކެކެވެ. ބޭނުންވަނީ ހިތާ ފުރާނައިގައި ކަލޭ ހިމެނުމަށެވެ.
އަހަރެންގެ ހިތް އެދެނީ ކަލެއަށް  މަތިވެރި އަދި އަންތަރީސް ވާވަރުގެ ތަންތަންދެއްކުމަށެވެ. ކަލޭގެ ހިތުގެ އަޑީން އަހަރެން ހޯދަން އުޅެފިނަމަ އަހަރެން ފެންނާނެއެވެ. އަހަރެންގެ ކިބައިން އުފާހޯދާށެވެ. އަހަރެން ކަލޭގެ ހިތުގެ އެދުން ފުރިހަމަ ކޮށް ދޭނަމެވެ. އެހެނީ ކަލޭގެ ބޭނުންތައް އުފެއްދީވެސް އަހަރެން ވީމައެވެ. ކަލޭ ހިތަށްވެސް ނުގެނެވޭހާ ގިނަ ކަންތައް ކޮށް ދިނުމުގެ ކުޅަދާނަކަން އަހަރެންގެ ކިބައިގައި ވެއެވެ. ކަލެއަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެއް ލިބޭނީ ވެސް އަހަރެންގެ ކިބައިންނެވެ. އެހެނީ ކަލޭގެ ހިތް ހަލާކުވާއިރު އަހަރެން ކަލޭގެ ގާތުގައި ވާތީއެވެ.
ބަކަރި ބަލަހަށްޓާ މީހާ ކުޑަ ކަންބަޅިއެއް އުރާލާހެން އަހަރެންގެ މެއާ ގާތްކޮށް ކަލޭ ބޮޑިކޮށް އުރާނަމެވެ. އެއްދުވަހަކުން ކަލޭގެ ހުރިހާ ކަރުނައެއް އަހަރެން ފުހެލަ ދޭނަމެވެ. އަދި ކަލެއަށް  މި ދުނިޔެ މަތީގައި އުފުލަން ޖެހުނު ހުރިހާ ވޭނެއް ފިލުވައި ދޭނަމެވެ.
އަހަރެން ދަރިއެއްގެ ލަގަބުދީފައިވާ އީސާ އާ އެއް ފަދައިން އަހަރެން ކަލޭ ދެކެ ލޯބި ވަމެވެ. އެހެނީ އީސާ އަކީ އަހަރެންގެ ފަރާތުން ފޮނުވި ލޯބީގެހަދިޔާއެކެވެ.  އޭނާ ވަނީ އަހަރެން ސިފައާއި ސޫރައިގައެވެ. އޭނާ އެއައީ، ކަލެއާއެކު އަހަރެން ވާ ކަމާއި އަހަރެންނަކީ  ކަލެއާ ދެކޮޅުވެރިއެއް ނޫން ކަން  ބުނެ ދިނުމަށެވެ. އަދި ކަލޭގެ ފާފަތައް އަހަރެން ގުނަމުން ނުދާ ވާހަކަ ވެސް ބުނެ ދިނުމަށެވެ.
އީސާ މަރުވީ އަހަރެންގެ ގާތަށް ކަލެއަށް އާދެވޭނެ ގޮތް މެދުވެރި ކުރުމަށެވެ. އޭނާ މަރުވުން އެއީ ކަލޭ ދެކެ އަހަރެން ލޯބިވާ މިންވަރު ދައްކާދޭ އެންމެ މަތިވެރި ހެއްކެވެ. އަހަރެން ލޯބިވާ ހުރިހާ އެއްޗެއް ގުރުބާން ކޮށްލީ ކަލޭގެ ލޯތްބަށް ޓަކައެވެ.
ކަލެއަށް  އަހަރެންގެ ދަރިފުޅު އީސާގެނަސްދިން ހަދިޔާ ލިބިއްޖެ ނަމަ ކަލެއަށް އެ ލިބުނީ އަހަރެންގެ ލޯތްބެވެ. އަހަރެންގެ ލޯބި ކަލެއާ ވަކިކުރެވޭ އެއްވެސް ބާރެއް ނުވާނެއެވެ.
ދަރިފުޅާއެވެ! ގެއަށް އަންނާށެވެ. ކަލޭ ދުވަހަކުވެސް ދެކެފައި ނުވާ ވަރުގެ ބޮޑު ޖާފަތެއް އުޑުގައި ބާއްވައި ދޭނަމެވެ. އަހަރެންގެ ސުވާލަކީ ކަލޭ އަހަރެންގެ ދަރިއަކަށް ވާނަންހޭ އެވެ.
އަހަރެން އިންތިޒާރު ކުރާނަމެވެ.
ދަރިފުޅުދެކެ ލޯބިވާ ބައްޕަ.


Nov 26, 2010

އީސާގެފާނު__މާތްﷲގެ ރަހުމަތްފުޅު (3)

ވިސްނުން ބަދަލު ކުރެއްވުން
1 އީސާގެފާނު ދަތުރުކުރައްވާ ދިޔަމަގުމަތީ ޖެރިކޯ ރަށުގެ ތެރެއިން ލާފައި ވަޑައިގެންނެވިއެވެ. 2 އެރަށުގައި ޒައްކާޔުސް އޭ ނަމަކަށް ކިއުނު މުއްސަންޖަކު އުޅުނެވެ. މީނާއަކީ ވާރުފައިސާ ނަގާ މީހުންގެ ވެރިޔާއެވެ. 3 މީނާ އީސާގެފާނު ދުށުމަށް ވަރަށް ބޮޑަށް ބޭނުންވެ އެތަނަށް އައެވެ. ނަމަވެސް އެއްވެފައި ވީ މީސްތަކުންގެ ގިނަކަމުންނާއި އަދި އޭނާއަކީ އިސްކޮޅުންވެސް ކުރު މީހެއް ކަމުން މީސްތަކުންގެ ބޯތަކުގެ މަތިން އޭނާއަކަށް އީސާގެފާނު ފެންނަ ގޮތެއް ނުވިއެވެ. 4 އެހެންކަމުން މީނާ ދުވެފާ ގޮސް މީސްތަކުންގެ ކުރިއަށް އަރާ އީސާގެފާނު ވަޑައިގަންނަވާ މަގުގެ ކައިރީގައި ހުރި ވައްތީނި ގަހަކަށް އަރާ އެކަލޭގެފާނު ދުށުމަށްޓަކާ އޮތެވެ.
5 އީސާގެފާނު އެގަހާ އަރާ ހަމަވެ ވަޑައިގެން ވަގުތު މައްޗަށް ބައްލަވާ ވިދާޅުވިއެވެ.އޭ ޒައްކާޔުސް. އަވަހަށް ގަހުން ފައިބާ. އަހަރެން މިއަދު ކަލޭގެ ގޭގައި ހުންނަން ޖެހިއްޖެ.“ 6 އޭނާ ގަހުން ފައިބައި ވަރަށް އުފަލާއިއެކު އެކަލޭގެފާނަށް މަރުޙަބާ ކިޔާ އެކަލޭގެފާނު އޭނާގެ ގެއަށް ގެންދެވިއެވެ.
7 އެއްވެފައި ވީ މީސްތަކުން މިކަންތައް ދެކެ މިކަމާއި ނުރުހި ފާޑުކިޔުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ.އޭނާ އެދިޔައީ ފާފަވެރިޔެއްގެ މެހްމާނަކު ކަމުގައި ވުމަށް!“
8 އެދުވަހު ޒައްކާޔުސް އެގޭގައި ވީ އެންމެންގެ ކުރިމަތީގައި މާތްސާހިބާއަށް ދެންނެވިއެވެ.މާތްސާހިބާ! އަޅުގަނޑަށް ވާ ހުރިހާ މުދަލެއްގެ ދެބައިކުޅަ އެއްބައި މިރަށުގެ ހުރިހާ ފަޤީރުންނަށް ހަމަ މިއަދު އަޅުގަނޑު ދޭނަން. އަދި އަޅުގަނޑު ހެދި މަކަރުތަކުގެ ސަބަބުން ގެއްލުމެއް ލިބުނު ކޮންމެ މީހަކަށް އެމީހެއްގެ އަތުން ނެގި ތަކެއްޗަށް ވުރެ ހަތަރު ގުނަ އިތުރަށް އެމީހަކަށް ދޭނަން.“
9 އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ.މިއަދު މާތްރަސްކަލާނގެ ކަލެއާއި ކަލޭގެ އާއިލާ ދިންނަވާފި. އެއީ ކަލޭ ވެސް މިއަދު ތި ކަންކުރީ އިބުރާހީމުގެފާނު ވެސް ކަންތައްކުރެއްވި ފަދައިން އީމާންތެރިކަމާއި އެކު. 10 އިންސާނާގެ ދަރިކަލުން މިދުނިޔެއަށް އައީ މަގުއޮޅި ގެއްލިފައިވާ މީހުން ހޯދާ ސަލާމަތް ކުރުމަށްޓަކާ.“
ލޫކާސް  19:1-10
ޝައިތާނާގެ މައްޗަށް ބާރު ފޯރުއްވުން
17 މި ދިޔަ ހަތްދިހަ ދެ *އަސްހާބީން އެނބުރި އައީ ވަރަށް އުފާވެރި ކަންމަތީގައެވެ. އެމީހުން އީސާގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ! އަޅުގަނޑުމެން ކަލޭގެފާނުގެ ނަންފުޅުގަތުމުން *ޖިންނިން ވެސް އަޅުގަނޑުމެންނަށް ބޯލަނބާ.“
18 އީސާގެފާނު ވިދާޅުވިއެވެ. ”ވިދުވަރަކުން އެޅި ހޮނެއް ފަދައިން *އިބިލީސް އުޑުން ބިމަށް ވެއްޓެނިކޮށް އަހަރެން ދުށިން. 19 ހަރުފަ އާއި ނަގުލަންދާށީގެ މައްޗަށް ފައިން އަރާ ޗިސްޗިސް ކޮށްލުމަށާ *ޝައިތާނާގެ ހުރިހާ ބާރެއް ނެތިކޮށްލުމަށް އަހަރެން ކަލޭމެންނަށް ބާރު ދީފިން. އެއްވެސް އެއްޗަކަށް ކަލޭމެންނަކަށް އަނިޔާއެއް ނުދެވޭނެ. 20 އެހެންނަމަވެސް ކަލޭމެން އުފާކުރަންވީކީ ޖިންނިން ކަލޭމެންނަށް ބޯލަނބާތީކީ ނޫން. އުފާކުރަންވީ ކަލޭމެންގެ ނަން *ސުވަރުގޭގައި ލިޔެވިގެން ވާތީ.“
ލޫކާސް  10:17-20

ސުވަރުގެއަށް މަގުފަހި ކޮށްދެއްވުން
39 އީސާގެފާނާއި އެކު ސަލީބަށް އެރުވުނު ދެކުށްވެރީންގެ ތެރެއިން އެކަކު އެކަލޭގެފާނަށް އެއްޗެތި ގޮވަމުން ގެންދިޔަ އެވެ. އޭނާ އެކަލޭގެފާނަށް ބުންޏެވެ. ”ކަލެއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީހާއެއްނު؟ އެހެން ވީއިރު ކަލޭގެ އަމިއްލަ ނަފުސު މިތަނުން ސަލާމަތް ކޮށް އަދި އަހަރުމެން ވެސް ސަލާމަތް ކޮށްދޭންވީނު؟“
40 ނަމަވެސް އަނެއް ކުށްވެރިޔާ އޭނާއާ ދެކޮޅުވެ ބުންޏެވެ. ”މާތްރަސްކަލާނގެ ކިބަފުޅަށް ކޮންމެ ވެސް ވަރެއްގެ ބިރުވެތިކަމެއް ބަހައްޓާ. އަހަރުމެން ތިން މީހުންނަށް މިވަނީ މަރުގެ ޙުކުމް ކޮށްފަ. 41 އަހަރެންނާއި ކަލޭ ކުރި ނުބައި ކަންތައްތަކުގެ ސަބަބުން އަހަރެމެން މިގޮތަށް މަރުވުން ހައްޤު ވެގެން ވޭ. ނަމަވެސް މިމީހާއަކީ އެއްވެސް ނުބައި ކަމެއް ކޮށްފައިވާ މީހެއް ނޫން.“
42 ދެން އޭނާ އީސާގެފާނަށް ދެއްނެވިއެވެ. ”އީސާގެފާނު! ކަލޭގެފާނުގެ ރަސްކަންފުޅުގެ ދުވަހުގައި އަޅުގަނޑުގެ މަތިން ހަނދާމަފުޅު ކުރައްވާތި.“
43 އީސާގެފާނު ޖަވާބުގައި އޭނާއަށް ވިދާޅުވިއެވެ. ”އަހަރެން ކަލެއަށް ޔަޤީން ކަމާއިއެކު ބުނަން. ކަލޭ އަހަރެންނާއި އެކު ހަމަ މިއަދު ސުވަރުގޭގައި ވާނެ.“
ލޫކާސް  23:39-43
ފުރާނަފުޅު ދޫކޮށްލެއްވުން
22 އީސާގެފާނު ވިދާޅުވިއެވެ. ”ބަނީއިސްރާއީލުގެ ވެރިންނާއި ބޮޑު އިމާމުންނާއި އަދި ދަންނަބޭކަލުން އަހަރެން ބުނާ ބަސް ޤަބޫލުނުކޮށް އަދި އެމީހުންގެ އަތުން އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަންނަށް އެތައް އަނިޔާއެއް ލިބޭނެ. އަދި އަހަރެން މަރާލެވޭނެ. ނަމަވެސް މަރުވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަހަރެން އަލުން ދިރި ދުނިޔެއަށް އަންނާނަން.“
ލޫކާސް  9:22
ފުރާނަފުޅު ހަދިޔާ ކުރެއްވުން
15 އެބައިމީހުން ކެއުމުގެ ތެރޭގައި ވަނިކޮށް، އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ.އަހަރެންނަށް އަނިޔާ އާއި ވޭން ލިބުމުގެ ކުރިން ތިޔަބައިމީހުންނާއި އެކު މިޢީދުގެ ކެއުން ކެއުމަށް އަހަރެން ވަރަށް ބޮޑަށް ބޭނުން ވީމު. 16 އަހަރެން ތިޔަބައިމީހުންނަށް ޔަޤީންކަމާއިއެކު ބުނަން. މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން މުޅިން ދިންނަވާ އަދި އަހަރެން އަލްމަސީހު ފަދައިން މުޅި މިދުނިޔޭގެ މައްޗަށް ވެރިކަން ކުރާ ދުވަހު އަހަރެން މިޢީދުގެ ކެއުން ކެއުމުން މިޢީދުގެ އަސްލު މާނަ ފުރިހަމަވެ ނިމޭނެ. އަދި މިފަދައިން ކަންތައްތައް ވުމުގެ ފަހުން ނޫނީ އަހަރެން މިޢީދުގެ ކެއުން އަލަކުން ނުކާނަން.“
17 ދެން އީސާގެފާނު މޭބިސްކަދުރުދިޔަ ތައްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވާ އެތަށި އަސްހާބީންނަށް ދެއްވަމުން ވިދާޅުވިއެވެ.ކަލޭމެން ކޮންމެ މީހަކު މިތަށިން ފޮދުވަރެއް ބޯލާ. 18 އަހަރެން ތިޔަބައި މީހުންނަށް ޔަޤީން ކޮށް ބުނަން. މާތްރަސްކަލާނގެ ރަސްކަންފުޅު މިދުނިޔޭގައި ޤާއިމު ވުމުގެ ފަހުން ނޫނީ އަހަރެން މިބުއިން އަލަކުން ނުބޯނަން.“
19 ދެން އީސާގެފާނު ރޮށްޓެއް ނަންގަވާ މާތްރަސްކަލާނގެ ގެ ކިބަފުޅަށް ޝުކުރު ކުރައްވައި އެރޮށި ބައި ކޮށްލައްވައި އެމީހުންގެ މެދުގައި ބަހާ ލައްވަމުން ވިދާޅުވިއެވެ.މިރޮށިކޮޅު ކާލާ. މިއީ ތިޔަބައިމީހުންނަށްޓަކައި ދެވިފައިވާ އަހަރެންގެ ހަށިގަނޑު. އަހަރެންގެ ހަނދާނުގައި މިގޮތުގެ މަތިން ކަން ކުރޭ.“
20 ކެއުމުން ނިމުމަށް ފަހު އީސާގެފާނު އަނެއްކާ ވެސް މޭބިސްކަދުރުގެ ދިޔަ ތައްޓެއް ނަންގަވާ ވިދާޅުވިއެވެ.މިއީ އެލޭ ތިޔަބައިމީހުންނަށްޓަކައި އޮހޮރުވިފައިވާ އަހަރެންގެ ލޭ. މިލޭ އޮހޮރުވިފައި ވަނީ މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނާއި އެކު ކުރެއްވި އާ އެއްބަސްވުން ޤާއިމު ކުރުމަށްޓަކާ. 
ލޫކާސް  22:15-20
ހިތްހަމަޖެހުން ދެއްވުން
36 މިހުރިހާ އަސްހާބީން މިކަމާއިމެދު ވާހަކަ ދައްކަމުން ގެންދަނިކޮށް މިމީހުންނަށް ފެނުނީ ޚުދު އީސާގެފާނު އެތާނގައި ވަނިކޮށެވެ. އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ.މާތްރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ސަލާމް ލައްވާށި.“
ލޫކާސް  24:36
މާތްރޫހުފުޅު ދެއްވުން.
49 ތިޔަބައިމީހުން މާތްރަސްކަލާނގެ މަތިވެރި ބާރުފުޅު ދެއްވައިފުމަށް ދާންދެން މިރަށުގައި މަޑު ކުރޭ. އަހަރެންގެ ބައްޕަ ވަޢުދުވެ ވޮޑިގެން ވީ ހަދިޔާފުޅު ޚުދު އަހަރެން ކަލޭމެންގެ ކައިރިއަށް ފޮނުއްވާނަން.“
ލޫކާސް  24:49
މިއަދުވެސް ހުންނެވީ ގަދަވެ ހެޔޮހާލު ކޮޅުގައެވެ. މާތްކަލާނގެ ކަނާތްޕުޅު ފަރާތުގައި އެކަލޭގެފާނު އިންނަވައި މީސްތަކުންގެ މައްޗަށް އޯގާވެރިވެ ވަޑައިގަންނަވައެވެ.
69 ނަމަވެސް މިހާރުން ފެށިގެން އިންސާނާގެ ދަރިކަލުން އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އިށީނދެ ވަޑައިގެން ވާނެ.“
ލޫކާސް  22:69
--------------
ބާރުގަދަ މޮޅެތި އެތަށް ބަޔަކު ދުނިޔެއަށް އާސް ފައިވޭ. ރަސްރަސްކަލުނާ، އިލްމުވެރިއްނާ، ސައިންސުގެ މާހިރުއްނާ ، ފަލްސަފާގެ މާހިރުއްނާ. އިލާހީ އިލްމުގެ މާހިރުއްނެއް ދުނިޔޭގަ އުޅެ ނެތި ހިގައްޖެ
ނަމަވެސް އީސާގެފާނު އަދިވެސް ދިރިއެބަހުއްނެވި. އެކަލޭގެފާނީ ދުނިޔޭގަ އުޅެފައިވާ އެންމެ ޚާއްސަ މީހާ.
އެކަލޭގެފާނުގެ އުފަންވުން ހާއްސަ. އިންޖީލުގަ ލިޔެވިގެންވޭ އެކަލޭގެފާނު އުފަންވީ ބިކުރުވެރި އަންހެންކުއްޖެއް ކަމަށްވާ މަރިޔަމްގެފާނުގެ ބަޑުންނޭ.
އެކަލޭގެފާނުގެ ދިރިއުޅުއްވުން ހާއްސަ. އެކަލޭގެފާނުގެ ދިރިއުޅުއްވުމުގައި އާދަޔާ ހިލާފު ގޮތްތަކެއްވި. އެކަލޭގެފާނުގެ ދިރިއުޅުވުމުގައި އެއްވެސް ފާފައެއް ނުކުރައްވާ. އެއްވެސް މީހަކު ދައްކާފާ ނުވާފަދަ މަތިވެރި މުއުޖިޒާތްތަށް އެކަލޭގެފާނު ދެއްކެވި.
އެކަލޭގެފާނު އެންގެވި ބަސްފުޅުތަށް ހާއްސަ. އެކަލޭގެފާނު ލޯބިދެއްވާ، ފާފަތަކަށް މައާފުދެއްވާ އަދި އެކަލޭގެފާނީ ދިއްނެވުން ކަމުގައި ހިޔާރު ކުރާ ކޮންމެ މީހަކަށް މުޅިން އާމަގެއްދައްކަވާ. އެކަލޭގެފާނުގެ ބަސްފުޅުތަށް ޤަބޫލުކުރި ކޮންމެ ތަނެއްގައި އާ ދިރުމަކާ، އާ އުއްމީދަކާ، އަދި ދިރިއުޅުމުގެ އާ މަގްސަދެއް ލިބިފައިވޭ.
ސަލީބުގައި އެކަލޭގެފާނު މަރުވެ ދިޔަކަން ހާއްސަ. ދެހާސް އަހަރުކުރިން ދުނިޔޭގެ ވެރި މަތިވެރި މާތްރަސްކަލާނގެ އެކަލާނގެ ދަރިކަލުން އީސާއަލްމަސީހު ދުނިޔޭގެ މީސްތަކުންގެ ފާފައިގެ ކައްފާރާއެއްގެ ގޮތުން ގުރުބާނަކަށްވުމަށް ފޮނުއްވެވި. އެކަލޭގެފާނު މަރުވީ ކަލެއަށްޓަކާ.
އެކަލޭގެފާނު އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވުން ހާއްސަ. އެކަލޭގެފާނު މަރުވިތާ ތިންވަނައަށް ވީދުވަހު ދުނިޔޭގެ ތާރީހުގައި ހިގި އެންމެ މުހިއްމު ކަންތަށް ހިގި. އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރިދުނިޔެއަށް ވަޑައިގެން
އެކަލޭގެފާނުގެ އުފަންވުމާ، ދިރިއުޅުއްވުމާ، މަރުވުމާ، އަދި އަލުން ދިރި ދުނިޔެއަށް ވަޑައިގަތުމުން ހާމަވެ އެގެނީ އީސާގެފާނީ ހަމަ އެކަލޭގެފާނު އެއީ އެމީހަކު ކަމުގައި ދައުވާކުރައްވާ މީހާކަން. ހަމޔަގީން އެކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން އެންމެހާ މީސްތަކުންގެ ދިއްނެވުން
މިބުނި އީސާއަލްމސީހު ދިރިއެބަހުއްނެވި. އެކަލޭގެފާނު ބޭނުންފުޅުވަނީ ކަލޭގެ ދިރިއުޅުގައި ބައިވެރިވުމަށް. އަދި ކަލޭގެފާފަތަށް ފުއްސަވާ ކަލެއަށް ފުރިހަމަ ދިރިއުޅުމެއް ދެއްވުމަށް. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއަހާ.
ވަރުބަލިވެ އުއްމީދުގެއްލިފައި ވާ ކޮންމެ މީހަކުމެ އަހަރެންގެ ގާތަށް އާދޭ. އަހަރެން އެމީހުއްނަށް ހިތްހަމަޖެހުން ދޭނަން. އަހަރެންމިއީ ތެދުމަގު. އަހަރެންމިއީ ތެދު އަހރެންމިއީ ދިރިހުރުން. އަހަރެން މެދުވެރިކޮށް ނޫނީ އެއްވެސް މީހަކަށް މާތްރަސްކަލާނގެ ހަޒުރަތަކަށް ނުދެވޭނެ.